Advertisement

ލިއުޝާގެ ރަށްފުށުގެ ޗުއްޓީ އިން ހޮވައިލި ތިން ރެސިޕީ

10 ފެބުރުވަރީ 2022 - 08:44 4

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ލިއުޝާގެ ރަށްފުށުގެ ޗުއްޓީ އިން ހޮވައިލި ތިން ރެސިޕީ

10 ފެބުރުވަރީ 2022 - 08:44 4

މާލެ އަށް ދިރިއުޅުން ބަދަލު ކުރިތާ ތޭވީސް އަހަރު ވިޔަސް އިންސްޓަގްރާމްގެ މަގްބޫލު އައިލެންޑްފޫޑީއެމްވީ ހިންގަމުން އަންނަ މަރިޔަމް ލިއުޝާގެ ހިތުން އުޅެ ބޮޑުވި ރަށަށް ދެވިފައި އޮތީ އަދިވެސް ހާއްސަ ލޯތްބެކެވެ. އާ އަހަރު ފެށެން ވާއިރަށް، މަސައްކަތް ކުރާ އޮފީހުން އަހަރީ ލީވް އެއް ނަގައިގެން ދަރިފުޅާ އެކު އުފަން ރަށް، ސ.މީދޫ އަށް ދިޔައެވެ. ކުޑައިރުގެ ހަނދާންތަކުގެ ތެރެއަށް ގެނބިލައި، ބޮޑުވަމުން އަންނަ ދަރިފުޅަށް އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ހަނދާންތައް ތައާރަފް ކޮށްދިނުމުގެ ބޭނުމުގަ އެވެ.

އެކަމަކު ލިއުޝާގެ ޗުއްޓީ ހާއްސަވީ އޭނާގެ އާއިލާއަށް އެކަންޏެއް ނޫނެވެ. އިންސްޓްގްރާމްގައި އޭނާ ފޮލޯކުރަމުން އަންނަ ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް ވެސް އެ ދަތުރު ވެގެންދިޔައީ ހެޔޮވަރު ވަރެއްގެ ތެރަޕީއަކަށެވެ.

ލިއުޝާ އައީ ދަތުރު ފެށުނީއްސުރެ ތަޖުރިބާތައް އޭނާގެ އިންސްޓަގްރާމް އެކަމުންޓުގައި ހިއްސާކުރަމުންނެވެ. ރަށު މީހުންގެ ސްޓައިލުގައި ތަފާތު ކާއެއްޗެހި ތައްޔާރުކުރާނެ ގޮތާއި، ރީތި އައްޑޫގެ ފެހި ކަމާއި ރަށުގެ ދިރިއުޅުން ފެންނަ ތަފާތު މަސައްކަތްތަކުގައި އަމިއްލަ އަށް ބައިވެރިވެ، އެކަންތައްތައް ވެސް ހިއްސާކުރަމުންނެވެ.

މި އާޓިކަލްގައި މި ހިމަނާލަނީ ލިއުޝާ ޗުއްޓީގައި ތައްޔާރުކުރި ބައެއް ކާއެއްޗެހިން އޭނާ އަށް އެންމެ ޝައުގުވެރި ތިން ރެސިޕީ އެވެ. އައިޝާ ކިޔައިދިން ގޮތަށެވެ.

އަލަ މެޓާ

އަލަ މެޓައަކީ ދެކުނު ހިސާބުތަކުގައި މަގުބޫލު ފޮނި އެއްޗެކެވެ. އޮޅުއަލައާއި ހިލާފަށް އެއްގަމުގައި ހެދޭ ފުރެއްދި އަލަ (އައްޑޫ ބަހުން) ބޭނުންކޮށްގެން ތައްޔާރުކުރާ މި މެޓައަކީ ހަމަ ބޭރު "ކޭންޑީ"ގެ ލިސްޓަށް ނިކަން ރަނގަޅަށް ފެތޭނެ ބާވަތަކެވެ. ވަރަށް ކުޑައިރުވެސް މާމައާއި މަންމައާއިއެކު މި މެޓާ ހަދައި އުޅުނު ހަނދާންތައް ހުންނަ ކަމަށް ލިއުޝާ ބުންޏެވެ. ކިތަންމެ ރަހަމީރު އެއްޗަކަށް މިއީ ގިނަ އިރުން ހެދޭ މަސައްކަތް ބުރަ އެއްޗެކެވެ.

ބޭނުންވާ ތަކެތި

ފުރެއްދި އަލަ (އެއްގަމުގައި ހެދޭ އަލައިގެ ބާވަތެއް)

ހަކުރު

ކާކުލަ

ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ އަލަ ކުދިކޮށް ކޮށާ މަޑުވަންދެން ފެނު ކައްކާލާށެވެ. އެއަށްފަހު ރަނގަޅަށް ގްރައިންޑްކޮށް އޮލަ ޕޭސްޓްގަނޑަކަށް ހެދުމަށްފަހު ކިރާލާށެވެ. ހަމަ އެ މިންވަރަށް ހަކުރު އެޅުމަށްފަހު އުނދުންމަތީގައި ކައްކަމުން ދާށެވެ. ބޭނުންނަމަ ކާކުލަ އަޅާލެވިދާނެ އެވެ. އަދި ރަހަ ހެޔޮވަރުވާރަށް އެސެންސް އަޅާލާށެވެ. ރަނގަޅަށް ހަރުވަންދެން މިކްސް ކުރަމުންދާށެވެ. އަދި ހަރުވުމުން އަވަހަށް ނަގާ އެމީހަކު ބޭނުން ބައްޓަމަކަށް ހަދާލެވިދާނެ އެވެ. ބައެއް މީހުން ތަތްގަނޑުވެސް ބޭނުން ކުރެ އެވެ.

ފަޅޯ ފެން

ރަށުގައި ތައްޔާރުކުރެވުނު ކެއުންތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ކެއުމަކީ މެލުވި ބަންކޭލާއި, ހުންޏާއި, ކިރުލީ މަހާއި ފަޅޯ ފެން އެކުގައި ހުރި މެންދުރުގެ ކެއުމެކެވެ. ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމަށް އަޕްލޯޑް ކުރެވުމާއެކު އެންމެންގެ ސުވާލަކަށްވީ ފަޅޯ ފެނަކީ ކޯއްޗެއް ތޯ އެވެ.

ލިއުޝާ ބުނާގޮތުން މިއީ އޭނާގެ ރަށުގައި ވަރަށް ކުރީއްސުރެ ތައްޔާކުރަމުން އައި ބުއިމެކެވެ. ލޮނުމެދާއި ފޮނިތޮށްޓާއި, އަސޭމިރުހާއި ކާފުރު ތޮޅި އަޅައި ކައްކައިގެން ތައްޔާރުކުރާ މި ބުއިން އާންމުކޮށްވެސް ތައްޔާރުކުރަނީ ބަނބުކެޔޮ ކާއިރުގައި ކަމަށް ލިއުޝާ ބުނެއެވެ. އެންމެ އިހުއްސުރެ މިގޮތަށް ފަޅޯ ފަނި ބޭނުންކުރެވެމުން އައިއިރު ބޮޑަށް ބެލެވެނީ މިއީ ބަނބުކެޔޮ ކެއުމުން ދިމާވާ ވައިގެ މައްސަލައަށް ލުއެއްގެ ގޮތުގަ އެވެ.

ބޭނުންވާ ތަކެތި

  • ފަޅޯ (ހިމުންކޮށް ކޮށާފައި)
  • ކަފުރުތެޅި ފަތް
  • 1 ލޮނުމެދު
  • ފޮނިތޮށި
  • އަސޭމިރުސް
  • ކާފުރު ތޮޅި
  • ހަކުރު

ތައްޔާރުކުރާނެ ގޮތް

ފަޅޯ ހިމުންކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔެއްގައި ފެން ހޫނުކުރަން އަރުވައި ކަފުރުތޮޅި ފަތް އެންމެ ފުރަތަމަ އަޅާށެވެ. އެއަށްފަހު ކުޑަ ފެންފޮދެއްގައި ލޮނުމެދު, ފޮނިތޮށި, ކާފުރުތޮޅި ރަނގަޅަށް މުގުރާލާ ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. ފެންގަނޑު ކެކެން ފެށުމުން ފުރަތަމަ ފަޅޯ ކޮޅު އެޅުމަށްފަހު އިރުކޮޅެއްތެރޭ ޕޭސްޓްގަނޑު ވެސް އަޅާލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށްފަހު ރަހަ ހެޔޮވަރުވާހެން ހަކުރު އަޅާލާށެވެ. އެއަށްފަހު ހުރިހާއެއްޗެއްގެ ރަހަ ނުކުންނަ ވަރަށް ކައްކާލާށެވެ.

ބަޓާފްލައި ޕީ

ރަށުގައި ހޭދަކުރެވުނު ދުވަސްތަކުގައި ލިއުޝާގެ ލޮލުގައި އަޅައިގަތް އެންމެ ތަފާތު އެކައްޗަކީ "ޕީ ފްލާވާ" އެވެ. ގަދަ ނޫކުލައެއްގައި އެއް ފިޔައެއް ގޮތަށް ހުންނަ މި މަލަކީ މީދުގައި އެކި ސިއްހީ މައްސަލަތަކުގެ ކަންކަމުގެ ފަރުވާ އަށް ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ހުޅުހުޅުގައި ރިއްސާތީވެސް މި މަލުން ބުއިން ހަދައިގެން ބޭނުންކޮށް އުޅުނު ކަމަށް ލިއުޝާގެ މަންމަ ބުންޏެވެ.

މި މާ ފެނުކައްކައި އޭގެ ދިޔައިން ސައި, އަދި ލުނބޯހުތް ކޮޅެއްޖަހައިން ހޫނުކޮށް އަދި ފިނިކޮށްވެސް އެކި ބުއިންތައް ލިއުޝާ ތައްޔާރު ކުރި އެވެ.

ނަޓްވެލް އެމްވީގެ ނަމުގައި އެކިކަހަލަ ސުޕާ ސީޑްސް އާއި ސްނެކްސް ވިއްކުމުގެ ކުޑަ ވިޔަފާރިއެއްވެސް ކުރާ ލިއުޝާ ފުޑް ބްލޮގެއް ފެށީ 2015 ވަަނަ އަހަރު އެވެ. އެ ދުވަސްވަރަކީ އޭނާ ޑައެޓް ކުރަމުން އައި ދުވަސްވަރަކަށްވުުމުން ގޭގައި ތައްޔާރުކުރި ބައެއް ދުޅަހެޔޮ ކާނާތަކުގެ ފޮޓޯ ހިއްސާކުރަން ފެށުމާއެކު ގިނަބަޔަކަށް ކަމުގޮސް ވައިގަ ހިފީ އެވެ.

އެހެނަސް މިހާރު ލިއުޝާ ޕޯސްޓްކުރަނީ ވަކި ޑައެޓް ކާނާ އެކަންޏެއް ނޫނެވެ. ތިން މެންބަރުންގެ މި ކުޑަ އާއިލާގެ "ނޯމަލް" ކެއުމެވެ. މަދު ފަހަރެއްގައި ބޭރުން އެއްޗެއް ކާލިޔަސް, މައިގަނޑު ހުރިހާ އިރެއްގެ ކެއުން ތައްޔާރުކުރެވެނީ ހަމަ ގޭގަ އެވެ. އެއީ އަދި ބަޓާ ޗިކަން އާއި ނާން އަކަސް, މީރު މަސް ބަތް ގަނޑަކަސް, ފްރައިޑްރައިސް އަކަސް އަމިއްލަ ގޭގައި ތައްޔާރުކުރުމުން އެލާ ރަހައާޢި ސަލާމަތްވާ ހަރަދުތައް މާ ރަނގަޅުކަމަށް ލިއުޝާ ބުނެ އެވެ.