Advertisement

ހުލާސާކޮށް އިއްޔެ: ކުޑަކުދިންގެ ހިޔާގެ ވެރިންގެ ޖިނާއީ ތަހުގީގު

18 ޖަނަވަރީ 2022 - 06:48 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޖެންޑާ މިނިސްޓަރު މަޖިލީހުގައި: އެ މިނިސްޓްރީން ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާގެ އެންމެ އިސް ވެރިއަކީ މިނިސްޓަރު ކަމަށް -- ފޮޓޯ: ފައިލް


ހުލާސާކޮށް އިއްޔެ: ކުޑަކުދިންގެ ހިޔާގެ ވެރިންގެ ޖިނާއީ ތަހުގީގު

18 ޖަނަވަރީ 2022 - 06:48 0

ވިލިމާލޭގައި ދައުލަތުން ހިންގި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، އެތަނުގެ އިސް ވެރިން ޒިންމާ ކުރެވޭނެ ގޮތަކަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޗިލްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެދުނީ އިއްޔެ އެވެ.

ތަހުގީގު ހިންގުމަށް އެދުނީ މެއި 4، 2021 އަދި ޖޫން 6، 2021 ގައި ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ހިޔާ ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގަމުންދިޔައީ އެތަނުގައި ކުދިން ނުބޭތިއްބުމަށް މެއި، 2021 ގައި އަންގާފައި އޮއްވާ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަންތަނުގައި އަލިފާނުން ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް ހުންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔައީ އެފަދަ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުންޏެވެ.

"މި ޢަމަލަކީ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ހައްގާއި އެ ގާނޫނުގެ އަށް ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކުދިންގެ މަޞްލަޙަތަށް އިސްކަންދީ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ޙައްޤާއި، އެ ގާނޫނުގެ 10 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ހައްގަށް އުނިކަން އަންނާނެ ފަދަ އަމަލަކަށްވާތީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2021 މޭ 4 ވީ އަންގާރަ ދުވަހާއި 2021 ޖޫން 06 ވީ އާދީއްތަ ދުވަހު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީކުރުވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި މި އޮފީހުންވާނީ އެދިފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނާ "މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި" ތިބި މީހުންނަކީ ކޮބައިކަމެއް ނޭނގެ އެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކުޑަކުދިންގެ ހިޔާގެ އޮނިގަނޑަށް ބަލާއިރު އެތަނުގެ އެންމެ އިސްވެރިއަކީ ސީދާ ޖެންޑާ މިނިސްޓަރެވެ. ދެ ވަނައަށް ހުންނަނީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެވެ.

ކުޑަކުދިންގެ ހިޔާގެ އޮނިގަނޑު: ތަނުގެ އެންމެ އިސް ފަރާތަކީ ޖެންޑާ މިނިސްޓަރު --


ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ އަލިފާނުގެ ދެ ހާދިސާއަކާ ގުޅިގެން ތަހުގީގެއް ކުރުމަށް އެދުމަށްފަހު، ކުޑަކުދިންނާ ގުޅޭ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށްފަހު ޒިންމާ އަދާނުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް އޮމްބަޑްސްޕާސަންގެ އޮފީހުން ދިނެވެ.

"ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައިވާ ގޮތުގެމަތިން [މަސްއޫލިއްޔަތު] އަދާނުކުރާ ނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ގާނޫނުން ލިބިދީފައިވާ ދާއިރާގެ ތެރޭގައި ތަންދޭ އެންމެ ފުޅާ މިނެއްގައި އަޅަމުންގެންދާނެކަމުގެ ޔަގީންކަން އަރުވަން،" އެ ބަޔާނުގައިވެ އެވެ.

ކުޑަކުދިންގެ ހިޔާއިން ކުޑަކުދިން ހުސްކޮށް، އެ ކުދިން އެހެން މަރުކަޒުތަކަށް ބަދަލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެތަނުގައި ތިބި ކުދިން ގެންދިޔައީ އެކި ރަށްރަށުގައި ބިނާކޮށް، "އަމާން ވެށި" ގެ ނަން ދީފައިވާ މަރުކަޒުތަކަކަށެވެ.

ކުޑަކުދިންގެ ހިޔާގެ ފެށުން

ކުޑަކުދިންގެ ހިޔާ ވިލިމާލޭގައި ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާ ގާތްވެފައި އޮއްވައި، މީގެ 16 އަހަރު ކުރިން، މެއި 11، 2006 ގަ އެވެ. އޭގެ ކުރިން ކުޑަކުދިން ބަލަހައްޓާ ރަސްމީ މަރުކަޒެއް ރާއްޖެއަކު ނުހުރެ އެވެ. ނަމަވެސް އޭގެ ދެ އަހަރު ކުރިން ފެށިގެން ސަރުކާރުން އައި ކޮންމެވެސް ލެވެލްއެއްގައި ކުޑަކުދިން ބަލަހައްޓަމުންނެވެ.

ކުޑަކުދިންގެ ހިޔާ އިމާރާތަކީ ދިވެހިރާއްޖެއަށް ޓުއަރިޒަމް ތައާރަފް ކުރި ކްރައުން ކޮމްޕެނީގެ ފަރާތުން ސަރުކާރަށް ދިން ހަދިޔާއެކެވެ. ކުޑަކުދިންގެ ހިޔާ ރަސްމީކޮށް ހުޅުވުމުގެ ކުރިން އަދި ފަހުން ވެސް އެ ކުންފުނިން އެތަނަށް ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދިނެވެ.

ކުޑަކުދިންގެ ހިޔާ ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު، އެތަނުގައި ބައިތިއްބާ ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަށް އެއިރުގެ ރައީސް، މައުމޫން އިލްތިމާސް ކުރެއްވި އެވެ. އޭރު ޖެންޑާ މިނިސްޓަރަކީ ވެސް އައިޝަތު މުހައްމަދު ދީދީ އެވެ.

"އާދެ! މިއަދު މި ހުޅުވޭ ކުޑަކުދިންގެ ހިޔަލުގައި މިތިބީ، މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނެތް އަދި އެކުދިން ބަލާނެ އެއްވެސް މީހަކު ނެތިގެން ނުވަތަ އެކިއެކި މައްސަލަތަކުގައި މައިންބަފައިން ބަންދުވެގެން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ކުދިން. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ ބިންގަލުގެ މަތީގައި، ފުރިހަމަ ލޯތްބާއި އޯގާތެރިކަމާއެކު، އެކުދިން ތަރުބިޔަތު ކުރައްވައި، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް އެކުދިން ހެއްދެވުމަށް، މި މަރުކަޒާ ހަވާލުވެ ތިއްބެވި ހުރިހާ ވެރިންނަށާއި ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" މައުމޫން ވިދާޅުވެފައިވެ އެވެ.

ހިޔާގެ އަނދިރި މާޒީ

ކުޑަކުދިންގެ ހިޔާގައި ފެށުނީއްސުރެ މައްސަލަ ޖެހެން ފެށި އެވެ. އެގޮތުން މީގެ އަށް އަހަރު ކުރިން 2013 ވަނަ އަހަރު ޖެހުނު މައްސަލައެއްގައި ހިޔާގައި އުޅުނު 15 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިން ބޮޑެތި މީހުން ހައްޔަރު ކުރާ މާފުށީ ޖަލުގައި ބަންދުކޮށްގެން ގެންގުޅެވެ. އެކަން ސިއްރުކޮށްގެން ތިއްބާ ފަަޅާއެރީ އެވެ.

މިފަހުން އެތަނުގައި ހިނގި ހާދިސާތަކަށް ބަލާއިރު، 2017 އާއި 2018 ވަނަ އަހަރުގެ ތެރޭގައ ހިޔާގައި ދިރިއުޅުނު އުމުރުން އެންމެ ދެ އަހަރުގެ ތުއްތު ކުދިންތަކަކަށް ބިރު ދައްކައި، އެކި ކަހަލަ ގޯނާކޮށްފައިވެ އެވެ. އެކަމުގައި ބައިވެރިވެފައި ވަނީ ހިޔާގެ ހަ ފިރިހެން މުވައްޒަފުންނަނެވެ. އެމީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ޖިނާއީ ދައުވާ ވެސް އުފުލި އެވެ.

ހަމަ 2017 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކަށް ދިޔަ ފުލުހުން ކުޑަކުދިންތަކެއް އެމީހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަނޑުމަތީގައި ބިޑި އަޅުވައިގެން ގަދަކަމުން ދަތުރުކުރުވާފައިވެ އެވެ. ކަނޑުމަތީގައި ސަލާމަތްނުވެވޭނެ ގޮތަށް ބިޑިއެޅުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެ މައްސަލައިގައި 13 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ އެދިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅިފައި ވެއެވެ.

އޭގެ ފަހުން ޖޫން، 2019 ގައި ކުޑަކުދިންގެ ހިޔާ ބަލަހައްޓާ މީހުންގެ އިހުމާލުން އެތަނުގައި ދިރިއުޅުނު އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލުނެވެ. އެ ކުއްޖާ ފެނިފައިވަނީ އޭނާގެ ރައްޓެއްސެއްގެ ގެއިންނެވެ.

ކުޑަކުދިންގެ ހިޔާގައި އެކި ކަހަލަ ޓޯޗާގެ އަމަލުތައް އެތަނުގެ މުވައްޒަފުންނާއި ކުޑަކުދިންގެ މައްޗަށް ބާރުފޯރުވާ އެހެން އޮފީސްތަކުގެ މީހުން ހިންގަމުންދިޔަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން 2019 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އާންމުންގެ ކުރިމަތީގައި ގަދަކަމުން އޮރިޔާން ކުރުން ހިމެނެ އެވެ.

މިދިޔަ 2021 ވަނަ އަހަރުގެ ތެރޭގައި ހިޔާއިން ފިލައިގެން އުޅުނު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ވެސް މީހަކރު ހައްޔަރު ކުރި އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ހުޅުމާލޭ ދެ ވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ބުރިވެ ހުރިހާ ފްލެޓްތަކަކުން ކަރަންޓު ކެނޑުނީ އިއްޔެ އެވެ. ސްޓެލްކޯއިން ކުރި މަސައްކަތަކުން އަލުން ކަރަންޓު ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.
  • ބ، ކުޑަރިކިލުގައި ހުމާއި ރޯގާ ފެތުރޭއިރު އެރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތުމުން ރައްޔިތުން ނިކުމެ މުޒާހަރާކޮށްފި އެވެ. އެ ރަށު ރައްޔިތުން މިހާރު ޑޮކްޓަރަށް ދައްކަނީ މާލޭގައި ހުންނަ ހޮސްޕިޓަލަކަށް ގުޅައިގެންނެވެ.
  • ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަނިޔާވެރިވުމަށް ގޮވައިލި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. އޭނާއަކީ ކުރިން ވެސް ވަރަށް ގިނަ މީހުންނަށް މަރުގެ އިންޒާރު ދީފައިވާ މީހެކެވެ. ނަމަވެސް މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާވެރިވުމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް ސޯޝަލް މީޑިއާގައި ގޮވާލުމުން، އެކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ:

"އެ މައްސަލަ [ޒާހިދުގެ މައްސަލަ] ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދަނީ. އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުވަތަ ވަޔަލަންސް އިންސައިޓް ކުރުމަށް ގޮވުމަކީ ވަރަށް ސީރިއަސްކޮށް ނަގާނެ މައްސަލައެއް. ކިހާވަރަކަށްތޯ ރާއްޖޭގެ ގާނޫނުގެ ދަށުން، މީހަކު އެގޮތަށް އެކްސްޕްރެސް ކުރާ އޮޕީނިއަނަކަށް ނުވަތަ ބުނާ ބުނުމަކަށް ފިޔަވަޅު އެޅެން އޮންނަނީ [ބަލާނަން]. ދައުވާ ކުރުމަށް ކިހާ ޖާގައެއްތޯ އޮތީ އަދި ދައުވާ ނުކުރެވުނަސް ގާނޫނީ ގޮތުން ފިޔަވަޅެއް އެޅިދާނެތޯ ވެސް ބަލާނަން."

ދުވަހުގެ ފޮޓޯ

ގްރީން ސްޓްރީޓްގެ ކޯޓު އަލީ ނިސްތާރު އިއްޔެ ޓީމާއެކު ޕްރެކްޓިސްގައި: އެ ޓީމުން މާޒިޔާ ސްޕޯޓްސް ބަލިކުރުމުން މުބާރާތުގެ ފޯރި މިހާރު އޮތީ އިތުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިރާސާތަކުން ކިޔާލުމަށް

"އެން އައުޓްލައިން އޮފް ދި ހިސްޓްރީ އޮފް މޯލްޑިވިއަން ރައިޓިން"

އެއީ ޖަރުމަނުވިލާތުގެ ޕްރޮފެސަރެއް ކަމަށް ޖޮސްޓް ޖިޕޭޓް ކުރެއްވި ދިރާސާއެކެވެ. އެ ދިރާސާ ޝާއިއުކޮށްފައި ވަނީ 2013 ވަނަ އަހަރެވެ.

އެ ދިރާސާގައި ވަރަށް ތަފްސީލުކޮށް ތާނަ އަކުރާ ބެހޭ ގޮތުން ލިޔެފައިވެ އެވެ. ދިވެސް އަކުރަށް، 17 ވަނަ ގަރުނުގައި ބަދަލުވި ގޮތާއި އޭގެ ކުރިން ލިޔަމުން އައި ގޮތް ވަރަށް ތަފްސީލުކޮށް އެ ދިރާސާގައި ބުނެދީފައިވެ އެވެ. އަދި ދިވެހިން ބުދަށް އަޅުކަން ކުރި ޒަމާނުގައި ލިޔުމުގެ ވައްޓަފާޅި ހުރި ގޮތް ވެސް އެ ދިރާސާގައި ބަލާފައިވެ އެވެ.