28 މާރިޗު 2022 - 14:28 0
ގައުމީ ވޮލީބޯޅަ ޓީމުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
28 މާރިޗު 2022 - 14:28 0
ރާއްޖޭގައި މި އަހަރު ބާއްވަން ނިންމާފައިވާ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މުބާރާތް އަންނަ އޮކްޓޫބަރު މަހަށް ތާވަލުކޮށް، ސެންޓްރަލް ޒޯން ޗެލެންޖް ކަޕް ޑިސެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ވީއޭއެމުން އިއްޔެ އާންމުކުރި އަހަރީ ކަލަންޑަރުގައިވާ ގޮތުން ބީޗް ވޮލީބޯލް ޕްރޯ ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓްކުރާނީ އޮކްޓޫބަރު 13-16 އަށެވެ. ވައިލްޑްކާޑް އެންޓްރީގެ ގޮތުގައި ރާއްޖޭގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ. ރާއްޖޭގެ ބީޗްވޮލީބޯޅަ ކޯޗަކީ އެފްއައިވީބީގެ ކޯޗިން ސަޕޯޓް ޕްރޮގްރާމްގެ ތެރެއިން ހަމަޖައްސާފައިވާ ކޯޗު، ވިނީޝިއުސް މާޓީން ޖިއޯނީ އެވެ. ވިނީޝިއުސް ހަވާލުވިތާ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭން ހޯދާފައިވާ ކުރިއެރުން، ދުނިޔޭގެ ފެޑެރޭޝަނުން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ސެންޓްރަލް ޒޯން ޗެލެންޖް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތް ޑިސެމްބަރު މަހު ރާއްޖޭގައި ހޯސްޓްކުރާއިރު، އެ މުބާރާތުން މެޑަލަކަށް ޓާގެޓްކޮށްގެން ވީއޭއެމުން ގިނަ މަސައްކަތްތަކެއް މި އަހަރު ތެރޭ ކުރާނެ އެވެ. އެ ގޮތުން ގައުމީ ފިރިހެން ވޮލީ ޓީމަށް ވަނީ ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ހަމަޖައްސައިފަ އެވެ. ކޯޗު، ވެލޯސޯއާ އެކު ފިރިހެން ވޮލީޓީމުން ޓްރެއިނިންތައް ކުރިއަށްގެންދާއިރު، އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ މި ވަގުތު ވެސް ހަވާލުވެހުރީ މުމްތާޒް އަލީ (މުންތޭ) އެވެ.
ރާއްޖޭން މި އަހަރު ބައިނަލްއަގުވާމީ އިތުރު މުބާރާތްތަކެއްގައި ވެސް ވާދަކުރާނެ އެވެ. އެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ބީޗްވޮލީ ޓީމު ވަނީ ފެބްރުއަރީ މަހު ލަންކާގައި ބޭއްވި ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތުގައި ކުޅެފަ އެވެ. އަދި މި މަހުގައި ގައުމީ ބީޗްވޮލީ ޓީމުގެ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ވާދަކޮށްފަ އެވެ.
މި އަހަރު ބީޗްވޮލީބޯޅައިގެ އޭވީސީ ޓުއާގެ ދެ މުބާރާތް އެބައޮތެވެ. އެއީ ޖޫން މަހު ތައިލެންޑްގައި އޮތް މުބާރާތާއި ސެޕްޓެމްބަރު މަހު ޗައިނީސް ޓައިޕޭގައި ބާއްވާ ބީޗް މުބާރާތެވެ. މީގެ އިތުރުން، ފުރުސަތު ލިބިއްޖެނަމަ ކޮމަންވެލްތު ގޭމްސްގައި ވެސް ބައިވެރިވާ ގޮތަށް އޮތްއިރު، އޮގަސްޓް މަހު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސެޕްޓެމްބަރު މަހު ބާއްވާ އޭޝިއަން ގޭމްސްގައި ވެސް ރާއްޖެ ވާދަކުރާނެ އެވެ.
Comment