Advertisement

ބާކީވެފައި އޮތް ފޯކައިދޫއަށް ތަރައްގީގެ ރޯޅިއެއް

25 ޖަނަވަރީ 2022 - 09:33 1

ށ. ފޯކައިދޫން

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ފޯކައިދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން: މި މަސައްކަތް ގާތްގަނޑަކަށް މިހާރު އޮތީ ނިމިފައި -- ފޮޓޯ: އެމްޓީސީސީ


ބާކީވެފައި އޮތް ފޯކައިދޫއަށް ތަރައްގީގެ ރޯޅިއެއް

25 ޖަނަވަރީ 2022 - 09:33 1

ށ. ފޯކައިދޫން

މިއީ ބިން ކުޑަ ރަށެކެވެ. އާބާދީގައި ވެސް މީހުން މަދެވެ. މިރަށުގައި 2000 މީހުން ވެސް ނޫޅެ އެވެ. ދިވެހިރާއްޖޭގެ މުޅި އާބާދީއާ އަޅާބަލާއިރު މި ރަށުގައި އުޅެނީ އެންމެ 0.3 ޕަސެންޓު މީހުންނެވެ. ތަރައްގީ ގެންނަން ބަލާއިރު ސިޔާސީ ގިނަ ބޭފުޅުންގެ ރާޑަރަކަށް ށ. ފޯކައިދޫއެއް ނާރަ އެވެ.

އެކަން އެހެން އޮންނަތާ އަހަރުތަކެއް މާޒީވެ، ކެމްޕެއިނެއްގެ ފޯރިގަދަ ދުވަސްވަރެއްގައި، މީގެ 1229 ދުވަސް ކުރިން، އެއިރުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ފޯކައިދޫއަށް ވަޑައިގެން، "އަޅުގަނޑުމެންގެ ސަރުކާރެއްގައި މިރަށް ބާކީއެއް ނުކުރާނަން" ކަމަށް ވިދާޅުވުމުން، އެ ޖުމްލަ މާނަ ކުރަންވީ ގޮތެއް ރަށު މީހުންނަކަށް ނޭނގުނެވެ.

އެކަމަކު މިހާރު އެ ޖުމްލަތަކުގެ މާނަކުރަންވީ ގޮތް ފޯކައިދޫ ރައްޔިތުންނަށް އެނގިއްޖެ އެވެ. މި ރަށުގެ ސްކޫލް ބޮޑުކުރުމުގެ 3.9 މިލިއަން ރުފިޔާގެ މަސައްކަތް ދަނީ ކުރިއަށެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ 54 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ވެސް އޮތީ ފަށައިފަ އެވެ. ގާތްގަނޑަކަށް 6.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އެބަ ހިންގަ އެވެ. އަދި އެންމެ މުހިންމު ކަމަކަށް، ރައީސް ވިދާޅުވާ ގޮތަށް "ގައިންތާހިރުވުމަށް"، 25 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

"އަޅުގަނޑުމެން ކުރިން އެދެމުން ދިޔަ ހަމައެކަނި ކަމަކީ އަޅުގަނޑުމެންގެ މި ފަރު/ބަނދަރު ތަރައްގީ ކޮށްދެއްވާށޭ. އަޅުގަނޑުމެންނަށް އޭރު ދައްކަން އިނގުނު ހަމައެކަނި ވާހަަކަ އަކީވެސް އެއީ. އަޅުގަނޑުމެން އެކަކު އަނެކަކަށް ދައްކަމުން މި ދިޔައީ ބަނދަރުގެ ވާހަކަ ދައްކާފަ ދެން ނަރުދަމާގެ ވާހަކަ ދައްކައިފިއްޔާ އެއްކަމެއް ވެސް ނުވާނެއޭ،" ސިޔާސީ ބޭފުޅުންނާމެދު ރަށު މީހުންގެ ހިތުގައި އޮތް ޝައްކު ހާމަ ކުރައްވަމުން، އެރަށު ކައުންސިލުގެ ރައީސް އަހުމަދު އާސިފް ވިދާޅުވި އެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ރަށަށް އައިސްފައިވާ ތަރައްގީގެ ވާހަކަތައް ހިއްސާ ކުރައްވަވާ އާސިފް ވިދާޅުވީ ކުރިން ހިޔާލަށް ވެސް ނުގެނެވި ހުރި އެތައް މަސައްކަތެއް ރައީސް ސޯލިހުގެ ދައުރުގައި ފޯކައިދޫގައި ކޮށްދީފައިވާ ކަމަށެވެ.

ފޯކައިދޫގައި ބޭއްވުނު އެމްޑީޕީގެ ބައި އިލެކްޝަން ކެމްޕޭނު ޖަލްސާގައި ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ށ. ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް ވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން އެ ރަށަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރައްވާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި ހަމައެކަނި މި ހިނގާ މިއަހަރު ބަޖެޓުގައި ށ. ފޯކައިދޫ ކައުންސިލަށް ސަރުކާރުން 8.7 މިލިއަން ރުފިޔާ ހަމަޖައްސަވާފައިވާކަން ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

ރަށު މެދުގައި ހުރި ދުނބުޅި ބަދިގެޔަށް ހެޔޮ ބަދަލެއް

ފޯކައިދޫގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ދޭން ފަށާފައި ވަނީ 1988 ވަނަ އަހަރު އަމިއްލަ ފަރާތަކުންނެވެ. ކަރަންޓުވެގެންދިޔައީ ފޯކައިދޫއަށް އައި ބޮޑު ބަދަލަކަށެވެ. އެއިރުގެ ގޮތުން ބަލާ ނަމަ ބޮޑު ތަރައްގީއަކަށެވެ.

"އެކަން ކުރުމަށް ގޭގަ ކުޑަ ތަންކޮޅެއް ހަދައިގެން 10 ކިލޯވަޓުގެ ޖެނެރޭޓަރެއް ރަށަށް ގެނަސް، އެހެން ގޭގެއަށް މަތިން ކަރަންޓު ނަރު ގުޅާލީން. އޭރު ގޭގެޔަށް ކަރަންޓު ދޫކުރާނީ ކޮންމެ ރެޔަކުވެސް ފަސް ގަޑިއިރަށް. އެއީ ރޭގަނޑު 6-11 އަށް،" ރަށުގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރި ހުވަނދުމާގޭ މުސްތަފާ ވަހީދު، 48، ކިޔައިދިނެވެ.

އެޔަށް ފަހު ރައްޔިތުންގެ ބަޔަކު ގުޅިގެން ރަށަށް ޖެނެރޭޓަރެއް ގެނަސް އެ ޖެނޭޓަރު ބެހެއްޓީ މިހާރުގެ އިންޖީނުގެ ހުރި ސަރަހައްދުގަ އެވެ. އެއީ ގާތްގަނޑަކަށް ރަށުގެ މެދެވެ.މިއަދާ ހަމައަށް މި ރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އައި އިންޖީނުގެ ގާއިމްކޮށްފައި ވަނީ ވެސް ހަމަ އެ ތަނުގަ އެވެ. ސަރުކާރުން ރަށުގައި އިންޖީނުގެއެއް އެޅީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

ނަމަވެސް އިންޖީނުގެ ބޮޑުވުމާއެކު ރަށަށް ލިބުނު ތަރައްގީ ބަދަލުވެގެންދިޔައީ ތުރާލަކަށެވެ. ގާތްގަނޑަކަށް 30 އަހަރު ވަންދެން މި ހިސާބުގައި ދިރިއުޅެން ޖެހުމުން އިންޖީނުގޭގެ " ބޫން އަޑުފައްގަނޑު" އަބަދުވެސް ހުންނަނީ ބޮލުގައި ހަރުލާފައި ކަމަށް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބުނެ އެވެ.

ރަށުގެ ބާ އިންޖީނުގެ: މިތަން ހުރީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި -- ފޮޓޯ: މަރިޔަމް އަރީން


"ކޮންމެ ތިން މަހުން ޖެހޭނެ ފެން ވަޅުގެ ދިޔަ ހިއްކަން. އެހެން ނޫނީ ފެންވަރާކަށް ކުޅަދާނައެއް ނުވާނެ. ކޮންމެ ފަހަރަކު އެކަމަށް އަހަރުމެން ޖެހޭ އެތައް ފައިސާއެއް ހަރަދު ކުރަން," ރަށުގެ ހާލަތު ކުރިން އޮތް ގޮތް ކިޔައިދެމުން ބާ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ. "ވާރޭ ވެހޭ ގަޑީގައި ފުރާޅު ސާފުކޮށް ފެން ނަގަން ނޫޅެވިއްޖެއްޔާ ބޯނެ ފެންފޮދެއް ވެސް ނުލިބޭނެ. ފުރާޅުތަކަށް އޮންނާނީ ދެލި އަރާ އެއްކޮށް ކަޅުވެފަ."

އެކަމަކު، އެ އިންޖީނުގެއަށް ފޯކައިދޫ ރައްޔިތުން މިހާރު ކިޔަނީ ބާ އިންޖީނުގެ އެވެ. ފޯކައިދުއަށް މިހާރު ކަރަންޓު ދިނުމަށް އެ ތައްޔާރުވަނީ ފެނަކައިން ގާއިމްކޮށްދފައިވާ މުޅިން އާ އިންޖީނުގެއިންނެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ރަށަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ރަށުގެ ރައްޔިތުން ސިފަ ކުރަނީ ވެސް ބާ އިންޖީނުގެ އުވާލައި އާ އިންޖީނުގެ އެއް ގާއިމް ކުރުމުގެ މަސައްކަތް ނިމުމެވެ.

"ރަށު މެދުގައި ހުރި ދުނބުޅި ބަދިގެ އެއް ފަދަ އިންޖީނުގެ ރިލޮކޭޓުކޮށް ތަރައްގީކޮށް ދެއްވީތީ ޝުކުރިއްޔާ" މިހާރު އާ އިންޖީނުގެ ގާއިމްކޮށްފައިވާ ސަރަހައްދުގައި ރައްޔިތުން ބަހައްޓާފައިވާ ބިލްބޯޑެއްގައި ލިޔެފައިވެ އެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަޑައިގެންނަވައި ފޯކައިދޫގެ ބާ އިންޖީނުގެ ބަންދުކޮށް އާ އިންޖީނުގެ ހުޅުވުމަށް މިދިޔަ ހޮނިހިރު ދުވަހު ތާވަލްކުރެވިފައިވީ ނަމަވެސް ރައީސް ކޮވިޑަށް ފައްސިވުމާއެކު މި ކަން ވަނީ މި ވަގުތަށް ފަސްކޮށްލާފައި ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދިނެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އިންޖީނުގެ ހުޅުވައި ރަށު މެދުގައި ހުރި "ދުނބުޅި ބަދިގެ" ބަންދުކުރާނެ ކަމަށް ކައުންސިލުން ބުންޏެެވެ.

"އިންޖީނުގެ ބަންދުކުރީމަ ވަރަށް ފަޅުވާނެ. އެކަމަކު މި ވާ އުނދަގޫތަކުން ސަލާމަތްވާނެ ދުވަހައް ފެނުން އެއީ އަޅުގަނޑު ދެކެމުން އައި ހުވަފެނެއް،" ބާ އިންޖީނުގެ ކައިރީގައި ހުރި ގެއެއްގެ އުމުރުން ދޮށީ މީހަކު ބުންޏެވެ.

ރަށުން ފޯރުކޮށްދޭ ތައުލީމަށް އިންގިލާބީ ބަދަލެއް

ފޯކައިދޫގެ އާބާދީއާ އަޅާ ބަލާއިރު މި ރަށު ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އަދަދު ގިނަ އެވެ. ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 1800 މީހުންނެވެ. ފޯކައިދޫ ސްކޫލުގައި 470 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ދެ އެވެ.

ފޯކައިދޫ ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދިނުން ފަށާފައިވަނި 2018 ވަނަ އަހަރު އެވެ. މި އަތޮޅުގައި އޭލެވެލް ކިޔަވައިދޭ ތިން ސްކޫލުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާ ސްކޫލަކީ ވެސް ފޯކައިދޫ ސްކޫލެވެ. އޭލެވެލް ބެޗުގައި 17 ކުދިން މިހާރު ކިޔަވަމުންދާކަމަށް ސްކޫލުގެ ޕްރިންސިޕަލް މައުލޫމާތު ދެއްވި އެވެ.

މަތީ ތައުލީމުގެ ކޯހަކުން އެއް ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ އެ އެވޯޑް މިރަށު ޖަނބުރޯލުމާގޭ، އަލީ ޝިޔާމަށް 2012 ވަނަ އަހަރު ލިބުނެވެ. އޭގެ އެއް އަހަރު ފަހުން 2013 ގައި މި ހަމަ އެ އެ އެވޯޑް މި ރަށު ޕެޓޫނިޔާ، މުހައްމަދު މަތީނާއި ބަގީޗާގޭ އަހުމަދު ރަޝީދަށް ލިބުނެވެ. އަދި ނިމިދިޔަ 2021 ގައި މި ރަށު ނިޔާމަ، އައިމިނަތު ހުމައިދާއަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެވޯޑް ލިބުނެވެ.

ރަށު ރައްޔިތުންނަށް ވިސްނެނީ، އެ ރަށު ސްކޫލުގެ ޖާގައިގެ ދަތިކަން ނެތް ނަމަ، ދަރިވަރުންނަށް އޭގެން ފެންނާނެ ރަނގަޅު ނަތީޖާ އެވެ. އެކަމަށް ހައްލެއް ލިބޭނެކަމުގެ ކޮޅުމަތި ވެސް ރަށު މީހުންނަށް މިހާރު އެބަ ފެނެ އެވެ. އަންނަ އޮގަސްޓު މަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށްވެ އެވެ.

"އަޅުގަނޑުމެން ދެ ދަންފަޅީގައި ކިޔަވައިދެމުންދާ އިރު މިދިޔަ ދެ އަހަރުވެސް އޭލެވެލްގެ ގަޑިތައް ނަގައިދެމުން މި ގެންދަނީ ސައެންސް ލެބްއާއި ލައބްރަރީ ބޭނުންކޮށްގެން. ކުރިން ގަޑިތައް ނަގައިދިން އިރު ބައެއް ކްލާސްތަކަށް ކިޔަވައިދެމުން ދިޔައީ ބެންޗުތަކުގައި،" ސްކޫލުގެ ކުރީގެ ހާލަތު ކިޔައިދެއްވާ ޕްރިންސިޕަލް މުހަންމަދު މަތީން ވިދާޅުވި އެވެ.

ރަށުގެ ސްކޫލަށް ބައެއް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ: އެ ޕްރޮޖެކްޓު ވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: މަރިޔަމް އަރީން/އަދަދު


ސްކޫލަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޗެލެންޖަކީ އެއީކަން ފާހަގަ ކުރައްވާ ޕްރިންސިޕަލް ވިދާޅުވީ ހަތަރުބުރީގެ އިމާރާތް ގާއިމް ކުރެވުމާ އެކު މިކަން ހައްލުވެގެން ދާނެކަމުގެ ފޮނި އުންމީދުގައި ސްކޫލު ކުދިންނާއި ބެލެނިވެރިން ތިބިކަމަށެވެ.

މި އަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު އެންމެ ގިނަ ދިވެހި މުދައްރިސުން ކިޔަވައިދިނުމުގައި މަސައްކަތް ކުރާ ސްކޫލަކީ ފޯކައިދޫ ސްކޫލު ކަމަށް އެ ރަށު ސްކޫލުގެ ޕްރިންސިޕަލް މަތީމް މައުލޫމާތު ދެއްވި އެވެ. ރަށު ސްކޫލުގެ ބިޒްނަސް ސްޓްރީމް އެއްކޮށް ކިޔަވައިދެނީ ދިވެހި މުދައްރިސުންނެވެ. ބިދޭސީ ޓީޗަރުން ކިޔަވައި ދެއްވަނީ ހަމަ އެކަނި ސައެންސް ސްޓްރީމްގެ މާއްދާ ތަކެވެ. ރަށު ސްކޫލުގައި ޖުމްލަ 69 ސްޓާފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 18 މީހުންނަކީ އަންހެނުންނެވެ.

ފުޓުބޯޅަ ދަނޑު ހުޅުވާލަން ތައްޔާރުވުން

ފުޓުބޯޅައިގެ ދުނިޔޭގައި ފޯކައިދޫއަކީ ރާއްޖެއަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ޒުވާނުން ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައި އެބަހުއްޓެވެ. މީގެ ތިން އަހަރު ކުރިން 2019 ގައި ކުޅުނު ޒޯން ފުޓުބޯޅަ މުބާރާތުގައި ފޯކައިދޫ ޓީމު ބަލިވީ ގަދަފަދަ ހިތްވަރެއް ދެއްކުމަށްފަހު މުބާރާތުގެ ފައިނަލުންނެވެ. ފުޓުބޯޅަ އަކީ ފޯކައިދޫ ރައްޔިތުންގެ ވިންދާއި ލެޔާ ގުޅިފައިވާ ކުޅިވަރެކެވެ.

"ބޭބެމެން ފުޓުބޯޅަ ނުކުޅޭ ޒަމާނެއް ހަނދާނަށް ވެސް ނުގެނެވޭ. ދަރިންތައް ބޮޑެތިވެ ބޭބެގެ ގައިބާރު ދެރަވަންދެން ވެސް އެންމެ ގިނައިން ކުޅުނު ކުޅިވަރަކީ އެއީ،" މިރަށު ހަސަންބެ، 75، އޭނާގެ ޅައިރުގެ ހަނދާންތައް އާކުރަމުން ކިޔައިދިނެވެ.

ފުޓުބޯޅަ ނުކުޅެވުމުގެ ޝުއޫރުތައް ރަށުގެ ފާރެއްގައި ލިޔެފައި: ފޯކައިދޫއަކީ ފުޓުބޯޅައަށް ރާއްޖޭގައި މަޝްހޫރު ރަށެއް -- ފޮޓޯ: މަރިޔަމް އަރީން/އަދަދު


މިރަށު ކުދިބޮޑު އެންމެން ލޯބިކުރާ މި ކުޅިވަރު ކުޅެން ނޭނގޭ ކުޑަކުއްޖެއް ވެސް މި ރަށުގައި ނޫޅޭ ކަހަލަ އެވެ. ފަތިހު ގަޑީ މަގުމަތިން ވެސް ބޯޅަ ކުޅޭ ކުދިންތައް ފެނެ އެވެ. ނަމަވެސް މި ރަށު ރައްޔިތުން އެންމެ ބޭނުންވާ ފުޓުބޯޅަ ދަނޑު ހުރީ ހަލާކުވެފަ އެވެ.

"ކުރީގެ ޓާފް ދަނޑު ހަލާކު ކޮށްލީ ވެސް ޒުވާނުންގެ ނުރުހުމުގަ. އެހިސާބުން ޕެޓިޝަނެއް ހަދައި އަލުން ޓާފްދަނޑެއް އަޅައިދިނުމަށް އަޅުގަނޑުމެން އެދުނިން," ރަށު ސްކޫލުގެ ސްޕޯޓްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ރިލްވާން ބުންޏެވެ. "ޓާފު ދަނޑު ހަލާކުވެ އެއްވެސް ވަރަކަށް ފުޓުބޯޅަ ނުކުޅެވި ގާތްގަނޑަކަށް ދެ އަހަރާއި ބައިވެއްޖެ. ޒުވާނުންނަށް މި ކުޅިވަރުގައި ކުރިއަށް ދާން ވަރަށް އުނދަގުވި އެކަމާ ހެދީ."

ނަމަވެސް މިހާރު ރައްޔިތުން ކުރަމުން އައި ތިން އަހަރުވީ ދިގު އިންތިޒާރަށް ނިމުން އައުމުގެ ވަގުތު މިވަނީ ކުޑަތަންވެފަ އެވެ. ރަށުގެ ބޯޅަ ދަނޑުގެ މަސައްކަތުގެ ބޮޑު ބައި އޮތީ ނިމިފަ އެވެ. މި މަހުގެ ތެރޭގައި ހުޅުވޭވަރަށް ތައްޔާރުވެފައިވާ ކަމަށް މި ލިޔުމަށް ކުރިން ވާހަކަ ދެއްކެވި މިރަށު ކައުންސިލްގެ ރައީސް އާސިފް ވިދާޅުވި އެވެ.

ބަނދަރު ހެދުން

ފޯކައިދޫ އަކީ ގާމަތީ ރަށެކެވެ. މަސްވެރިކަމުގެ ރަށެކެވެ.

އެންމެ ފުރަތަމަ މި ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރީ މައުމޫން އަބްދުލް ގައްޔޫމްގެ ދައުރުގަ އެވެ. އެ ބަނދަރު ހެދުމުގެ ކުރިން މި ރަށުގައި ދޯނިފަހަރު ލަފާ އުޅުނީ އެކި ފަހަރު އެކި ދިމާލަށެވެ. އެ އިރަކު އޮއިވަރު ޖެހޭ ކޮޅެއްގެ ގޮތުން ލަފާ ދިމާ ތަފާތުވެ އެވެ.

އޮޑިދޯނި ފަހަރު ދުއްވާ މީހުންނަށް މކަމުގެ ސަބަބުން އެތައް ތަކުލީފުތަކާ ކުރިމަތިލާން ޖެހުނެވެ. އެއަށްފަހު މައުމޫންގެ ވެރިކަމުގައި މިރަށުގައި ފަޅު ހަދައިދީ ބަނދަރެއް ވެސް ގާއިމް ކޮށްދެއްވި އެވެ. ފާއިތުވީ ގާތްގަނޑަކަށް 17 އަހަރުވަންދެން ފޯކައިދޫގެ މި ބަނދަރަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

"އޭރު ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެން ދިޔަ. އެކަމަކު ޒަމާންތައް ފާއިތުވެ މި ރަށު ފަޅު ބަދަލުވެގެން ދިޔައީ ވިލާގަނޑު ހެދީމަ އޮޑިދޯނި ފަހަރުގެ މީހުން ސަލާމަތަށް އައިސް ވަންނަ ފަޅަކަށް ނޫން. އަވަހަށް ބިރުން ނިކުންނަ ފަޅަކަށް،" ބަނދަރުގެ ހާލަތު ކިޔައިދެމުން ރަށުގެ މަސްވެރިއަކު ބުންޏެވެ.

ކުޑަ ނަމަވެސް ފޯކައިދޫއަކީ މިހާރު ބާކީވެފައިވާ ރަށެއް ނޫނެވެ. މީސްމަދު ނަމަވެސް ފޯކައިދޫ އެ ބަދަލުވަނީ ހިދުމަތްތައް ލިބޭ، ތަރައްގީ ބަޔަކު ދިރިއުޅޭ ތަނަކަށެވެ. މިރަށު މީހުންނަކީ ސިޔާސީ މީހުން ކައިރި ހައްގު ހޯދަން ބުނަން އިތުރަށް ޖެހިލުންވާނެ ބައެއް ނޫނެވެ. މިހާރު މިއީ މުޅިން އާ ފޯކައިދޫއެކެވެ.