Advertisement

ސަސް އަތުން ޓީސީ އަށް ލީގުގެ ފުރަތަމަ މޮޅު

21 ފެބުރުވަރީ 2022 - 21:36 0

ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަދަދު


ސަސް އަތުން ޓީސީ އަށް ލީގުގެ ފުރަތަމަ މޮޅު

21 ފެބުރުވަރީ 2022 - 21:36 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރުމެޗު ނިމެން ގާތްވެފައިވަނިކޮށް މުހައްމަދު މުސްލިހު (މުއްޓި) ޖެހި ގޯލާ އެކު 2-1 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ ބަލިވީ އީގަލްސްއާ ވާދަކޮށް 2-1 އިންނެވެ. ޓީސީ ލީޑުގައި އޮއްވައި، އެ މެޗުގައި އީގަލްސް ނަތީޖާ އަނބުރާލީ މެޗުގެ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެންނެވެ. ސަސް މި ފަހަރުގެ ސީޒަން ފަށަން ޖެހިފައިމިވަނީ ދެ ބަލިންނެވެ. ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން ބަލިވީ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ސަސް އިންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ މިނިޓްގައި ޖަހައިދިނީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. ސަސްގެ މުހައްމަދު ޝާހާއު ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅަ ޕިލާ ވަނީ ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ޓީސީގެ ގޯލުގައި ހުރި ސްރީ ލަންކާގެ ސުޖަން ޕެރޭރާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ސަސްގެ ގޯލަށް ފަހު ދެ ޓީސީން މަޑުމަޑުން މެޗުގެ ތެރެއަށް ވަނެވެ. މުޅިން ހުސް ފުރުސަތުތައް ނުލިބުނު ނަމަވެސް ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ހޯދި އެވެ. ލީޑް ފުޅާކުރަން ސަސްގެ ޔަސްފާދު ހަބީބް (މުލަކޭ) އަށް ދެ ބޯޅައެއް ލިބުނެވެ. އެންމެ ހުސްކޮށް ލިބުނު ފުރުސަތުގައި މުލަކޭ ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ޓީސީގެ ޑިފެންޑަރު އަހުމަދު މާއިޝް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ސާމިއު އެވެ. އީގަލްސް ކޮޅަށް ޓީސީގެ ގޯލު ޖެހި ސާމިއު މި މެޗުގައި ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީ އަށް ލިބުނު ކޯނަރަކުންނެވެ. ހައިޝަމް ރަޝީދު ނެގި ކޯނަރު ފުރަތަމަ ބޮލުން ފޮނުވާލީ ޑިފެންޑަރު އަލާ ނާސިރު އެވެ. އަލާ ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު އަހުމަދު ޝަފީއު (ޗެކް)ގެ އަތުގައި ޖެހިފައި ނިކުތް ވަގުތު ސަސްގެ ޑިފެންޑަރުންނަށް ދިފާއު ނުކުރެވިގެން އުޅެނިކޮށް ސާމިއު ވަނީ ގޯލަށް ފޮނުވާލައި ޓީސީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފެނުނީ ފޯރިގަދަކޮށެވެ. ދެ ޓީމުން ވެސް ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރިއިރު، ގިނަ ފައުލްތަކެއް މި ހާފުގައި ފެނުނެވެ. ސަސްގެ ޕިލާ އަދި ޝަހާއު އަށް މި ހާފްގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރު ވިއެވެ.

ޓީސީ މޮޅުވި ގޯލް ޖެހީ މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަހުނަފު މުހައްމަދު ތަސްނީމް (ނަފްކޮ) ބޯޅައާ އެކު އޭރިއާ ތެރެއަށް ވަތް ވަގުތު ސަސްގެ މަމްދޫހު އިބްރާހިމް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޓީސީ އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުއްޓި އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ އާއި އީގަލްސް އެވެ.