Advertisement

ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅޭ މެޗުތައް އޮތީ އަންނަ މަހު

13 ޖަނަވަރީ 2022 - 21:08 0

އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅޭ މެޗުތައް އޮތީ އަންނަ މަހު

13 ޖަނަވަރީ 2022 - 21:08 0

ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް އޮންނާނީ އަންނަ މަހު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މި މެޗުތައް ކުޅޭގޮތަށް ހަމަޖެހިގެން ދިޔައީ މިދިޔަ މަހު މިނިސްޓަރު މަހުލޫފް ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިސްޓަރު މަހުލޫފް، މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގްލަދޭޝްގެ ގައުމީ ފިރިހެން ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ތިން މެޗު އޮންނާނީ އަންނަ މަހުގެ 6-12 އަށް ކަމަށެވެ. އަދި މެޗު ކުޅެން އަންނާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މޭޔަރު އަތީގުލް އިސްލާމް ދެއްވާފައިވާ ކަމަށެވެ.

ދާދި ފަހުން ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ވާދަކޮށްފަ އެވެ. އަންހެން އަދި ފިރިހެން ޓީމު ޑާކާގައި މުބާރާތަށް ގޮސް ތިބިއިރު، މިނިސްޓަރު މަހުލޫފް ވަނީ ފޯނުން ގުޅުއްވައި، ޓީމަށް ހިތްވަރު ދިނުމުގެ އިތުރުން ސަރުކާރުގެ ފަރާތުން ވޮލީބޯޅަ އަށް އިތުރު ފުރުސަތުތައް ހޯދައިދޭން އިތުރު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ފަހު ގައުމީ ޓީމުތަކުގެ ކޯޗިން ސްޓާފުން ވަނީ ކޮންޓްރެކްޓް ހަމަވެފަ އެވެ. ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ވެސް ބިދޭސީ ކޯޗުން ހަމަޖެއްސުމުގެ މަސައްކަތް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ގައުމީ ޓީމުތަކަށް ކޯޗުން ހަމަޖައްސާނީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ސަޕޯޓާ އެކުގަ އެވެ.

މިނިސްޓަރު މަހުލޫފްގެ ދައުވަތަކަށް ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައިއިރު، ދެ ވަނަ ފަހަރަށް އައީ މި މަހު ކުރީކޮޅުގަ އެވެ. ލަންކާ ގައުމީ ޓީމުގެ އިތުރުން މި މަހު އިންޑިއާ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސް ވެސް ވަނީ ރާއްޖެ އައިސް ގައުމީ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފަ އެވެ.

ރާއްޖޭން ވަނީ މި އަހަރު ސެންޓްރަލް ޒޯންގެ އަންހެން އަދި ފިިރިހެން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދައިފަ އެވެ. ބަންގްލަދޭޝާ ވާދަކޮށް ރާއްޖޭން ސެންޓްރަލް ޒޯން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މިހާރު އޮތް ރައީސް މުހައްމަދު ރަނޭޝް (ރަނޭ)ގެ ލީޑަޝިޕްގެ މަސައްކަތުންނެވެ.