Advertisement

މޮސްކްވާ ކޯރުގެ އައްސޭރިން ފިނި ހަނގުރާމައިގެ މައިދާނަށް: އުއްމީދާއި ސުލްހައިގެ މެސެޖެއް

1 ޖަނަވަރީ 2022 - 12:07 2

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން


މޮސްކްވާ ކޯރުގެ އައްސޭރިން ފިނި ހަނގުރާމައިގެ މައިދާނަށް: އުއްމީދާއި ސުލްހައިގެ މެސެޖެއް

1 ޖަނަވަރީ 2022 - 12:07 2

މިއީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގެ ދުވަހެކެވެ. އަހަރެން ދަތުރުކުރަމުން ދިޔައީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ތެރޭގަ އެވެ. މި ޝަހަރުގެ ނަން ރަމްޒުކޮށްދޭ މޮސްކްވާ ކޯރުގެ އައްސޭރިއަށް ކާރު ހުއްޓާލުމާ އެކު ފައިބައިފީމެވެ. ގުރާ ފެހިކުލައިގެ، އޮމާން ދޫލައެއް ފަދަ ވިނަގަނޑެއްގެ އެއްކައިރިން ލާފައި، އަހަރެން ހިނގަމުންދިޔައީމެވެ. ހޫނު މޫސުމުގެ ހަވީރެއް ނަމަވެސް، މާހައުލަށް ވެރިވެފައިވަނީ ތެތް ފިނި ކަމެވެ. އަހަރެންގެ ހިތަށް ވެރިފައިވަނީ މަސަލަސްކަމާއި ފަސޭހަކެމެވެ. އިރުކޮޅަކުން ހިމަ ފޮދު ވާރޭ ވެހެން ފެށި އެވެ. ހިނގުން ބާރުކޮށް، ހިޔަލެއްގެ ދަށަށް ވަންނާކަށް ބޭނުމެއް ނުވި އެވެ. މަތިން އޮހޮރެން ފެންތިކިތައް އަހަރެންގެ ގައިގައި ދާނަން ފެށީ އެ ޖާދުވީ ވަގުތުކޮޅަށް ތަފާތު އިހުސާސެއް ގެނުވަމުންނެވެ. އަހަރެން މިސްރާބު ޖަހާފައި ހުރީ ކޯރުގެ އަނެއް ފަރާތަށް ދިއުމަށް އަޅާފައިވާ ފާލަމާ ދިމާލަށެވެ. އެތަން ހުރަސްކޮށްފައި ދަމުން، ކޯރުގައި ދުއްވަމުން ދިޔަ ބޯޓުތައް ފަސްމަންޒަރުވާ ގޮތަށް ހަނދާނީ ފޮޓޯއެއް ނެގީމެވެ. އެއަށް ފަހު ފާލަމުން ފައިބައި ކޯރުގެ އައްސޭރީގައި ހުރި ގޮނޑިއެއްގައި ޖައްސާލީމެވެ. ވާތް ފަރާތަށް ނަޒަރު ހިންގާލިއިރު ލޮލުގައި އަޅައިގަތީ "ގޯކީ ޕާކް" މިހެން ލިޔެ ކަނޑާނަގާފައިވާ ނަން ބޯޑެކެވެ.

މޮސްކްވާ ކޯރު އަދި އެ ކޯރުގެ އައްސޭރީގައި ގޯކީ ޕާކް.


ގޮނޑީގައި ހަމަޖެހިލުމަށް ފަހު ފޯނު ނަގައި، ހެޑްފޯން ކަންފަތަށް ހެޔޮވަރުކޮށްލުމަށް ފަހު، ސައުންޑްކްލައުޑުން، ޖަރުމަނުގެ ރޮކް ބޭންޑް "ސްކޯޕިއަންސް" ގެ "ވިންޑް އޮފް ޗޭންޖް" ލަވަ ޖަހާލައިފީމެވެ. ލަވައިގައި އެމުނި އެކުލެވިފައިވާ ބަސްތައް އަހަރެންގެ ކަންފަތު ޖެހެމުން ދިޔައިރު އެ ލަވައިގައި އެ ބުނެދޭ ތަންތަން އަހަރެންގެ ލޯ ކުރިމަތީ އެހެރީ ފެންނާށެވެ. އަހަރެންގެ ކަނާތް ފަރާތުގައި މިއޮތީ އެ ލަވައިގައި ބުނެދޭ މޮސްކްވާ ކޯރެވެ. އަހަރެންގެ ކަނާތް ފަރާތުން އެ ފެންނަނީ އެ ލަވައިގައި ބުނެދޭ ގޯކީ ޕާކެވެ. އެއާ އެކު އަހަރެންގެ ހިޔާލީ ލޮލަށް ލަވައިގައި ކިޔައިދޭ ވާހަކަތައް ސިފަވާން ފެށި އެވެ. ހަނގުރާމަ ނިމި، ސިފައިން އަމިއްލަ ވަޒަނަށް ރުޖޫއަވާތަނެވެ. މާޒީގެ ހިތި ހަނދާންތައް ވަޅުލެވިގެންދާތަނެވެ. އަހުވަންތަކަމުގެ ގުޅުމަކުން އެކެއް އަނެކަކު ގުޅިގެންދާތަނެވެ. މި ދުނިޔެ ރީތި ތަނަކަށް ބަދަލުވެގެންދާތަނެވެ.

ފޮލޯ ދަ މޮސްކްވާ

ޑައުން ޓު ގޯކީ ޕާކް

ލިސެނިން ޓު ދަ ވިންޑް އޮފް ޗޭންޖް

އެން އޮގަސްޓް ސަމާ ނައިޓް

ސޯލްޖާސް ޕާސިން ބައި

މިއީ ފިނި ހަނގުރާމަ ނިމެން، ސޯވިއެޓް ޔޫނިއަން ރޫޅި، އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަން އެއްވެ، ދުނިޔެއަށް އަންނަން ފެށި ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ބަދަލުތަކުގެ އުފާވެރި އިހުސާސް ކިޔައިދޭން ސްކޯޕިއަންސް އިން 1991 ވަނަ އަހަރު ދުނިޔެއާ ހިއްސާކުރި ލަވައެކެވެ. މި ލަވައިގައި ސިފަކޮށްދޭ މާހައުލުގައި ހުރެ، އެ ލަވައިގައި ބުނާ ވާހަކަތަކާ މެދު ފުންކޮށް ވިސްނާލުމުން އަހަރެންގެ ސިކުނޑި ދަތުރުކުރީ، އެ ލަވައިގައި ކިޔައިދޭ ބަދަލުތައް ދުނިޔެއަށް އަންނަން މަޖުބޫރުވި ހާލަތް މެދުވެރިވާން 20 ވަނަ ގަރުނުގެ ކުރީކޮޅު ދިމާވާން ފެށި ކަންކަމުގެ ތެރެއަށެވެ.

.......

ސެޕްޓެމްބަރު 1، 1939 ވަނަ ދުވަހު ދުނިޔެ ހޭލީ ހަނގުރާމައިގެ ވިލާގަނޑެއްގެ އަނދިރިކަމުގެ ތެރެއަށެވެ. އެއްކޮޅުގައި އޮތީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އަދި އިނގިރޭސި ވިލާތެވެ. އަނެއްކޮޅުގައި އޮތީ ނާޒީ ޖަރުމަނާއި ޖަޕާނުގެ އެމްޕަޔާ އަދި ފޭސިސްޓް އިޓަލީ އެވެ. ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމައިގައި ނަން ދެވުނު އެ ހަނގުރާމަ ހަ އަހަރުގެ މުއްދަތަކަށް ފަހު ނިމިގެން ދިޔައީ އެމެރިކާ އާއި ސޯވިއެޓުންނާއި އިނގިރޭސިން ހިމެނުނު އިއްތިހާދަށް ކާމިޔާބު ލިބިގެންނެވެ.

އެ ހިސާބުން އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން ނުވަތަ ޔޫނިއަން އޮފް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކްސް (ޔޫ.އެސް.އެސް.އާރް) ދުނިޔެ އަށް ތައާރަފުވެގެން ދިޔައީ ސުޕަ ޕަވަރުންގެ ގޮތުގަ އެވެ. ހަނގުރާމައިގެ ބަނދެވުމަކުން ގުޅިފައި އޮތް ނަމަވެސް ހަނގުރާމައިގައި ސިއްކަ ޖެހުމާ އެކު ދެ ބާރު ބަދަލުވެގެންދިޔައީ ވާދަވެރިންނަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ދެ ގައުމުގެ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއި ސިޔާސަތު އުޑާބިމާހާ ތަފާތު ވުމެވެ. އެމެރިކާ އަކީ ކެޕިޓަލިޒަމްގެ މައްޗަށް ބިނާވެފައި އޮތް ލިބަރަލް ޑިމޮކްރަޓިކް ގައުމެކެވެ. އެ ގައުމުގައި އޮތީ ހުޅުވާލެވިފައިވާ އިގުތިސާދެކެވެ. ސޯވިއެޓް ޔޫނިއަން އަކީ ކޮމިއުނިޒަމްގެ މައްޗަށް ބިނާވެފައި އޮތް އެއް ޕާޓީ އަށް ނިސްބަތްވާ 15 ޖުމްހޫރިއްޔާ އެކުލެވޭ ގައުމަކެވެ. އެ ދައުލަތުގައި އޮތީ މުޖުތަމައުގެ އެކި ގިންތީގެ ފަރަގުތައް ނައްތާލާ ސޯޝަލިސްޓް އިގްތިސާދެކެވެ.

އެހެންވެ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންގެ ވާދަވެރިކަން ސައިންސާއި ޓެކްނޮލޮޖީ އާއި ޖަށްވީ ކަންކަމާއި ސިނާއީ ކަންކަމާއި އަސްކަރީ ކަންކަމުގައި ދިޔައީ ބޮޑުވަމުންނެވެ. ހަނގުރާމައިގެ ސަބަބުން ބަލިކަށިވެފައި އޮތް ޔޫރަޕް ވެސް ދެ ބަޔަށް ބެހުނެވެ. ސޯވިއެޓް ޔޫނިއަން އަށް ތާއީދުކުރާ ގައުމުތައް ހިމެނޭ އިރުމަތީ ބްލޮކާއި އެމެރިކާ އަށް ތާއީދުކުރާ ގައުމުތައް ހިމެނޭ ހުޅަނގު ބްލޮކުގެ މައްޗަށެވެ.

މޮސްކްވާ ކޯރުގައި ބޯޓެއް ދުއްވާފައި ދަނީ.


މި ވާދަވެރިކަން ބޮޑުވެ ދެ ބާރުގެ މެދުގައި ފިނި ހަނގުރާމައެއް ފެށުނެވެ. މިއީ ސީދާ ގޮތުން ކުރެވުނު އަސްކަރީ ހަނގުރާމައެއް ނޫނެވެ. އެހެން ގައުމުތައް ކޮންޓްރޯލުގެ ދަށަށް ގެނެސް އެއް ބަޔަކު ކޮމިއުނިޒަމް، އަނެއް ބަޔަކު ކެޕިޓަލިޒަމްގެ ހަން ފެތުރުމަށް ކުރި ފިކުރީ ހަނގުރާމަ އެކެވެ. ސައިންސުގެ މަގާއި ޖަށްވީ ކަންކަމުގެ މަގާއި ހަތިޔާރު އުފެއްދުމުގެ މަގުގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ކުރި ހޯދުމަށް ކުރި ހަނގުރާމައެކެވެ. އަދި އެހެން ގައުމުތައް ބޭނުންކޮށްގެން ކުރި ޕްރޮކްސީ ހަނގުރާމައެއް ވެސް މެ އެވެ. އެ ދުވަސްވަރު އެމެރިކާ އިސްވެ އޮވެ ހުޅަނގު ބްލޮކުގެ ގައުމުތަކުން ނޯތު އެޓްލާންޓިކް ޓްރިނިޓަރީ އޯގަނައިޒޭޝަން (ނޭޓޯ) ގެ ނަމުގައި ޖަމާއަތެއް އުފެއްދި އެވެ. އެކަމަށް ސޯވިއެޓުގެ އިރުމަތީ ބްލޮކުން ދިން ރައްދަކީ ވޯސޯ ޓްރީޓީ އޯގަނައިޒޭޝަން ނުވަތަ ވޯސޯ އަހުދުނާމާ އެވެ.

ފިނި ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަން އަށް ލިބުނު އެންމެ ބޮޑު މަދަދަކީ ޗައިނާގައި ކުރިއަށް ދިޔަ ތިން އަހަރުގެ ދާހިލީ ހަނގުރާމައިގައި ނޭޝަނަލިސްޓުންގެ މައްޗަށް ކޮމިއުނިސްޓުން ކުރި ހޯދުމެވެ. އެހެންވެ ޗައިނާގައި ކޮމިއުނިސްޓް ދައުލަތެއް އުފެދުން ވެގެން ދިޔައީ އޭޝިއާގައި ކޮމިއުނިޒަމްގެ ހަން ފަތުރަން ސޯވިއެޓުންނަށް ލިބުނު ބޮޑު ފަސޭހައަކަށެވެ. އެ ދުވަސްވަރު ހިނގި ދެ ކޮރެއާގެ ހަނގުރާމައިގައި ޗައިނާ އިން ވަނީ ކޮމިއުނިސްޓް ނޯތު ކޮރެއާ އަށް އެހީވެދީފަ އެވެ. ދެކުނު ކޮރެއާއަށް މަދަދު ދިނީ އެމެރިކާ ރޭވުމާ އެއްގޮތަށް ބައިނަލްއަގްވާމީ ސިފައިން ހިމެނިގެން ހަނގުރާމަ އަށް އ.ދ ގެ ފައުޖުންނެވެ. ތިން އަހަރަށް ފަހު ހަތިޔާރު ބަހައްޓަންވީ އެއްބަސްވުމާ އެކު، ދެ ކޮރެއާގެ ގޮތުގައި ކޮރެއަން ޕެނިންސިއުލާ ދެމި އޮތީ އެވެ.

ދެން ކުރިމަތިވީ ވިއެޓްނާމް މައްސަލަ އެވެ. އޭރު އެ ގައުމު އޮތީ ދެ ބައިވެފަ އެވެ. ޗައިނާގެ އެހީއާ އެކު އުތުރުގައި ކޮމިއުނިސްޓުން ތިބި އިރު ދެކުނުގައި ތިބީ އެމެރިކާގެ އެހީއާ އެކު ނޭޝަނަލިސްޓުންނެވެ. ކޮމިއުނިސްޓުންގެ ބާރުގެ ދަށަށް ދެކުނު ފަޅި ގޮސްދާނެތީ އެމެރިކާ އިން ފައުޖެއް ފޮނުވައި މަޝްހޫރު ވިއެޓްނާމް ހަނގުރާމަ ކުރި އެވެ. މި ހަނގުރާމައިން އެމެރިކާ ބަލިވުމަކީ ދުނިޔޭގެ ކުރިމަތީގައި އެ ގައުމަށް ކުރިމަތިވި ބޮޑު ލަދެކެވެ.

އެމެރިކާގެ ނާކާމިޔާބީއާ އެކު ސޯވިއެޓުންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އަދި އަލަށް މިނިވަންވި ބައެއް ގައުމުތަކުގައި ކޮމިއުނިސްޓް ދައުލަތްތައް އުފައްދަން މަސައްކަތްކުރި އެވެ. އަދި އަފްގާނިސްތާނުގައި އޮތް ކޮމިއުނިސްޓް ސަރުކާރަށް މަދަދުދޭން އެ ގައުމަށް ސޯވިއެޓުން ފޭބި އެވެ. އެކަމަކު އެމެރިކާގެ ތާއީދު ލިބިގެން އެ ގައުމުގެ މުޖާހިދީން ހަނގުރާމަކޮށް ސޯވިއެޓުންގެ މައްޗަށް ކުރި ހޯދި އެވެ.

ހަގީގަތުގައި ފިނި ހަނގުރާމައިގައި އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެން ދިޔައީ ޖަރުމަން ވިލާތަށެވެ. އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަން ދެ ވަނަ ބޮޑު ހަނގުރާމައިން ބަލިވުމުން ސޯވިއެޓް ޔޫނިއަންގެ ބާރުގެ ދަށަށް އެ ގައުމުގެ އިރުމަތީ ގެންދިޔަ އެވެ. އަދި އެމެރިކާގެ ބާރުގެ ދަށަށް ހުޅަނގު ފަޅި ގެންދިޔައީ އެވެ. އެއާ އެކު ކެޕިޓަލިސްޓް ހުޅަނގު ޖަރުމަނަކާއި ކޮމިއުނިސްޓް އިރުމަތީ ޖަރުމަނެއް އުފަންވި އެވެ. އަދި ބާލިން ފާރަކުން ދެބައިކޮށް ދެ ގައުމަށް ދެ ފަޅި ބަހާލެވުނެވެ.

ސްކޯޕިއަންސް


އެކަމުގެ ހިތި އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ޖަރުމަނުގެ ޒުވާނުންނެވެ. އޭގެ ތެރޭގައި ބާލިން ފާރާ 200 މޭލު ދުރުގައި އޮންނަ ހުޅަނގު ޖަރުމަނުގެ ހެނޯވާގައި 1965 ވަނަ އަހަރު އުފެދުނު މިއުޒިކް ބޭންޑް ސްކޯޕިއަންސްގެ މެމްބަރުން ވެސް ހިމެނެ އެވެ. އެ ބޭންޑުން އުފެއްދި މިއުޒިކް ޕްރޮމޯޓްކުރުމުގައި ހުރަސްތަކެއް ދިމާވި އެވެ. އެކަމަކު ނާދިރު ފުރުސަތެއްގައި އެ ބޭންޑަށް، 1988 ވަނަ އަހަރު ނެރުނު "ސެވޭޖް އެމިއުސްމަންޓް" އަލްބަމް ސޯވިއެޓް ޔޫނިއަނމްގައި ޕްރޮމޯޓްކުރަން ފުރުސަތު ލިބުނެވެ. އެ ބޭންޑަކީ ސޯވިއެޓް ޔޫނިއަންގައި ޝޯ ދޭން ފުރުސަތު ލިބުނު ފުރަތަމަ ހާޑްރޮކް ބޭންޑެވެ. އެހެނަސް ވެރިރަށް މޮސްކޯ އަށް ދެވޭ ގޮތެއް ނުވި އެވެ. އިދާރާތަކުން ބެލީ ހުޅަނގު ޖަރުމަނުގެ ބޭންޑެއް މޮސްކޯއަށް ގޮސް މިއުޒިކް ކުޅެފި ނަމަ ހަމަނުޖެހުން ހިނގާނެ ކަމަށެވެ.

"އަހަރެމެން ރަޝިއާގެ މީހުންނަށް ދައްކުވައިދޭން ބޭނުންވީ ޖަރުމަނުގައި އާ ޖީލެއް ބޮޑުވަމުން އަންނަކަން. އެ މީހުން އަންނަނީ ޓޭންކުތަކާއި ބަޑި ހިފައިގެން ހަނގުރާމަކުރަން ނޫންކަމާއި އެ މީހުން އަންނަނީ ގިޓާ ހިފައިގެން ލޯތްބާ އެކުކަން ދައްކުވައިދޭން ބޭނުންވީ،" ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ ކްލައުސް މައިނޭ ބުންޏެވެ.

ކަންދިމާވި ގޮތުން ވިދިގެން އައި 1989 ވަނަ އަހަރު މޮސްކޯ މިއުޒިކް ޕީސް ފެސްޓިވަލަށް ގޮސް މޮސްކޯގައި ޝޯއެއް ދިނުމުގެ ފުރުސަތު ސްކޯޕިއަންސް އަށް ލިބުނެވެ. އެ ޝޯގައި ފެނުނީ ބޭންޑުގެ މެމްބަރުން އާ ޝޯހުކޮށްލި މަންޒަރެކެވެ. ލެނިން ސްޓޭޑިއަމުގައި ތިން ލައްކައެއްހާ މީހުންގެ ކުރިމަތީގައި ދިން ޝޯގައި ރަޝިއާގެ ޒުވާނުންގެ ފަރާތުން އެ ބޭންޑަށް ރައްދުކުރީ ލޯތްބެވެ. ޖަރުމަން ބޭންޑަކަށް ވިޔަސް ނަފުރަތެއް ނެތެވެ.

އެ ދުވަސްވަރަކީ ސޯވިއެޓް ޔޫނިއަންގެ ކޮމިއުނިސްޓް ޕާޓީގެ ތެރޭގައި ޕެރެސްޓްރޮއިކާ ނުވަތަ އިސްލާހީ ހަރަކާތް ހިނގަމުން ދިޔަ ދުވަސްވަރު ވެސް މެ އެވެ. މިހައިލް ގޮރޮބޮޗޯފްގެ ލީޑަރުކަމުގައި ސޯވިއެޓް ޔޫނިއަން އައީ ދެފުށް ފެންނަ ސިޔާސަތުތަކެއް އެކުލަވާލައި މަޑުމޮޅިވަމުންނެވެ.

މެއިނޭ.


އެ ދަތުރުގައި ސްކޯޕިއަންސް އިން މޮސްކްވާ ކޯރުގައި އޮތް ކްރޫޒް ދަތުރެއްގައި ބައިވެރިވި އެވެ. ބޯޓުގައި އެމެރިކާ، ޖަރުމަން އަދި ރަޝިއާގެ މިއުޒީޝަނުން ތިއްބެވެ. ރެޑްއާމީގެ މެމްބަރުން ތިއްބެވެ. އަދި ނޫސްވެރިން ވެސް ތިއްބެވެ. މެއިނޭ އަށް އެ ދަތުރުގައި ފެނުނީ ހަތުރުންގެ މެދުގައި އެކުވެރިކަން އާލާވެ، އެންމެން މިއުޒިކުގެ ބަހުރުވައިން އެއް އަޑަކުން ވާހަކަދައްކަމުން ދިޔަ މަންޒަރެވެ.

އެއީ (ބޯޑަރުގެ ތެރޭގައި ތާށިވެފައި ތިބި އިރު) އަހަރެމެން ފެންނަން އުއްމީދުކުރި މަންޒަރަކީ. އެ ދަތުރުގައި އޮތީ އުފާވެރިކަމުގެ އިހުސާސްތަކެއް. ވިންޑް އޮފް ޗޭންޖް ލަވަ ލިޔަން ލިބުނު ހިތްވަރަކީ އެއީ،" މެއިނޭ ބުންޏެވެ.

އެއާ އެކު ގޯކީ ޕާކުގައި ހުރެ އޭނާގެ ސިކުނޑީގައި ލަވައިގެ ބަސްތައް އަމުނާލި އެވެ. މެއިނޭ ބުނި ގޮތުގައި ލަވައިގައި ކިޔައިދީފައިވަނީ އޭރު ދުނިޔޭގައި ހިނގަމުން ދިޔަ ކަންކަން އޭނާގެ ނަޒަރުން ކަމަށެވެ.

"ލަވައިގައި ބުނެދެނީ ސޯވިއެޓް ޔޫނިއަން ހުޅުވެމުން ދިޔު ދުވަސްވަރެއްގެ ވާހަކަ،" އޭނާ ބުންޏެވެ.

މާ ގިނަ ދުވަސްތަކެއް ނުވެ ފިނި ހަނގުރާމަ ނިމުމުގެ އިތުރު އަލާމާތްތަކެއް ފެންނަން ފެށި އެވެ. އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަން އެއްވެ ފެޑެރަލް ރިޕަބްލިކް އޮފް ޖާމަނީ 1990 ވަނަ އަހަރު އުފަންވި އެވެ. އިރުމަތީ ބާލިން އާއި ހުޅަނގު ބާލިން ވަކިކުރަން ބިނާކުރި ފާރު ތަޅާލައި ދެ ސިޓީ އެއް ސިޓީއަކަށްވި އެވެ. އެއާ އެކު މި ލަވަ ވެގެންދިޔައީ ދެ ޖަރުމަން އެއްވުމުގެ ނުރަސްމީ ލަވައަށް ވެސް މެ އެވެ.

ސްކޯޕިއަންސްގެ "ކްރޭޒީ ވޯލްޑް" ގެ ސިންގަލްއެއްގެ ގޮތުގައި ލަވަ ރިލީޒްކުރީ ޖެނުއަރީ 20، 1990 ގަ އެވެ. ޖަރުމަނާއި ޔޫރަޕުގެ ޗާޓުތަކުގެ ބޮންތިއަށް މި ލަވަ އެރި އެވެ. އިނގިރޭސި ވިލާތުގެ ދެ ވަނަ އަދި އެމެރިކާގެ ހަތަރު ވަނަ އަށް އެރި އެވެ. 14 މިލިއަން ކޮޕީ ވިކި މި ލަވަ ވެގެންދިޔައީ ދުނިޔޭގެ މިއުޒިކުގެ ތާރީހުގައި އެންމެ ގިނައިން ވިކުނު އެއް ސިންގަލް އަށެވެ.

ދާދި ފަހުން ދެކެވުނު ވާހަކައަކީ މި ލަވައަކީ އިރުމަތީ ޔޫރަޕުން ކޮމިއުނިޒަމްގެ މޫތައް ލުހެލުން ފާހަގަކުރަން އެމެރިކާގެ ސީއައިއޭ އިން ސްކޯޕިއަންސް ލައްވައި ލިޔުއްވި ލަވައެއް ކަމަށެވެ. މި ލަވައިގައި ފާހަގަކުރަނީ އެކަން ކަމަށެވެ.

"ތިއީ ވަރަށް ޝައުގުވެރި ވާހަކައެއް. އެކަމަކު ތިކަމުގައި އެއްވެސް ހަގީގަތެއް ނެތް،" މެއިނޭ ބުންޏެވެ.

އޭރު ވެސް މިހާރު ވެސް ސްކޯޕިއަންސް އިން ބުނަނީ މި ލަވައަކީ ވަކި ފިކުރެއް ނެތުމުގެ ވާހަކައަކާ ގުޅޭ ލަވައެއް ނޫން ކަމެވެ. މި ލަވައަކީ، ފަނާކޮށްފަނިވި ދެ ފިކުރަކުން ކުރަމުން ދިޔަ ހަނގުރާމައެގެ ކަސްތޮޅުން ދުނިޔެ ސަލާމަތްވާން އުޅޭކަން ފާހަގަކުރަން، އެކަމުގެ އުއްމީދުގެ ވާހަކަ ދައްކަން ލިޔުނު ލަވައެއް ކަމެވެ.

މޮސްކްވާ ކޯރުގެ އައްސޭރި.


1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަން ރޫޅި ފިނި ހަނގުރާމަ ނިމި ސޯޝަލް ޑިމޮކްރަސީއެއްގެ ގޮތުގައި ރަޝިއާ އުފަންކުރި އެއް މޭސްތިރިޔާ ގޮރްބޮޗޯފްގެ އަރިހަށް ސްކޯޕިއަންސްގެ މެމްބަރުން ޒިޔާރަތެއްކޮށް އޭނާ އަށް މި ލަވަ ކިޔާދީފައިވެ އެވެ. އަދި ލަވައިން ލިބުނު އާމްދަނީން 70،000 އެމެރިކާ ޑޮލަރު ރަޝިއާއަށް ހަދިޔާކުރި އެވެ.

ސްކޯޕިއަންސް އިން ލަވައެއްގެ ސިފައިގައި ދުނިޔެ އަށް އިއްވައިދިން އުއްމީދާއި އެއްބައިވަންތަކަމުގެ މެސެޖް ދެ ތިން ފަހަރަށް އަޑުއަހައި ނިމުނުގެ އިރު ތާރީހުގެ ތެރެއިން އަހަންނަށް ނުކުމެވުނެވެ. ހިތަށް އެރި އެވެ. 20 ވަނަ ގަރުނުގެ ފަހުކޮޅު ދުނިޔެއަށް ލޯ ހުޅުވުނު ޒުވާނެއްގެ ހައިސިއްޔަތުން އަހަންނަށް ރަޝިއާ ސިފަކުރެވިފައި އޮތީ އަނދިރި ތަނެއްގެ ގޮތުގަ އެވެ. ކޮމިއުނިޒަމްއާ ދެކޮޅަށް ހުޅަނގުން ފެތުރި ޕްރޮޕެގެންޑާގެ ދަލުގައި ޖެހިފަ އެވެ. މާޒީ އޮތީ އެހެން ކަމަށް ވެދާނެ އެވެ. އެކަމަކު އަހަންނަށް މޮސްކޯ ފެންނަނީ ހުޅުވާލެވިފައިވާ، އުފާވެރި ތަނެއްގެ ގޮތުގަ އެވެ. ލަވައިގައި އެ ދޭ އުއްމީދު ހަގީގަތަކަށްވެފައިވާ ތަނެއްގެ ގޮތުގަ އެވެ.