28 ޖަނަވަރީ 2022 - 14:35 0
އިސްމާއީލް އަޒްމީން
28 ޖަނަވަރީ 2022 - 14:35 0
ވިރާތު ކޯލީ އަކީ މިހާރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ކްރިކެޓް ރަސްގެފާނެވެ. އޭނާގެ ބެޓުން އެތައް ގައުމުތަކެއް ފަހަތައް ޖައްސާލައި ބިލިއަނަކަށް ވުރެ ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ހޯދައި ވަރުގަދަ ފަހުލަވާނެއްގެ ދަރަޖަ ހޯދައިފި އެެވެ. ކްރިކެޓްގެ ރަސްގެފާނެއްގެ ޝަަރަފްގެ ތާޖު އަޅުވާފައިވާ ވިރާތުގެ އަތުގައި މިހާތަނަށް 125 މިލިއަން ޑޮލަރު އެބަހުއްޓެވެ.
ނަމަވެސް މި ރަސްގެފާނުގެ މަގުބޫލުކަމާއި ހެދި ގިނަ ބައެއްގެ ހިތުގައި ނަފުރަތު އުފެދެން ފަށައިފި އެވެ. އޭނާގެ އަރިސް މީހުން ދަރުބާރުން ނެރެ ރަސްގެފާނާއި ދެކޮޅަށް ބަގާވާތެއް ފަށައިފި އެވެ. ރަސްގެފާނުގެ ވެރިކަން ވައްޓާލަން ބަޔަކު ބޮޑު ރޭވުން ގަނޑެއް ރާވަން ފަށައިފި އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ރަސްކަމުގެ ތަހުތު އޭނާގެ އަތުން ގެއްލިދާނެކަމުގެ މަލަމަތި ފެންނަން ފަށައިފި އެވެ. މިހާރު ކްރިކެޓް ދުނިޔޭގެ އެންމެ އަޑުގަދަ ވާހަކައަށް މި ވާހަކަ ވެއްޖެ އެވެ. މިއީ ވިރާތުގެ ވާހަކަ މި ވަގުތު ފެންނަން އޮތް ގޮތެވެ.
އިންޑިއާގެ ގައުމީ ޓީމްގެ ކެޕްޓަންގެ ގޮތުގައި ހެދި އެތައް ރެކޯޑްތަކާއި، އެތަކެއް ކާމިޔާބީތަކަށްފަހު ކެޕްޓަންކަން ދޫކޮށްލި ވާހަކަ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާގެ ކްރިކެޓް ބޯޑާއި ވިރާތާ ދެމެދު ހިނގަމުންދާ ކޯޅުމުގެ ވާހަކަ އެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓް ތަރި ވިރާތު، ގައުމީ ޓީމަށް އެންމެ ފުރަތަމަ ކުޅުނީ އުމުރުން 19 އަހަރުގަ އެވެ. އޭނާ އަށް 2008 ވަނަ އަހަަރު ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ އޭރުގެ އެންމެ ވަރުގަދަ ދެ ތަރިންކަމަށް ސަޗިން ޓެންޑުލްކަރާއި ވިރެންދްރަ ސޭވާގަށް އަނިޔާވެ ލަންކާ ސީރިސްގައި ނުކުޅެވުމުންނެވެ.
އިންޑިއާގެ ގައުމީ ޓީމް ލީޑް ކުރުމާއި ހަމައަށް ވިރާތު ކުރި ދަތުރުގައި ނަސީބު ވެސް ވަރަށް ބޮޑަށް އެހީވި އެވެ. އެކާވީސް އަހަރުގައި އޭނާ ޓީމުގެ ވައިސް ކެޕްޓަންކަން ކުރަން ފުރުސަތު ލިބުނެވެ. އެއީ އިންޑިއާގެ ސީނިއާ ގިނަ ކުޅުންތެރިން އަނިޔާގެ މައްސަލަތަކާއި ހުރެ ގިނަ މެޗުތަކެއް ގެއްލެން ފެށި ހިސާބުންނެވެ. އޭގެ ފަހުން 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ހޯދައި އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސެންޗަރީ (100 ލަނޑު ހަމަކޮށް) ހަދައި ރެކޯޑެއް ވެސް ހެދި އެވެ. އެއީ އިންޑިއާގެ ގައުމީ ޓީމަށް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 100 ލަނޑު ހެދި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ.
އޭގެ ފަހުން 2008 އިން ފެށިގެން 2014 އާއި ހަމައަށް ވިރާތު ވަނީ އެތައް ރެކޯޑެއް ހަދައި އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ ތަރި ހުއްޓުވޭނެ ގޮތެއް އޭރަކު ނެތެވެ.
އިންޑިއާ އިން 1983 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2011 ވަނަ އަހަރު އިންޑިއާ އިން ހޯދިއިރު ކޯލީގެ ހިއްސާ ބޮޑެވެ. އޭގެ އިތުރުން 2012 ވަނަ އަހަރު އައިސީސީ އެއް ދުވަހުގެ ކްރިކެޓްގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، 2012 ގެ އަހަރުގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑް ހޯދުން ވެސް ވިރާތުގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި ފާހަގަކުރެވޭނެ އެވެ. އަދި 2013 ގައި އިންޑިއާ ސަރުކާރުން ވަނީ ކުޅިވަރުގައި ހޯދާ ކާމިޔާބީތަކަށް ދޭ ޚާއްސަ އެވޯޑް ކަމަށްވާ އަރުޖުނާ އެވޯޑް ވެސް ވިރާތަށް ދީފަ އެވެ.
ވިރާތު އަކީ އިންޑިއާގެ އެންމެ ކާމިޔާބު ކެޕްޓަނުންގެ ކުރިން ޖާގަ ހޯދާނެ ލީޑަރެއް ކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގަ އެއް ނެތެވެ. ގިނަ ބަޔެއްގެ ނަޒަރުގައި އޭނާ އަކީ އެންމެ ކާމިޔާބު ކެޕްޓަނެވެ. ވިރާތުގެ ކެޕްޓަން ކަމުގެ ދަށުން އިންޑިއާގެ ގައުމީ ޓީމަށް ނުލިބޭ ހަމައެކަނި ކާމިޔާބަކީ ވޯލްޑް ކަޕް ތަށްޓެވެ. އެހެން ނަމަވެސް މޮޅުވުމުގެ ރެކޯޑް ފަދަ ހާއްސަ ކާމިޔާބީތައް ހޯދުމުގައި ވިރާތުގެ ލީޑަޝިޕަށް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.
އިންޑިއާގެ ގައުމީ ޓީމްގެ ޓެސްޓް ކްރިކެޓް ކެޕްޓަންކަން ވިރާތަށް އަށް ލިބުނީ 2014 ވަނަ އަހަރު މަހިންދްރަ ސިންހް ދޯނީ ޓެސްޓް ކްރިކެޓުން ރިޓަޔާ ކުރުމުންނެވެ. މި މަހު ދެކުނު އެފްރިކާގައި ކުޅުނު ސީރީސާ ހަމައަށް ވިރާތު ވަނީ މިދިޔަ ހަތް އަހަރު ތެރޭ 66 ޓެސްޓް މެޗުގައި އިންޑިއާގެ ކެޕްޓަންކަން ކޮށްފަ އެވެ.
ވިރާތު އަކީ އެންމެ ގިނަ ޓެސްޓް މެޗުގައި އިންޑިއާގެ ކެޕްޓަން ކަން ކުރި ކުޅުންތެރިޔާ އެވެ. ވިރާތުގެ ކެޕްޓަންކަމުގައި 68 މެޗުގެ ތެރެއިން އިންޑީއާ ބަލިވީ އެންމެ 17 މެޗުންނެވެ. މިއީ ވެސް އިންޑިއާގެ ކްރިކެޓްގައި ރެކޯޑެކެވެ. ވިރާތަކީ ބައިނަލްއަގްވާމީ ކްރިކެޓްގައި ތިން ވަނަ އަށް އެންމެ ކާމިޔާބު ކެޕްޓަން އެވެ.
ޓެސްޓް ކްރިކެޓް ކެޕްޓަންގެ ގޮތުގައި ދުނިޔެ އިން އެންމެ ގިނަ ލަނޑު ހެދީ ވިރާތު އެވެ. އެންމެ ގިނަ ސެންޗަރީ ހެދި ކެޕްޓަން އަކީވެސް އޭނާ އެވެ. އެންމެ ގިނަ މެޗުން މޮޅުވި އިންޑިއާގެ ކެޕްޓަން އަކީ ވެސް ވިރާތު އެވެ.
ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) އަށް ބަލާއިރު، 95 މެޗުުގެ ތެރެއިން 65 މެޗުން ވިރާތުގެ ކެޕްޓަން ކަމުގެ ދަށުން އިންޑީއާ މޮޅުވި އެވެ. ކެޕްޓަނެއްގެ ގޮތުގައި ދެ ވަނަ އެންމެ ގިނަ ލަނޑު ހެދި އިންޑިއާ ކުޅުންތެރިޔަކީ ވިރާތު އެވެ. އަދި ދުނިޔޭގެ ކްރިކެޓްގައި ދެ ވަނަ އަށް އެންމެ ގިނަ ސެންޗަރީ ހެދި ކެޕްޓަނަކީ ވެސް ވިރާތު އެވެ. ޓީ20 އަށް ބަލާއިރު، ވިރާތު ކެޕްޓަންކަން ކުރި 45 މެޗުގެ ތެރެއިން 27 މެޗުން އިންޑިއާ މޮޅުކޮށްދިނެވެ.
ވިރާތު ފާހަގަވެފައިވަނީ ވަރަށް ބިރު ކުޑަ ކެޕްޓަނެއްގެ ގޮތުގަ އެވެ. ގައުމުން ބޭރުގައި އެހެން ޓީމުތައް ބަލިކުރުމުގެ މާހިރެއް ގޮތުގަ އެވެ. އެ ގޮތުން ގައުމުުން ބޭރުގައި އޭނާ މޮޅުވި މެޗުތަކުގެ ރެކޯޑަށް ބަލާއިރު ވެސް އޭނާ އަކީ އިންޑީއާގެ ކާމިޔާބު ކެޕްޓަނެކެވެ.
ވިރާތު އެންމެ ފުރަތަމަ ދޫކޮށްލީ ޓީ20 ކެޕްޓަން ކަމެވެ. މިދިޔަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާ އަށް ޖާގަ ނުލިބުމުން ވިރާތު ބޭނުންވީ އެހެން ކުޅުންތެރިއަކަށް ޓީމު ލީޑު ކުރުމުގެ ޒިންމާ ހަވާލުކުރަން ފުރުސަތު ދޭށެެވެ.
އޭގެ ފަހުން މިދިޔަ އަހަރު ޑިސެމްބަރު މަހު އިންޑިއާ ކްރިކެޓް ބޯޑުން ނިންމީ އޯޑީއައި ކެޕްޓަންކަން ވިރާތު އަތުން ނަގާށެެވެ. އެކަމުގެ ސަބަބެއް ގޮތުގައި ބުނެފައިވަނީ ޓީ20 އަދި އޯޑިއައި ކްރިކެޓްގައި އެއް ކެޕްޓަން އެއް ބެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.
ވިރާތު އެންމެ ފަހުން ދޫކޮށްލީ ޓެސްޓް ކްރިކެޓްގެ ކެޕްޓަން ކަމެވެ. މި މަހުގެ 15 ގައި އޭނާ ކެޕްޓަންކަން ދޫކޮށްލީ ދެކުނު އެފްރިކާ އާއި ދެކޮޅަށް ކުޅުނު ސީރީސް އިން އިންޑިއާ ބަލިވުމުންނެވެ. ވިރާތަށް މިދިޔަ ހައެއްކަ މަސް ދުވަހު ކެޕްޓަނެއްގެ ގޮތުގައި ހުންނަން މީޑިއާގެ ޕްރެޝަރު ވެސް ކުރިމަތިވި އެވެ.
އިންޑިއާގެ ކްރިކެޓް ޓީމުތަކުގެ ކެޕްޓަންކަން ވިރާތު އަތުން ނެގި ހިސާބުން ކްރިކެޓް ބޯޑާއި ކޯލީއާ ދެމެދު މައްސަލަ ގަނޑެއް އުޅޭކަމަށް އިންޑިއާގެ ކްރިކެޓް ހަބަރުތައް އެންމެ ފުޅާކޮށް ގެނެސްދޭ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ކެޕްޓަންކަން ދޫ ނުކޮށްލަން ކްރިކެޓް ބޯޑުން އެދުނު ކަމަށް އިންޑިއާގެ ގައުމީ ޓީމްގެ ޗީފް ސެލެކްޓާ ޗޭތަން ޝަރުމާ ބުނި ހިސާބުން މައްސަލަގަނޑު އިތުރަށް ހޫނު ވެއްޖެ އެވެ.
މި ވާހަކަތައް މީޑިއާގައި ދައުރުވަނިކޮށް ވިރާތު ވަނީ ނުސީދާ ގޮތަކަށް މިހާރުގެ ކްރިކެޓް ބޯޑްގެ ރައީސް ސޯރަވް ގަންގޫލީގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ކަންކަން ނިންމާ ކަމަށް ބުނެފަ އެވެ. މި ވާހަކަތަކާ އެކު އިތުރު ސުވާލުތަކެއް އިންޑިއާ މީޑިއާގައި ވަނީ ކުރިމަތިވެފަ އެވެ. ވިރާތު އަތުން ކެޕްޓަންކަން ނެގުމަކީ އެޖެންޑާއެއްގެ ދަށުން ކުރެވޭ ކަމެއްގެ ގޮތުގައި މީޑިއާގެ ފަލަ ސުރުހީ އަށް އަރަން ފަށައިފި އެވެ.
ވިރާތު ކެޕްޓަންކަން ދޫކޮށްލުމުގައި ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ރައީސް ގަންގޫލީގެ ހިއްސާއެއް އޮތްކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާ އެކު އިންޑިއާގެ ކްރިކެޓް ބޯޑު ފަރުދާގެ ނިވަލުން ނިކުމެއްޖެ އެވެ. އަދި ވިރާތު އެ ދެއްކި ވާހަކަތަަކަށް ރައްދުދޭން ވަނީ ފަށައިފަ އެވެ.
ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ ވިރާތު ޖަޒުބާތުގައި ޖެހިގެން ހަގީގަތާއި ހިލާފު ވާހަކަ ދައްކަނީ ކަމަށެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވިރާތު އަތުން ކެޕްޓަންކަން އަތުލުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ރުޅިގަދަކަމެވެ. ބައެއް މެޗުތަކުގައި ވިރާތު ރުޅިގަދަވެގެން އަމްޕަޔަރުންނާއި ކުޅުންތެރިންނަށް ހަޅޭލަވާތީ އެ ކަމަށް ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ. އަދި މީގެ އިތުރުން ވިރާތު ބައެއް ކުޅުންތެރިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ހަވާލާދީ ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ވިރާތާ އެކު މި ކަމުގައި ބައިވެރިވަނީ އިންޑިއާގެ ކުރީގެ ކޯޗު ރަވީ ޝާސްތުރީ ކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވިރާތު އާއި މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާ އާއި ކައިވެނި ކުރި ހިސާބުން އޭނާ މެޗުތަކަށް ބަހައްޓަން ޖެހޭ ފޯކަސް އަށް އަސަރުކުރާ ކަމަށް ވެސް މީހުން ތުހުމަތު ކުރެ އެވެ. ޕާކިސްތާންގެ ކުރީގެ ތަރި ޝޯއެބް އަކްތަރު ދާދިފަހުން ދިން އިންޓަވިއުގައި ބުނީ ވިރާތުގެ ކާމިޔާބީގެ ވެއްޓުމަކީ އަނުޝްކާ އާއި އޭނާ ކައިވެނިކުރުން ކަމަށެވެ.
ވިރާތާއި އިންޑިއާގެ ކްރިކެޓް ބޯޑާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރެވޭތޯ އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ކުރީގެ ކުޅުންތެރިންނެވެ. އެ ގޮތުން 1983 ވަނަ އަހަރު އިންޑިއާ އަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ކަޕިލް ދޭވް ވެސް ވަނީ މިކަމާ ގުޅޭގޮތުން ދާދި ފަހުން ވާހަކަ ދައްކާފަ އެވެ.
ކަޕިލް ބުނީ ވިރާތު ކަހަލަ ކުޅުންތެރިއަކާއި އިންޑިއާގެ ކްރިކެޓް ބޯޑާއި ދެމެދު މައްސަލަ ޖެހިގެން އެކަން މީޑިއާތަކުން ފެނުމުން ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި މިކަހަލަ މައްސަލަތަކަކީ ކުޅުންތެރިޔާ އަށް ވަކިން ގުޅައިގެން ހައްލު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށާއި، ވީހާވެސް އަވަހަށް ކޮންމެވެސް އެއް ކޮޅަކުން އިސްނަގައިގެން މިކަން ހައްލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ކަޕިލް ވަނީ ބުނެފަ އެވެ.
ކަޕިލް ބުނީ ވިރާތުގެ ކެރިއަރު ނިމިއްޖެ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އަދިވެސް އޭނާގެ ފުރިހަމަ އިތުބާރު ކޯލީ އަށް އެބައޮތް ކަމަށެވެ. އަދި އިންޑިއާގެ ޒުވާން ކުޅުންތެރިންގެ ކުރި އެރުމަށް ވިރާތު ކޮށްފައިވާ މަސައްކަތް އޭނާ ފާހަގަކުރާ ކަމަށް ކަޕިލް ވަނީ ބުނެފަ އެވެ.
ގައުމީ ޓީމުގެ މިހާރުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖަސްޕްރީތް ބުމްރާ، މުހައްމަދު ސިރާޖް، މުހައްމަދު ޝަމީ، ޔުޒްވެންދްރަ ޗަހާލް، ކޭއެލް ރާހުލް ކަހަލަ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތުތައް ހޯދައިދިދިނުމުގައި ވިރާތުގެ ހިއްސާ ބޮޑެވެ.
ކަޕިލްގެ އިތުރުން އިންޑިއާގެ ކުރީގެ ކެޕްޓަން އަޒުހަރުހަރުއްދީން، މަނިންދަރު ސިންހް އަދި ބޭރުގެ އެކި ގައުމުތަކުގެ ކުޅުންތެރިންވަނީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އެންމެންގެ ވެސް އުއްމީދަކީ މިއަހަރު އޮންނަ ޓީ20 ވޯލްޑް ކަޕްގެ ކުރިން ހުރިހާ މައްސަލަތަކެއް ހައްލުވުމެވެ. ޓީ20 ވޯލްޑް ކަޕްގެ ކުރިން އިންޑިއާ އަށް މި އަހަރު ވެސްޓް އިންޑީސާއި، ސްރީ ލަންކާ، ދެކުނު އެފްރިކާ އަދި އިންގްލެންޑް އާއި ދެކޮޅަށް މެޗުތަކެއް ކުޅެން ވަނީ ތާވަލުކޮށްފަ އެވެ.
އިންޑިއާގެ ލެޖެންޑުންގެ ލިސްޓުން ވެސް ޖާގަ ހޯދާފައިވާ ވިރާތު އަކީ އެ ގައުމުގެ ތާރީޚުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާނެ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު އަދިވެސް ދެކެ އެވެ. މިހާތަނަށް އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ގައުމީ ޓީމަށް ކޮށްދީފައިވާ ހިދުމަތްތައް މި ނޫން ގޮތަކަށް ފާހަގަކުރަން އޭނާގެ ހުރިހާ ސަޕޯޓަރުންވެސް ތިބީ އެދިއެދި އެވެ. އަދި މި ކޯޅުމުގެ ސަބަބުން ވިރާތުގެ ކުޅުމަށް ކޮށްފައިވާ އަސަރުން އަރައިގަނެ އޭނާގެ ކުރީގެ ފޯމަށް އެނބުރި ދިޔުމަކީ އެންމެންގެ އުއްމީދެވެ.
Comment