Advertisement

ބިލްބާއޯ އިން ރެއާލް ކަޓުވާލައިފި

4 ފެބުރުވަރީ 2022 - 10:21 0


ބިލްބާއޯ އިން ރެއާލް ކަޓުވާލައިފި

4 ފެބުރުވަރީ 2022 - 10:21 0

ބިލްބާއޯ، ސްޕެއިން (ފެބްރުއަރީ 4) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކް ބިލްބާއޯ އިން 1-0 އިން ރެއާލް މެޑްރިޑް ކަޓުވާލައިފި އެވެ.

މިއީ މިދިޔަ މަހު 16 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ފަހު ރެއާލާއި ބިލްބާއޯގެ ފުރަތަމަ ކުރިމަތިލުމެވެ. ރެއާލުން ސީޒަނުގެ ހުރިހާ މުބާރާތެއްގެ ޓާގެޓްގައި މަސައްކަތް ކުރަމުން ދަނިކޮށް ބިލްބާއޯ އިން ވަނީ ސްޕެނިޝް ކަޕުން ރެއާލް ކަޓުވާލައިފަ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު ރެއާލަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިން ދާދި ފަހުން ޓީމާ ގުޅުނު ނަަމަވެސް ރޭގެ މެޗުގައި ރެއާލުން ވަނީ އެ ކުޅުންތެރިން ބޭނުންކޮށްފަ އެވެ. އެކަމަކު، އަނިޔާގެ ސަބަބުން ކަރިމް ބެންޒެމާ ނެތުމުން ރެއާލަށް މާ ގިނަ ހަމަލާތަކެއް ބިލްބާއޯގެ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. މި މެޗުގައި ރެއާލުން އެޑެން ހަޒާޑާއި ގަރެތު ބޭލް އަށް ފުރުސަތެއް ނުދެ އެވެ.

ބިލްބާއޯ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ ފަހު މިނިޓްގަ އެވެ. މެޗުގެ 89 ވަނަ މިނިޓްގައި ރެއާލްގެ ކަސެމީރޯ ހެދި ގޯހެއްގެ ފައިދާނަަގައި ބިލްބާއޯގެ މިކޭލް ވެސްގާ ދިނީ އެ ޓީމުގެ އަލެކްސް ބެރެންގިއޭ އަށެވެ. އޭނާ ވަނީ ހަަމަޖެހިލާފައި ރެއާލްގެ ގޯލުގައި ހުރި ތިބައު ކޯޓުއާ އަށް ނުލިބޭ ވަރަށް ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ އޭނާގެ ޓީމަށް ހިތާމަވެރި ވަގުތެއް ކަމަށާއި ސަބަބަކީ ހުރިހާ މުބާރާތެއްގައި ވާދަކޮށް ތަށްޓާ ހަމައަށް ދިއުމުގެ އަޒުމުގައި އޮތް ޓީމަކަށް ސެމީން ވެސް ފުރުސަތު ނުލިބި މުބާރާތަކުން ވަކިވެގެން ދާން ޖެހުމުން ކަމަށެވެ.

މި ފަހަރުގެ ސްޕެނިޝް ކަޕުން ރެއާލްގެ އިތުރުން ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި ސެވިއްޔާ ވެސް ވަނީ ކަޓައިފަ އެވެ. ސެމީގައި އޮތީ ބިލްބާއޯގެ އިތުރުން ވެލެންސިއާ، ރަޔޯ ވަޔެކާނޯ އަދި ރެއާލް ބެޓިސް އެވެ. ބިލްބާއޯ އިން މި މުބާރާތުގައި ބާސެލޯނާ އާއި ރެއާލް ކަޓުވާލާފައިވާތީ މި ވަގުތު ފޭވަރިޓެއްގެ ގޮތުގައި ގުނަނީ އެ ޓީމެވެ.