Advertisement

ޝަކީބް ހެއްދީ ރަށުން ބޭރަށް ދިޔަޔަސް ހަލާކުނުވާނެ ދަނޑެއް!

7 އޭޕްރީލް 2022 - 09:37 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކާށިދޫގައި އެންމެ ބޮޑު ރުއްދަނޑެއް ހައްދައި ބަލަހައްޓާ، އިސްމާއީލް ޝަކީބް އޭނާގެ ރުކަކުން، ކުރުނބަލެއް އަޅަނީ. ފޮޓޯ: އާއިމް ޒަމީރު/އަދަދު


ޝަކީބް ހެއްދީ ރަށުން ބޭރަށް ދިޔަޔަސް ހަލާކުނުވާނެ ދަނޑެއް!

7 އޭޕްރީލް 2022 - 09:37 2

ވަށައިގެން ތިބި އެންމެން ވެސް ދަނޑުހައްދަ އެވެ. ދިރިއުޅުމަށް އެހެން ކޮންމެ މަސައްކަތެއް ކުރިޔަސް ކާށިދޫގެ ހަމަ ކޮންމެ މީހެއްގެ ވެސް ދަނޑެއް އޮވެޔޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަމަކު އެ ނަސީބު ނުލިބެނީ ރަށުން ބޭރަށް ގިނަ ގިނައިން ދާން ޖެހޭ މީހުންނަށެވެ. ކާށިދޫ، މާވިނަ، އިސްމާއީލް ޝަކީބް، 63 އަކީ އޭގެ ތެެރެއިން އެކަކެވެ. ޒުވާން އުމުރުގައި އޭނާގެ ހާއްސިއްޔަތަކީ މާވަޑާމެވެ.

އެ މަސައްކަތްކުރަން ޝަކީބް އެހެން ރަށްރަށަށް ކުރާ ދަތުރު ބައެއް ފަހަރަށް މަސް ދެ މަސްދުވަހަށް ދެމިގެންދެ އެވެ. ބައެއް ދޯނިފަހަރު ބަންނަން ގެންދާ ވަޑިން އެނބުރި އެމީހުންގެ ރަށަށް ދާނީ ފަށަން ކަނޑޫ ކަމަޅީގައި ތިއްބީއްސުރެ، ފައްގަނޑު ޖަހައި އެތެރެވަތް ވެސް އަޅާލައިފަ އެވެ.

"ސުނާމީގެ ފަހުން އަޅުގަނޑު މުޅިން ރުކަށް ބަދަލުވީ. އެއީ އަޅުގަނޑަކީ މާވަޑާން ކުރި މީހެއް. އެހެންވީމާ ވާގޮތަކީ ވަޑާމަށް މީހުން ބަލާ އައިމާ އެބަ ޖެހޭ ދާން. އެހެންވީމާ ރުއް ނޫންތޯ ހުންނާނީ [ހަލާކުނުވެ]. އެގޮތަށް ދާން ޖެހޭތީ ރުއް ހައްދަން ފެށީ. މިހާރު މިސާލަކަށް މިރުސް ނޫނީ އެބާވަތުގެ އެހެން އެއްޗިހި، ހަލާކުވާނެނޫންތޯ،" އެދުވަހު ހަވީރު އަހަރެމެން ކުރުނބާ ބުއި ރުއްދަނޑުގެ ފެށުން އައި ގޮތް ކިޔައިދޭން ފެށުމުގެ ގޮޮތުން ޝަކީބް ބުންޏެވެ.

ޝަކީބް އޭނާގެ ރުއްދަނޑުން ވިނަކޮށަނީ. ފޮޓޯ: އާއިމް ޒަމީރު/އަދަދު


އެ ވިސްނުމުގައި އޭނާ އިންދަން ފެށި ރުއްތަަކުގެ އަދަދު އިތުރުކުރަމުން އައިސް މިހާރު އެއީ 1،000 ރުއްހުރި ރުއްދަނޑެވެ. އެއީ މުޅި ރާއްޖޭގައި ވެސް ބަލައިގެން ރުކުގެ ވަކި ބާވަތްތަކެއް މިހެން އިންދާފައިވާ އެންމެ ބޮޑު ރުއްދަނޑުކަމަށް ވެދާނެ އެވެ. އެސްޓީއޯއިން މީގެ ކުރީގައި އިންޑަސްޓްރިއަލް މަސައްކަތެއްގެ ގޮތުގައި ވަކި ރަށެއް ނަގައި މުޅި ރަށުގައި ރުއް އިންދި ފަހަރު ނޫނީ މިވަރުގެ ބޮޑު ރުއްދަނޑެއް ހެއްދިކަމެއް އެނގޭކަށް ނެތެވެ.

ޝަކީބްގެ 1،000 ރުކުގެ ތެެރެއިން 800 ރުކަކީ މިހާރުވެސް ފޯދިފައިވާ ރުއްތަކެވެ. ނުފޯދި ހުރީ އޭގެ ތެރެއިން އެންމެ 200 ރުކެވެ. އޭނާގެ ދަނޑުގައި މުޅިންވެސް ހުރީ ކުރުނބާ ބޯން އެންމެ ކަމުދާ ބާވަތްތަކެވެ. އެއީ ޖާފާނުރުކުގެ ދެބާވަތާއި މެލޭޝިއާ ރުކުގެ ގޮތުގައި މަޝްހޫރުވެފައިވާ ތަންކޮޅެއް ބޮޑެތި ކުރުނބާ އަޅާ ބާވަތެެއްގެ ރުކެވެ.

އޭނާ ބުނި ގޮތުގައި އަހަރެމެން ގޮސް އޭނާގެ ރުއްދަނޑު ބަލައިލިއިރު ގިނަ ރުއްތަކުގެ މަތިވަރު އެވަނީ ގޮސްފަ އެވެ. އެކަމަކު ރުކަކީ މަތިވަރު ދިއުމަށް ފަހު އެތައް ފަހަރަކު ވެސް ރަނގަޅުވާ، ވަރަށް ދިގު މުއްދަތަކަށް ކާންލިބޭ އެއްޗެކެވެ. އެނަތީޖާ ނެރެވޭނީ އެކަމަކު ވަރަށް ރަނގަޅަށް ރުއްތައް ބަލަހައްޓާ ނަމަ އެވެ.

"މަތިވަރު ގޮސްފައި އޮންނަ އިރު ތަންކޮޅެއް ދަށްވާނެ. އެހެން ނޫނިއްޔާ އާންމުކޮށް 4،000 ނުވަތަ 5،000ރ. ލިބޭނެ ހަފްތާއަކު،" ކުރުނބާ ވިއްކައިގެން ލިބޭ އާމްދަނީއާ ބެހޭ ގޮތުން ސުވާލުކޮށްލުމުން ޝަކީބް ބުންޏެވެ.

ހަވީރުގެ އެންމެ ހިތްގައިމު ވަގުތުގައި އަހަރެމެން ގޮސް ޝަކީބުގެ ދަނޑަށް ވަނުމުން ކަތިވަޅިއެއް ހިފައިގެން އެ ދިޔަ ގޮތަށް ގޮސް އޭނާ ގެނެސްދިނީ ދެތިން ހަތަރު ކުރުނބަ އެވެ. ޖާފާނު ރުއްތަކުގެ ތެރެއިން ދޮންދަނބު ރުކެއްގައި، ބިންމަތީ ހުރެ އަތުޖެހޭ ހިސާބުގައި އޮތް އިހަލުން އޭނާ ކަނޑައިލި ކުރުނބާތައް ވަރަށް އަވަސް ހަރަކާތްތަކާއެކު މަށައިލި އެވެ.

ޝަކީބު އޭނާގެ ދަނޑުގައި ހުރި ރުކަކުން ކުރުނބާ އަޅަނީ --- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ކުރުނބާބޯން ހުއްޓާ، ޒޫން އަޑެއް އިވިގެން ބަލައިލިއިރު ޝަކީބް އުޅެނީ ވިނަކޮށާ މެޝިނެއް ޖައްސައިގެންނެވެ. އެ މެޝިން ހިންގާލި ގޮތުންވެސް ފެނުނީ އޭނާގެ ހުނަރުވެރިކަމެވެ. އާންމުކޮށް ވަރަށް މަޑުމަޑުކޮށް ހުންނަ އާދައިގެ ވިނަ ކޮށަން ބޭނުންކުރާ ތިލައިން ވަލުތެރެ ސާފެއް ނުކުރެވޭނެ އެވެ. ހިކިފަނާއި އިލޮށިވެސް ބުރިވާން ޖެހެ އެވެ. އެހެންވެ އެކަމަށް ހާއްސަ ތިލައެއް އަމިއްލައަށް ހަދައި، މެޝިނުގައި އަޅުވާލައިފައި ހުއްޓެވެ.

"އަޅުގަނޑަކީ ދެން ވަޑާންކުރާ މީހަކަށް ވާތީ ދެން، އެކަހަލަ ހިޔާލުތައް އާދޭ،" ވިނަކޮށާ މެޝިނާ ބެހޭ ގޮތުން ސުވާލުކޮށްލުމުން އޭނާ ބުންޏެވެ.

ހަވީރުގެ ހިތްގައިމު ވަގުތުގައި ޝަކީބްގެ ރުއްދަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގައިލުމަށް ފަހު އޭނާގެ އެ ކާމިޔާބީގެ ވާހަކަތައް އަހަން އަހަރެމެން އެގެއަށް ދިޔައީ އިޝާގެ ފަހުންނެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެގެއަށް ވަދެލުމުން ވެސް އޭނާގެ މުރާލިކަމުގެ ފޮނި ނަތީޖާ ރީއްޗަށް ފެންނަން އޮތެވެ. ގޭގެ ފުރަތަމަ ބުރީގައިވާ ތަނަވަސް ސިޓިންރޫމްގައި ހުރި ސޯފާއެއް ދައްކައިލުމަށް ފަހު އަހަރެމެންނާ އެކު ޝަކީބް އިށީނީ މިހާރު އުޅޭ ކުދިން ކިޔާ ގޮތުން ނަމަ "ވަރަށް ސްޓައިލް"ގަ އެވެ. އުމުރުން 63 އަހަރުގައި ވެސް އޭނާ ވަރަށް ދުޅަހެޔޮވެފައި ހަރަކާތްތެރި އެވެ.

މަސައްކަތް ފެށީ އުމުރުން އެންމެ 12 އަހަރުގައި

ޝަކީބް ބުނި ގޮތުގައި އޭނާ އުފަންވި އިރު ވެސް އޭނާގެ އާއިލާގެ އެތައް ރުކެއް ކާށިދޫގައި ހުއްޓެވެ. އެކަމަކު އެއީ ހަމަ ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހުންނަހެން، ރަށުގެ އެތަން މިތަނުގައި ހުރި ދިވެހި ރުއްތަކެކެވެ. އެ ރުއްތަކުން ހޯދާހާ ވެސް ނަފަޔަކީ ކާށި ވިއްކައިގެން ލިބޭ އެއްޗެކެވެ. އެ ރުއްތައް ސާފުކުރުމާއި އިތުރު ރުއްތައް އިންދުން ފަދަ މަސައްކަތްތަކުގައި އޭނާ ބައިވެރިވާން ފެށީ މިހާރުގެ ކުދިންހެން، ސްކޫލް ނިމިގެން، ކުރާނެ ކަމެއް ނެތި ރަށު ތެރޭ ހޭވެން އެތައް އަހަރެއް ނަގައިލާފައި އުމުރުން ވިހިތިރީސް އަހަރުވީ ފަހުންނެއް ނޫނެވެ. އެއާ ހިލާފަށް އޭނާ މަސައްކަތަށް ނުކުތީ ވަރަށް ހަގު އުމުރެއްގަ އެވެ.

"އަޅުގަނޑުގެ އުމުރުން 12 އަހަރުގައި މަސައްކަތް ފެށީ. އެކަމަކު ދަނޑުގައި އެހުރި ޖާފާނު ރުއްތަކަކީ 12 އަހަރުގައި ޖަހާފައި ހުރި ރުއްތަކެއް ނޫން. އެތާ އެހެރަ ދިގު ރުއްތައް އެއީ އަޅުގަނޑު އޭރު ޖެހި ރުއްތައް،" ޝަކީބް ބުންޏެވެ.

ޝަކީބުގެ ދަނޑު އޭނާ ހައްދަން ފެށީ އުމުރުން 12 އަހަރުގައި --- ފޮޓޯ: އާއިމް ޒަމީރު/އަދަދު


އޭނާ އެބުނީ މިހާރު އެންމެ ލޯބިން ބަލަހައްޓާ ޖާފާނުރުއްތައް ހުރި ސަރަހައްދަށް ވަންނަން ދާއިރު ފެންނަ ދިގު ރުއްތަކުގެ ވާހަކަ އެވެ.

ޖާފާނު ރުއް ހައްދަން ފެށީ އޭނާ ބުނި ގޮތުގައި އަދި މާފަހުންނެވެ. އޭރު އޭނާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އެތައް ދޯންޏެއް ވެސް ބަނދެފި އެވެ. އޭގެ ކުރިން ދިވެހި ރުއްތަކެއް ބެލެހެއްޓިޔަސް އެއީ ކޮންމެެހެން ވަކިވަރެއްގެ އާމްދަނީއަކަށް އަމާޒުކޮށްގެން ކުރިކަމެއް ނޫނެވެ. އެގޮތަށް މަސައްކަތް ފެށީ އަދި މާފަހުންނެވެ.

"ދެން ވަކި ހިސާބަކުން ހިތަށް އަރައިފި މިހެން ރަށުން ބޭރުގައި ވަރަށް ދުވަހު އުޅެވިއްޖެއޭ. ރަށުގައޭ ދެން ހުންނާނީ. ބޮޑު ސަރަަހައްދެއްގައި ޖާފާނު ރުއް އިންދައި އެއީ މަސައްކަތަކަށް ހެދީ އެހިސާބުން. ކުރީގައި ރުއްތައް ހުންނާނީ މީހަކާ ހަވާލުކޮށްފައި. ކުރުނބާ ގަންނަން ބަޔަކު އައިސްފިއްޔާ ވިއްކަން ހަވާލުކޮށްފައި އޮންނާނީ އޭނާޔާ،" ރުއްދަނޑުގެ އެންމެ އިހުގެ ތަޖުރިބާ ކިޔައިދެމުން ޝަކީބް ބުންޏެވެ.

ކާށިދޫ ބައެއް މީހުން ބުނި ގޮތުގައި މިހާރު އެެއީ "ދަ ޖަންގަލް މޭން" އެވެ. އޭނާ އަބަދުހެން އުޅޭނީ ރުއްދަނޑުގަ އެވެ. އެތަނުގައި ގިނައިރު އުޅެން ޖެހޭތީ އެ އިންތިޒާމް ވެސް އޭނާ އޮތީ ހަޖަމައްސައިފަ އެވެ. ރުއްދަނޑުގެ ތެރޭގައި ކުޑަވަރެއްގެ ފިޔަފާޅިއެއް ހަދައި އެތަނަށް ކަރަންޓުވެސް ހުރީ ގުޅައިފަ އެވެ. މަސައްކަތަށް ބޭނުންކުރާ ހުރިހާ ސާމާނެެއްހެން ބަހައްޓައިފައި ހުންނަނީ ވެސް އެތަނުގަ އެވެ.

ޝަކީބުގެ ދަނޑުގައި ހުރި ރުކަކުން އެޅި ކުރުނބަލެއް އޭނާ ކަނޑަނީ --- ފޮޓޯ: އާއިމް ޒަމީރު/އަދަދު


ޝަކީބް ބުނި ގޮތުގައި ކުރުނބާ ވިއްކަން ކުރިން އޭނާ މާލެއަށް ގޮސް އުޅުނެވެ. އެހެން ނަމަވެސް މިހާރު އެކަން އޮތީ ވަރަށް ފަސޭހަކޮށްލައިފަ އެވެ. ކުރުނބާ އަޅާކަށް އަދި ވިއްކަން ތަނަކަށް ގެންދާކަށް ވެސް ނުޖެހެ އެވެ. ކަސްޓަމަރުންގެ ގާތަށް އޭނާ ދިއުމުގެ ބަދަލުގައި މިހާރު އަންނަނީ ކަސްޓަމަރެވެ.

"އަޅުގަނޑުމެން ރަށަށް ވިއްކައިލަނީ. ރުކުގައި ހުއްޓާ ވިއްކައިލަނީ ވެސް. ރުކުގައި ހުއްޓާ ހަޔަކަށް،" އޭނާ ބުންޏެވެ.

އެހެންވީމާ އޭނާގެ މަސައްކަތް އޮންނަނީ ވަރަށް ފަސޭހަކޮށެވެ.

ޝަކީބަކީ ރާއްޖޭގައި މީހުން އާންމުކޮށް ކޮށް އުޅޭ ގާތްގަނޑަކަށް ހުރިހާ މަަސައްކަތެއް ވެސް ދަންނަ މީހެކެވެ. ޒުވާން އުމުރުގައި އޭނާ ކުރީ ދެބާވަތުގެ ވަޑާމެވެ. ރުއްތައް ބެލެހެއްޓުމަކީ އޭރުގައި ހުސްވަގުތުގައި ކުރާ ކަމެކެވެ. ރުއްތަކަށް ހާއްސަވީ ފަހުން އޭނާ ރާވެސް އެރި އެވެ.