Advertisement

ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް، މާޒިޔާ އަދި އީގަލްސް އެއް ގްރޫޕަކަށް

20 ޖަނަވަރީ 2022 - 13:07 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް، މާޒިޔާ އަދި އީގަލްސް އެއް ގްރޫޕަކަށް

20 ޖަނަވަރީ 2022 - 13:07 0

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށަށް ހާއްސަކޮށްފައިވާއިރު، މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މަހިބަދޫ ވަނީ މީގެ ކުރިން ވެސް ޔޫތު ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ.

މުބާރާތުގެ ގުރުއަތުލުން ކުރިއަށްދިޔައީ އިއްްޔެ ގަލޮޅު ދަނޑުގަ އެވެ. މި ފަަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެވޭނީ 2003، 2004 އަދި 2005 ގައި އުފަންވެފައިވާ ކުދިންނަށް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފަ އެވެ.

ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ފަސް ޓީމު ހިމެނޭ ގްރޫޕް އޭގައި އީގަލްސް އާއި މާޒިޔާ އަދި ގްރީން ސްޓްރީޓްސްގެ އިތުރުން ދެން ހިމެނެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ދަ ގްރާންޑޭ މި ފަހަރުގެ ސީޒަނުގައި ހާއްސަވެފައި އޮތީ މާފުށީގެ ފުޓްބޯޅަ ކުޅުންތެރިންނަށް އިސްކަންދޭ ގޮތަށެވެ.

ގްރޫޕް ބީގަ ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބް ވެލެންސިއާ އަދި މަހިބަދޫގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕް ބާއްވަން ފެށީ 21 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. އޭރު ފެށި އެ މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު ފަށައި، 2018 ވަނަ އަހަރު މުބާރާތް ކުރިއަށްގެންދާ އުސޫލަށް ބަދަލެއް ގެނަ އެވެ. އެއީ އެއް އަހަރު 19 އަހަރުން ދަށަށް ބޭއްވުމަށް ފަހު ޖެހިގެން އަންނަ ފަހަރަކު 21 އަހަރުން ދަށަށް ބާއްވައި ކުޅުންތެރިން ޑިވެލޮޕްވެވޭ މުބާރާތަކަށް ޔޫތު ޗެމްޕިއަންޝިޕް ހެދުމަށެވެ.

އެންމެ ފަހުން 2019 ވަނަ އަަހަރު ޔޫތު ޗެމްޕިއަންޝިޕް ބޭއްވިއިރު، ޗެމްޕިއަނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އީގަލްސް އެވެ. މިހާތަނަށް 19 އަހަރުން ދަށަށް ހާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފަށަން ތާވަލުކޮށްފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ މި މަހު 24 އިން އަންނަ މަހު ފަސް ވަނަ ދުވަހާ ހަމައަށެވެ. ދެ ގްރޫޕުން ހަތަރު ޓީމެއް ސެމީ ފައިނަލަށް ހޮވޭއިރު، ސެމީގެ މެޗުތައް ކުޅޭނީ އަންނަ މަހު އަށް ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހު އެވެ.

މުބާާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ހަވީރު ސަސް ކުޅޭނީ އީގަލްސްއާ އެވެ.