Advertisement

ސެޓްލައިޓް ސްކޫލަކީ ޖަޒީރާ ތަރައްގީގެ އާ ފެށުމެއް: ނައިބު ރައީސް

17 ޖަނަވަރީ 2022 - 13:56 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފެހެންދޫ ސްކޫލުގެ ދަރިވަރުންތަކެއް: ނައިބު ރައީސް ވިދާޅުވީ ސެޓްލައިޓް ސްކޫލަކީ އަމިއްލަ ރަށުގައި ތިބެ ކިޔެވުމަށް ލިބުނު ފުރުސަތުން މަހުރޫމު ވެފައިވާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ސެޓްލައިޓް ސްކޫލަކީ ޖަޒީރާ ތަރައްގީގެ އާ ފެށުމެއް: ނައިބު ރައީސް

17 ޖަނަވަރީ 2022 - 13:56 0

ރާއްޖޭގައި އަލަށް ފެށި ސެޓްލައިޓް ސްކޫލުތަކުގެ ތައުލީމަކީ ރަށުގައި ތިބެ ކިޔެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހިކޮށްދެއްވި ޖަޒީރާ ތަރައްގީގެ ފެށުމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތައުލީމު ފޯރުކޮށް ދިނުމަށް ސެޓްލައިޓް ސްކޫލު އަޅާފައި ވަނީ ބ. ފެހެންދޫ، ވ. ރަކީދޫ އަދި ވ.ތިނަދޫގަ އެވެ. އިއްޔެ ފެށުނު އާ ޓާމާއެކު ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭން ފަށާފައި ވަނީ ފެހެންދު އާއި ވ. ތިނަދޫގަ އެވެ.

ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދު ތެރޭގައި ފެށި ނަމަވެސް ރަކީދޫގެ ސެޓެލައިޓް ސްކޫލު ހިންގާ އިމާރާތް އަދިވެސް ނުނިމޭތީ އެތަން ހުޅުވާފައެެއް ނުވެ އެވެ. ނަމަވެސް މި މަސް ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސެޓެލައިޓް ސްކޫލު އިފްތިތާހު ކުރުމަށް ފެހެންދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެ ތިން ރަށުން ތައުލީމު ހޯދުމަށް 12 އަހަރު ވަންދެން އެކި ރަށްރަަށަށް ހިޖުރަކޮށް ހޭދަކުރި ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް, އަމިއްލަ ރަށުގައި ތިބެ ކިޔެވުމަށް ލިބުނު ފުރުސަތުން މަހުރޫމުވެފައިވާ ދަރިވަރުންނަށް މިއަދު ލިބުނު ފުރުސަތުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"ތައުލީމު އުނގެނުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާ ހައްގެއް, މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މި ދަނީ ރައީސް ސޯލިހް ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ތައުލީމީ ދާއިރާ ފުޅާ ކުރުމަށްޓަކައި ފުރުސަތުތައް ފަހިކޮށްދެއްވުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތް," ނައިބު ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ގައުމެއް ތަރައްގީވެ ކުރިއެރުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ތައުލީމީ ނިޒާމު ކުރިއެރުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ތައުލީމަށް ކުރާ މަސައްކަތްތަކަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި މިދިޔަ ތިން އަހަރު ތެރޭ ސްކޫލުތަކުން އެކަނި 40 ޕްރޮޖެކްޓް ނިމިފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި 50 ޕްރޮޖެކްޓް މިވަގުތު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

"މިއަދު ފެށިގެން މިދާ ޕްރޮގްރާމަކީ އަޅުގަނޑުމެން ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޖަޒީރާ ތަރައްގީ, އެކަން ފެށިގެން މި އަންނަނީ ތައުލީމުން, މިއީ ތައުލީމީ ދާއިރާ ފުޅާކުރުން, އަދި ރަށުގައި ތިބެ އެކިއެކި ވަސީލަތްތައް ލިބިގަތުން،" ނައިބު ރައީސް ވިދާޅުވި އެވެ.

ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށް، ހުރަވީ ސްކޫލާއި ބ. ފެހެންދޫ ސްކޫލުގަ އެވެ. ނައިބު ރައީސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ހުރަވީ ސްކޫލުގައި ހުންނަވައިގެންނެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ފެހެންދޫ ސްކޫލުގައި ހުންނަވައިގެންނެވެ.

ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. އަދި ރެކޯޑިން ސެޝަންތަކުގެ އިތުރުން ވަގުތުން ފޮނުވާ ސެސަންޝައްތައް ދަރިވަރުންނަށް ނެގޭނެ އެވެ.

ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.