Advertisement

"އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސިފައިންގެ އިސް އޮފިސަރުން ގަބޫލުކުރޭ!

18 ފެބުރުވަރީ 2022 - 08:08 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

241 ކޮމިޓީގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲމޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފު ބައިވެެރިވަޑއިގަންނަވަނީ.


"އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސިފައިންގެ އިސް އޮފިސަރުން ގަބޫލުކުރޭ!

18 ފެބުރުވަރީ 2022 - 08:08 0

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ހިންގާ ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ސިފައިންގެ މަތީ ރޭންކްތަކުގެ ގާތްގަނޑަކަށް ހުރިހާ އޮފިސަރުން ވެސް ގަބޫލުކުރައްވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވޭތޯ ނުވަތަ ނޫންތޯ ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކްއަރީގައި، އެ ކޮމިޓީއަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން ޝަމާލް ވިދާޅުވީ އެ ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް، ލަފާދޭ މަޖިލީހާއި ކޮމާންޑިން ސްޓާފް ލެވެލްގައި މަސައްކަތް ކުރައްވާ އޮފިސަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިފައިންގެ އެންލިސްޓެޑް އޮފިސަރުންނާއި ސީނިއާ އެެންލިސްޓެޑް ލީޑަރުންގެ ތެރޭގައި ވެސް އޮތީ އެ ވިސްނުން ކަމަށެވެ.

"އެ ފަރާތްތައް ވެސް ގަބޫލުކުރާ ގޮތުގައި މިފަދަ ވިހަ ނުވަތަ މިފަދަ ނުރައްކާ ކެމްޕޭނެއް [ހިންގީމާ] އޭގެ ސަަބަބުން ސީދާ ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުތެރޭގައި ފިތުނަ އުފެދޭ. އަދި ގައުމަކާ ބެހޭ ގޮތުން ނުވަތަ ގައުމެއްގެ ރައްްޔިތުންނާ ބެހޭ ގޮތުން ނަފުރަތު އުފެދޭ ގޮތަށް، ހަގީގަތާ ހިލާފަށް މިހެން ޕްރޮޕަގެންޑާގެ ގޮތުގައި ފަތުރަމުންދާ ކަމަށް ވަންޏާ އޭގެ ސަބަބުން ނުރައްކާވެގެން ދާނެ ކަމަށް ހަމަ ގިނަ ބަޔަކު، އަޅުގަނޑުމެންގެ ތެރެއިން އެންމެން ހެން ގަބޫލުކުރާކަން ފާހަގަކޮށްލަން،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަވަށްޓެރި އިންޑިއާއާ ގުޅިގެން މައިގަނޑު ގޮތެއްގައި ކުރަމުން އަންނަ މަސައްކަތްތަކަކީ ހިއުމަނިޓޭރިއަން މަސައްކަތްތަކެއް ކަމަށާއި ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އެތައް އެހެން ގަައުމެއް ވެސް ބައިވެރިވެގެން ކަމަށެވެ. އެއީ މިހާރު އެކަނިކުރާ ކަމެއް ނޫން ކަމަށާއި އެއީ މީގެ އެތައް އަހަރެއް ކުރިއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަސްކަރީ، ދިފާއީ ރޯލެއްގައި އެއްވެސް ބަޔަކު ބައިތިއްބައިގެން އަޅުގަނޑުމެންނަކަށް މިތާކު އެއްވެސް މަސައްކަތެއް ނުުކުރެވޭ، ނުކުރަން" ޝަމާލް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓަން މަސައްކަތްކުރަނީ ހަމަ އެކަނި ދިވެހި ސިފައިން ކަަމަށާއި ސިފައިން ތިބީ އެކަމަށް ތައްޔާރަށް ކަމަށާއި އެ ގާބިލުކަން އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން ދިވެހި ސިފައިން ކެރިގެން ކުރާނެ،" ޝަމާލް ވިދާޅުވި އެވެ.

އެކަމަކު ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ ގައުމުތަކާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ އެކި އެކި ގައުމުތަކުގެ ސިފައިންގެ އިސްްވެރިން ރާއްޖެއަށް ވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އޭގެ މިސާލަކަށް އޭނާ ދެއްކެވީ ބަންގްލަދޭޝްގެ އާމީ ކޮމާންޑަރު ރާއްޖެއަށް އެންމެ ފަހުން ކުރެއްވި ދަތުރެވެ.

"މިއަދު ފުރާވަޑައިގެންނެވީ ބަންގްލަދޭޝްގެ އެންމެ މަތީ އާމީ ކޮމާންޑަރު، މިދިޔަ މަހު ހުންނެވި [އެގައުމުގެ] އެންމެ މަތީ ނޭވީ ކޮމާންޑަރު،" ޝަމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާބިލުކަން އިތުރުކުރުމަށް ޓަކައި އިންޑިއާގެ އިތުރުން އެހެން އެތައް ގައުމެއްގެ ސިފައިންގެ އެހީތެރިކަން ލިބޭ ކަަމަށާއި އޭގެ ތެރޭގައި އެމެރިކާ ސިފައިން ވެސް ހިމެނޭ ކަމަށެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތަކީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް، 241 ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.