Advertisement

ބަންގްލަދޭޝް މެޗުތަކަށް ގައުމީ ވޮލީ ޓީމު ތައްޔާރުވާނީ ކޯޗު ކާއްޓޭއާ އެކު

14 ޖަނަވަރީ 2022 - 15:00 1

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު ކާއްޓޭ: ބަންގްލަދޭޝާ ދެކޮޅަށް ޓީމު ތައްޔާރުކުރުމުގެ ޒިންމާއާ ހަވާލުވީ ވެސް ކާއްޓޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަންގްލަދޭޝް މެޗުތަކަށް ގައުމީ ވޮލީ ޓީމު ތައްޔާރުވާނީ ކޯޗު ކާއްޓޭއާ އެކު

14 ޖަނަވަރީ 2022 - 15:00 1

ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް އަންނަ މަހު ކުޅެން ރާވާފައިވާއިރު، ގައުމީ ޓީމު ތައްޔާރުކުރުމުގެ މަސައްކަތް އެންމެ ފަހުން ޓީމަށް އިރުޝާދުދިން ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)އާ ހަވާލުކޮށްފި އެވެ.

އަންނަ މަހު 6-12 އަށް މާލޭގައި ބަންގްލަދޭޝާއި ރާއްޖޭގެ ތިން މެޗެއް އޮންނާނެ އެވެ. މިއީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ މެޗުތަކެކެވެ.

ގައުމީ ޓީމާ ކާއްޓޭ ތިން ވަނަ ފަހަރަށް ހަވާލުވީ މިދިޔަ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ފަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ކޯޗިން ސްޓާފުންގެ މަސައްކަތް އެ ހިސާބުން ނިމުނީ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން، އެފްވައިބީގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ގެންނަ ބިދޭސީ ކޯޗު އަވަހަށް ޓީމާ ގުޅޭނެ ކަމަށް ބަލައިފަ އެވެ.

އެކަމަކު، އާ ކޯޗެއް ހަމަޖެއްސުމުގެ ހުރިހާ ކަމެއް އެއްކޮށް ނުނިމޭތީ ބަންގްލަދޭޝް މެޗުތަކަށް ޓީމު ތައްޔާރުކޮށް، އިރުޝާދުދޭނީ ކާއްޓޭ ކަމަށް ވީއޭއެމް އިން މިހާރު މި ވަނީ ހަމަޖައްސައިފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، މިއަދު "އަދަދު" އަށް ވިދާޅުވީ މިހާރު އޮތްގޮތުން ކާއްޓޭގެ ބެލުމުގެ ދަށުން ގައުމީ ޓީމު އަލުން ޕްރެކްޓިސް ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށެވެ. އަދި ވަރަށް އަވަހަށް ބިދޭސީ ކޯޗު ޓީމާ ގުޅޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ރަނޭ ވިދާޅުވި އެވެ.

ކާއްޓޭ، މި ފަހަރު ގައުމީ ޓީމާ ހަވާލުވެ، ސެންޓްރަލް ޒޯން މުބާރާތަށް ގައުމީ ޓީމު ތައްޔާރުކުރުމުގެ ތެރެއިން މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާއި އިންޑިއާގެ ކްލަބް ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް މެޗުތަކެއް ކުޅުނެވެ. ދެ އަހަރު ދުވަހު ނުކުޅެ ތިބުމަށް ފަހު މަހެއްހާ ދުވަހު ވެސް ޕްރެކްޓިސް ނުކޮށް ލަންކާ އަތުން ކުޅުނު ތިން މެޗު ވެސް ވަނީ ތިން ސެޓުން ބަލިވެފަ އެވެ. އެކަމަކު، އޭގެ ފަހުން ހައިދަރުއާބާދު ސްޕައިކާސްއާ ކުޅުނު ތިން މެޗުން މޮޅުވީ އެވެ.

ރަނގަޅު ފޯމެއްގައި، ރާއްޖޭގެ ވޮލީ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް ދާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ދިމާވި ކޮވިޑްގެ ހާލަތަކާ ހުރެ، ގައުމީ ވޮލީ ޓީމަށް ބަންގްލަދޭޝަށް މުބާރާތް ކުޅެން ދެވުނީ ދަަތި އުނދަގޫތަކެއްގެ ތެރެއިންނެވެ. ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކު (ސެޓަރު ހުސެއިން ވިޝާމް - ބުޅިކެ އާއި މުހައްމަދު ނައީމް - ނައިންޓެ) ނުލައި ކުޅެން ޖެހުނުއިރު، ރާއްޖެ ކުޅުނު މެޗުތަކުން ވީ ބައްޔެވެ. އެކަމަކު، ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ކުޅުނުއިރު، ރާއްޖޭން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

ރާއްޖޭން ވަނީ މި އަހަރު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. ބަންގްލަދޭޝާ ވާދަކޮށް ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މިހާރު އޮތް ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕްގެ މަސައްކަތުންނެވެ.

މީގެ ކުރިން ރާއްޖޭން ވަނީ 2017 ވަނަ އަހަރު ސެންޓްރަލް ޒޯން މުބާރާތެއް ރާއްޖޭގައި ހޯސްޓްކޮށްފަ އެވެ.