Advertisement

ޗައިނާގެ ރިސާޗު އުޅަނދުން ރާއްޖެއާ ގުޅުންހުރި ކަމެއް ކުރި ކަމަށް ގަބޫލެއް ނުކުރެވޭ: ޝިޔާމް

7 މޭ 2024 - 23:56 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ފިޝަރީޒް މިނިސްޓަރު ޝިޔާމް "އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ : ވިދާޅުވީ ޗައިނާގެ ރިސާޗު އުޅަނދުން ރާއްޖެއާ ގުޅުންހުރި ކަމެއް ކުރި ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް - ފޮޓޯ: މިރާން ނާޝިމް / އަދަދު


ޗައިނާގެ ރިސާޗު އުޅަނދުން ރާއްޖެއާ ގުޅުންހުރި ކަމެއް ކުރި ކަމަށް ގަބޫލެއް ނުކުރެވޭ: ޝިޔާމް

7 މޭ 2024 - 23:56 2

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބުޑުގައި ތިން މަސްދުވަހު "އެނބުރުމަށްފަހު" އަދި އެ މުއްދަތުގެ ތެރޭގައި މާލޭގައި ދެ ފަހަރު ބަނދަރު ކުރުމަށްފަހު މިހާރު އެނބުރި ގައުމަށް ފުރާފައިވާ ޗައިނާގެ ރިސާޗު އުޅަނދު، ޝިއެން ޔެން ހޮން 3, އިން ރާއްޖެއާ ގުޅުން ހުރި ކަމެއް ކުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އެ އުޅަނދު ރާއްޖޭގެ ކަނޑުގެ ދިރާސާއެއް ކުރާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި މި ސަރުކާރުން ވާނީ މީގެ ކުރިން ކަނޑުގެ ދިރާސާ ކުރުމަށް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންވެސް އުވާލާފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އަސަރުކުރާ ވަރުގެ ކަމެއް ކުރާ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ، ނޫނިއްޔާމު އަޅުގަނޑުމެންނާ ގުޅުންހުރި ކަމެއް އެ ރިސާޗު ވެސަލުން ކުރާ ކަމެއް އަޅުގަނޑުމެން ނުދެނެހުރީން އަދި ކުރާ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝިޔާމް ވިދާޅުވި އެވެ.

އެފަދަ ކަމެއް ކުރާނަމަ އެކަމެއް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރާވެސް ގުޅިގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށްފަހު ހިއްސާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ.

މި އުޅަނދު ރާއްޖެ ކައިރިއަށް އައީ ޖެނުއަރީ 29، 2024 ގަ އެވެ. ފުރަތަމަ ފަހަރު މާލޭގައި އެ އުޅަނދު ބަނދަކުރީ ފެބްރުއަރީ 22، ގަ އެވެ. އޭގެ ފަހުން އަނެއްކާވެސް ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯނުގެ ބުޑަށް އެނބުރި ގޮސް މަހެއްހާ ދުވަސް ކޮށްފައިވާ އެޕްރީލް 25، 2024 ގައި އެ އުޅަނދު އަނެއްކާވެސް ތިލަފުށީގައި ބަނދަރު ކުރި އެވެ.

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން "އަދަދު" އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި ޗައިނާގެ އުޅަނދު މިހާރު އޮތީ އިންޑޮނީޝިއާ ކައިރިން ޖާވާ ކަނޑުގަ އެވެ. އެ އުޅަނދު ދަތުރު ކުރަމުންދަނީ ރާއްޖެ އައި ރޫޓުން އެނބުރި ގައުމަށް ދިއުމަށެވެ.

މި އުޅަނދުގެ ހަރަކާތްތަކާ ގުޅޭގޮތުން ހޯދާފައިވާ ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން, އައްޑޫގެ އިރު ދެކުނުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެތައް މޭލެއް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ.

މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ދެފަހަރު މަތިން ތިލަފުށީގައި މި އުޅަނދު ބަނދަރުކުރީ މި ބޭނުމުގަ އެވެ.