5 މާރިޗު 2022 - 11:05 0
ވިރާތުގެ 100 ވަނަ މެޗުގެ ތެރެއިން އޭނާގެ އަންހެނުން އަނުޝްކާ ޝަރްމާއާ އެކު.-- ފޮޓޯ: އޭއެފްޕީ
5 މާރިޗު 2022 - 11:05 0
މޮނާލީ، އިންޑިއާ (މާޗް 5) - ކެރިއަރުގައި 100 ޓެސްޓް ކްރިކެޓް މެޗު ކުޅެވޭތީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކި ފޯމެޓްތަކުގެ ކްރިކެޓް މުބާރާތްތައް ކުޅެމުން ވެސް އެންމެ މަތީ ލެވަލްގައި ފިޓްނަސް ބަހައްޓަން ކުރެވުނު މަސައްކަތް ދެމެހެއްޓުން ކަމަށް އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ ބުނެފި އެވެ.
ލަންކާއާ ދެކޮޅަށް އިއްޔެ އިންޑިއާ ޓީމުގައި ހިމެނިގެން ވިރާތު ކުޅުނު މެޗުގެ ކުރިން 100 ޓެސްޓް މެޗު ހަމަކުރުމުގެ ޝަރަފުގައި އޭނާ އަށް ހާއްސަ އެވޯޑެއް ދިނެވެ. ވިރާތަށް އެ އެވޯޑް ދިންއިރު، ކައިރީގައި އޭނާގެ އަންހެނުން، ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ހުއްޓެވެ.
އިއްޔެގެ މެޗުގައި ވިރާތު ވަނީ 40 ލަނޑު އެއްކޮށްފަ އެވެ. ވިރާތާއި ހަނުމާ ވިހާރީގެ ޕާޓްނާޝިޕުން ވަނީ 90 ލަނޑު ހަދައިފަ އެވެ.
ވިރާތު އެންމެ ފުރަތަމަ ޓެސްޓް މެޗެއް ކުޅުނީ 2011 ވަނަ އަހަރު ވެސްޓް އިންޑީސްއާ ދެކޮޅަށެވެ. ފާއިތުވި 11 ވަރަކަށް އަހަރު ގިނަ މެޗުތަކެއް ކުޅެފައިވާ ވިރާތު، އިއްޔެ ބުނީ މި ވޭތުވެދިޔަ މުއްދަތުގައި އޭނާ ހަމައެކަނި ޓެސްޓް ކްރިކެޓަށް ހުސްވެ ހުރީކީ ނޫން ކަމަށާއި އެކި ފޯމެޓްތަކުގެ ކްރިކެޓް މުބާރާތްތައް އެންމެ މަތީ ލެވަލްގައި ކުޅެން ގިނަ ކަންތައްތަކެއް ކުރަން ޖެހުނު ކަމަށެވެ.
"އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިދިޔަ 10 ނޫނީ 11 އަހަރު އެއް ލެވަލެއްގައި ހިފެހެއްޓުން. އެކި ފޯމެޓްތަކުގެ މުބާރާތްތަކެއް ކުޅެވޭ ލެވަލްގައި އަހަރެންގެ ފިޓްނަސް ބަހައްޓަން ކުރެވުނު މަސައްކަތަކީ މީގެ ހިތްހަމަޖެހުމަކީ. ވަރަށް ބައިވަރު ކަންތައްތައް ދިރިއުޅުމުން ބަދަލުވަމުން ދިިޔައިރު ވެސް ފިޓްނަސް އާއި ޑިސިޕްލިން އަދި ލައިފްސްޓައިލް ހިފެހެއްޓުމުގެ އިނާމު މިއީ،" ވިރާތު ބުންޏެވެ.
ވިރާތު ކުޅެފައިވާ އެހެން ފޯމެޓްތަކުގެ ކްރިކެޓް މެޗުތަކުގެ ޖުމްލަ އަދަދަށް ބަލާއިރު، އޭނާ ވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް 207 މެޗު ކުޅެދީފަ އެވެ. މީގެ އިތުރުން 357 ލިމިޓެޑް އޯވަރުގެ މެޗުތައް ވިރާތު ވަނީ ކުޅެފަ އެވެ.
މިދިޔަ މަހު އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޫކޮށްލުމުގެ ކުރިން ވިރާތު ވަނީ ކެޕްޓަނަކަށް ހުރެ ކުޅުނު 68 ޓެސްޓް މެޗުން 40 މެޗު ކާމިޔާބުކޮށްފަ އެވެ. ވިރާތަކީ އިންޑިއާގެ ޓެސްޓް ކްރިކެޓަށް ބަލާނަމަ އެންމެ ކާމިޔާބު ކެޕްޓަނެވެ. ވިރާތު އަތުން އިންޑިއާގެ ހުރިހާ ފޯމެޓެއްގެ ކްރިކެޓް ކެޕްޓަންކަން ގެއްލުނީ މިދިޔަ އަހަރު ފަހުކޮޅުގަ އެވެ.
އިންޑިއާގެ ހުރިހާ ފޯމެޓެއްގެ ކްރިކެޓް ޓީމުގެ ކެޕްޓަންކަން މިހާރު ކުރަމުން އަންނަނީ ރޯހިތު ޝަރްމާ އެވެ.
ވިރާތުގެ 100 ވަނަ ޓެސްޓް މެޗުގައި ދަނޑުފުރޭ ވަރަށް ސަޕޯޓަރުން ނުވައްދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. ސޯޝަލް މީޑިއާގައި ވިރާތުގެ ބައެއް ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި މިއީ ވިރާތު އަތުން އިންޑިއާގެ އެކި ކްރިކެޓް ޓީމުތަކުގެ ކެޕްޓަން ބޭންޑް އަތުލަން އިންޑިއާ ކްރިކެޓް ބޯޑުން ހިންގި އަމަލުތަކަށް އިތުރުވި އެއް ބޮޅެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment