29 މާރިޗު 2022 - 08:35 0
ޓެނިސް މެޗެއްގެ ތެރެއިން އެމާ.--- ފޮޓޯ: އޭއެފްޕީ
29 މާރިޗު 2022 - 08:35 0
ލަންޑަން (މާޗް 29) - ޓެނިސް ކެރިއަރަށް ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދީ އިސްތިހާރު ކުޅެން އުޅޭ ކަމަށް ބުނެ، އިނގިރޭސި ޓެނިސް ތަރި އެމާ ރަޑުކާނޫ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އޭނާ ޖަވާބުދީފި އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އުމުރުން 19 އަހަރުގެ އެމާ އަށް ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކޮށް، އިނގިރޭސި ޓެނިސް ތާރީހާއި ދުނިޔޭގެ ޓެނިހުގެ ތާރީހުން ވެސް ހާއްސަ ޖާގައެއް ހޯދުމުންނެވެ. އެ ކާމިޔާބީ އަށް ފަހު އެމާ އަށް ބޮޑު މުބާރާތެއްގައި ކާމިޔާބާ ހަމައަށް ވާސިލްނުވެވޭއިރު، ގިނަ އިސްތިހާރު ޑީލްތަކެއް އޭނާ އަށް ދަނީ ލިބެމުންނެވެ.
އެހެންވެ، ކުރީގެ ގިނަ ކުޅުންތެރިންނާއި ޓެނިހުގެ ތަޖުރިބާކާރުން އަންނަނީ އެމާގެ ފޯކަސް އަކީ މިހާރު ޓެނިސް ކެރިއަރަށް ވުރެ، ބްރޭންޑިން އާއި އިސްތިހާރުތަކުގައި ބައިވެރިވުން ކަމަށް ބުނެ ފާޑުކިޔަމުންނެވެ. އެ ވާހަކަތަކުގެ އަޑުގަދަވެ، އެމާގެ ކެތްތެރިކަން ކޮޅުންލައި، ވަނީ ރައްދުދީފަ އެވެ.
"ކޮންމެ ދުވަހަކު އަހަރެން ފަހެއް ނޫނީ ހަ ގަޑިއިރު ޓްރެއިނިން އެބަގެންދަން. ކްލަބްގައި (ޓްރެއިނިން ސެންޓަރުގައި) 12 ގަޑިއިރު އެބަ ހޭދަކުރަން. އަހަރެން ކާރުގައި އެކަނި ދާއިރު (މި ސޯޝަލް މީޑިއާ އަށް އިސްތިހާރުތަކާ ބެހޭ) ޕޯސްޓެއް ލަނީ. އެކަމަކު، ކުއްލިއަކަށް މިވީ އަހަރެން ޓެނިހަށް ފޯކަސް ނުކުރާ ކަމަށް،" އެމާ ބުންޏެވެ.
"މީގެ އެބަޖެހޭ ވަރަށް ބޮޑަށް ދެ ފަރާތް ފެންނަ ގޮތަށް ހިޔާލުފާޅުކުރަން. ވަރަށް ނާއިންސާފުން ދެކެވޭ ވާހަކަތަކެއް މިހާރު އެ ފެންނަނީ. އަހަރެން މި އުޅެނީ ހަމައެކަނި އިސްތިހާރު ކުޅުމުގައެއް ނޫން،"
އެމާ އަށް އިސްތިހާރު ޑީލްތައް ދީފައިވާ މަޝްހޫރު ކުންފުނިތަކަށް ބަލާއިރު، ވޮޑަފޯން، ޑިއޯ، ނައިކީ، ބްރިޓިޝް އެއާވޭސް، ޓިފަނީ އަދި ޕޯޝް ބްރޭންޑް ހިމެނެ އެވެ.
ގިނަ ބަޔެއްގެ ފާޑުކިޔުން އެމާ އަށް އަމާޒުވަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން އެމާ ބަލިވެފައިވާއިރު، އެ ނަތީޖާތަކަށް ފަހު ދުނިޔޭގެ ރޭންކިންގެ ގަދަ 10 އިން ވެއްޓި މި ވަގުތު 13 ވަނައިގައި އޮތުމުންނެވެ.
Comment