Advertisement

ކަސްރަތު މުހިއްމު، މިންހެޔޮ ކެއުމެއް ވެސް އެހާ މުހިއްމު

1 ޖަނަވަރީ 2022 - 10:37 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ކަސްރަތު މުހިއްމު، މިންހެޔޮ ކެއުމެއް ވެސް އެހާ މުހިއްމު

1 ޖަނަވަރީ 2022 - 10:37 1

ދުވަން ނުކުތަސް ޖިމަށް ދިޔަޔަސް ނުވަތަ ގޭގައި ކަސްރަތުތަކެއް ކުރި ނަމަވެސް ކެއުމުގެ ރަނގަޅު އާދަަތަކަކާއި ނުލާ މިއިން އެއްވެސް ކަމެއް ކާމިޔާބު ވާނެ ހެނެއް ހިއެއް ނުވެ އެވެ. ބަރުދަން ލުއިކުރުމާ އިތުރުކުރުމަށްޓަކައި ވެސް ވަކި ބާވަތްތަކެއްގެ ކާނާ ވަކި ގަޑިތަކެއްގައި ބޭނުންވެ އެވެ. އެހެންވެ ބިޒީ ޝެޑިއުލްއިން ވަގުތު ހުސްކޮށްގެން އެތަށް ދަލެއް އޮހޮރުވައިގެން ތިކުރާ ކަސްރަތުގެ މަންފާ ވެސް އެންމެ ފުރިހަމައަށް ހަށިގަނޑަށް ލިބެން އޮތީ އޭގެ ރަނގަޅު ވަގުތުގައި ރަނގަޅު ބާވަތްތަކުގެ ކާނާ ކައިގެންނެވެ.

ކޮންމެ ކަހަލަ ކުޅިވަރެއް ކުޅުނަސް ނުވަތަ އާންމު ކަސްރަތެއް ކުރިއަސް, މާ ގިނައިން ނުވަތަ އެ ގަޑިއަކާ މާ ގާތްކޮށްފައި ކެއުމުން އާންމުކޮށް ނުވާވަރަށް ވަރުބަލިވެ ބަރުހެލިވުމާ, ބަނޑަށް އުނދަގޫވެ ރިއްސުންފަދަ ކަންކަން ކުރިމަތިވެ އެވެ. ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް މިވަނީ އަހަރެމެންގެ ކަސްރަތު ގަޑިތަކާއި އެކު ކެއުން ރާވާލަންވީ ގޮތް ކިޔައިދީފަ އެވެ.

ކަސްރަތުގެ ތިން ގަޑިއިރު ކުރިއަށް މިންހެޔޮ ކެއުމެއް މުހިންމު

ކަސްރަތުކުރުމާއި ތަފާތު އެކި ކުޅިވަރުތަކުގައި ރަނގަޅަަށް ހަރަކާތްތެރިވެ އުޅުމަށްޓަކައި ހަށިގަނޑުގެ މަސްތަކާއި ހިސާބަށް ލޭ ދައުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން މިކަން މެދުވެރިވުމަށްޓަކައި އެންމެ މުހިންމީ ކާނާ ރަނގަޅަށް ހަޖަމުވެ އޭގެ މުހިންމު މާއްދާތައް ލޭ ދައުރުކުރާ ނިޒާމާ ހިސާބަށް ފޯރުވުމުވެ. ގިނަފަހަރު މިކަން މެދުވެރި ނުވާ ސަބަބަކީ ކަސްރަތު ގަޑިއާ މާ ކައިރިކޮށްފައި ކެވުމެވެ. ނިއުޓްރިޝަނަލް ގައިޑްލައިންތަކުގައިވާ ގޮތުން އެންމެ އެދެވިގެންވަނީ ކަސްރަތުގެ ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރު ކުރިން މިންހެޔޮ ކެއުމެއް ކެއުމެވެ.

މިންހެޔޮ ކެއުމެކޭ ބުނެވެނީ އެ ކެއުމެއްގައި އެމީހެއްގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ގްރެއިން ނުވަތަ ސްޓާޗްގެ ބާވަތެއް ހިމެނުމާ އެކު މަހުގެ ބާވަތެއްގެ އިތުރުން އެހެނިހެން ފުޑް ގްރޫޕުން ވެސް ބާވަތްތަކެއް ހިމެނުމެވެ. އާސިޔާ ކިޔައިދެއްވި ބައެއް މިސާލުތަކުގެ ތެރޭގައި ގަރުދިޔައާއި ތެޔޮ ނާޅާ ތައްޔާރުކުރާ ބަތް, އަދި މުގުރިހައާއި ތެޔޮ ނާޅާ ރޮށިވެސް ހިމެނެ އެވެ.


ތިން ގަޑިއިރު ތެރޭ ބަނޑުހައިވެއްޖިއްޔާ ދެން ކިހިނެއް ހަދާނީ؟

މިފަދަ ކެއުންތައް އިހްތިޔާރުކުރުމުގައި ސަމާލުކަން ދޭން ޖެހެނީ ވީހާވެސް ބޮޑަށް މައިދާގައި މަދު ވަގުތުކޮޅެއް ހޭދަކުރާނެ ބާވަތްތަކަށެވެ. މިގޮތުން ބަލާއިރު ކަސްރަތުކުރުމާއި ދެމެދު ތިންގަޑިއިރަށް ވުރެ މަދު ވަގުތުކޮޅެއް އޮތްނަމަ ބޮޑަށް ރަނގަޅީ ތެލާއި ފައިބާ މަދުކޮށް ޕްރޮޓީންގެ ބާވަތަކާއި ކާބޯ ހައިޑްރޭޓްގެ ބާވަތެެއް ހިމެނުމެވެ. އެހެންކަމުން އެ ވަގުތުކޮޅުގައި ބްރައުން ބްރެޑްގެ ބަދަލުގައި ވައިޓް ބްރެޑްގައި ފެން މަސްދަޅުން ސޭންޑްވިޗެއް ހަދައިގެން ކެއުމަކީ ފަސޭހަ ލުއިގޮތެއްކަމުގައި އާސިޔާ ބުންޏެވެ.

ކަސްރަތާއި ދެމެދު ގަޑިއެއްހާއިރު އޮވެއްޖެނަމަ ދެން އެންމެ ރަނގަޅުވާނީ ސިމްޕަލް ކާބޯހައިޑްރޭޓްސް ބޭނުން ކުރުމެވެ.

”މިސާލަކަށް ކުޅެން އެއްގަޑިއިރަށް ވެފައި އޮއްވާ ވަރަށް ބޮޑަށް ބަނޑުހައިވީ. ނޫނީ ހަކަތަ ދަށްވީ. އެހިސާބުން ދެން ކާނީ މޭވާގެ ބާވަތްތައް, ނޫނީ މޭވާގެ ޖޫސް ނޫނީ ފްރުޓް ޖެލީ ކަހަލަ އެއްޗެހި. ނޫނީ އޯއާރްއެސް ވެސް ރަނގަޅުވާނެ“ އާސިޔާ ކިޔައިދިނެވެ.

މި ނޫނަސް ކޯން ފްލޭކްސް އާއި ކިރު, ފިހުނު ފަލަމަޑީގެ ބާވަތެއް ނުވަތަ މޭވާ ޔޯގަޓް ފަދަ ބާވަތްތައް ހިޔާރު ކުރެވިދާނެ އެވެ.

ހަމައެޔާއެކު ކުޅެން ކައިރިވެފައި ހުއްޓާ ޗޮކްލެޓް މެޓާ އަދި ހަކުރު ގިނަ އެފަދަ ތަކެތި ކެއުމުގެ ބަދަލުގައި ހަކަތަ ލިބޭ ފައިދާހުރި ކާނާ ކެއުމަށް ސަމާލުކަން ދިނުމަކީވެސް މުހިންމުކަމެކެވެ.

ކަސްރަތު ނިންމާފައި ޕްރޮޓީންޝޭކް ކޮންމެހެން ބޭނުންވޭތަ؟

އަގުބޮޑަކަސް ޕްރޮޓީން ޝޭކްއަކީ މިއަދު ގިނަ ބަޔަކު ދެކޭގޮތުގައި ކަސްރަތު ކުރާނަމަ ހަމަ ކޮންމެހެން ވެސް ޒަރޫރީ އެއްޗެކެވެ. އެހެންނަމަވެސް އާސިޔާ ގެ ނަޒަރުގައި މި ބުއިން މުހިންމުވަނީ ހަމައެކަނި މަސްލް ބިލްޑް ކުރާ ފަރާތްތަކަށާއި ހަށިގަނޑު ޓޯން ކުރާ މީހުންނަށް އެކަންޏެވެ.

"އާންމުކޮށް އިންސާނާގެ ހަށިގަނޑުގައި ގްލުކޯޒް މި ރައްކާކުރަނީ ގްލައިކޯޖެންގެ ގޮތުގައި ހަށިގަނޑުގެ ދެ ބައެއްގައި. އެއީ ލިވާގައި ނޫނީ މަަސްތަކުގައި. މަސްތަކުގއި ރައްކާކުރާ ގްލައިކޯޖެން މި ބޭނުންކުރެވެނީ ހަަމައެކަނި ކަސްރަތުކުރާއިރު. އެހެންވީމަ އެބައި ރެޕްލެނިޝްކުރަން ހާއްސަކޮށް ބޮޑީ ބިލްޑްކުރާ މީހުންނަށް ވޭ ޕްރޮޓީން މުހިންމުވޭ،" އާސިޔާ ބުންޏެވެ.

ވޭ ޕްރޮޓީން އަކީ ހަށިގަނޑުގެ މަސްތަކުގައި ވަރުޖެއްސުމަށްޓަކައި ބޭނުންވާ މުހިންމު އެމިނޯ އެސިޑެއްކަމުގައިވާ ލިއުސިން ގިނަ އަދަދަކަށް ހިމެނޭ ބާވަތެކެވެ. އާދައިގެ ކުކުޅުބިހެއްގައި ހަތް ގްރާމް ޕްރޮޓީން ހިމެނޭއިރު ވޭ ޕްރޮޓީންގެ އެއް ސްކޫޕްގައި އެކަނިވެސް ގާތްގަނޑަކަށް 24 ގްރާމްގެ ޕްރޮޓީން ހިމެނޭނެ ކަމަށް އާސިޔާ ބުންޏެވެ. އެހެންކަމުން ޕްރޮޓީން ޝޭކް ބޭނުންކުރުމުގައި ސަމާލުވެ ޑައިޓީޝަންގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

”ކޮންމެ ކެވެންޏެއް (ނިއުޓްރިއެންޓް) އަކީވެސް ހަށިގަނޑަށް މުހިންމު އެއްޗެއް. އެކަމަކު ކޮންމެ އެއްޗެއްވެސް ވަކި ވަރަކަށްވުރެ އިތުރުވީމަ ހަށިގަނޑުން އެ ބާވަތް މެޓޮބޮލައިޒްކުރުމުަގައި މައްސަލަތަކެއް ދިމާވޭ،" އޭނާ ބުންޏެވެ.

ކޮންމެހެން ޕްރޮޓީން ޝޭކް ބޭނުންނުވާނަމަ އެ ވަގުތުގައި ޕްރޮޓީން އިން މުއްސަނދި އެހެން ބާވަތްތައް ބޭނުންކުރެވިދާނެ އެވެ. ބޭނުމަކީ މަސްތަކަށް ބޭނުންވާ ރިޕްލެނިޝްމަންޓް ހޯދައިދިނުމެވެ.

ފަތިހާ ކަސްރަތަށް ނުކުންނަ މީހުން ސައިމަތިން ހަނދާން ނައްތާ ނުލާތި

އަހަރެމެންގެ ތެރޭގައި އެންމެ ގިނަވާނީ ފަތިހާ ކަސްރަތަށް ނުކުންނަ މީހުންނެވެ. ދުވާލުގެ އެހެން ގަޑިތަކާއި ހިލާފަށް މިއީ ތިން ގަޑިއިރު ކުރިން ބޮޑު ކެއުމެއް ކައިގެން ދެވޭނެ ވަގުތެއް ނޫންތާ އެވެ. އެހެންކަމުން މިގަޑީގައި އެއްޗެއް ބޯލަން ނުވަތަ ކާލަން ބޭނުންވާ މީހަކަށް އެންމެ ރަނގަޅުވާނީ ކަޅު ކޮފީއެއް ނުވަތަ މޭވާ ކޮޅެއް ކަމަށް އާސިޔާ ބުންޏެވެ. ނޫންނަމަ ފެނުން އެކަނި ވެސް ފުއްދާލެވިދާނެ އެވެ. މި ގަޑީގައި އެންމެ މުހިންމީ ކަސްރަތު ނިންމުމަށްފަހު އެ އޮންނަ އެއްގަޑިއިރު ތެރޭ މިންހެޔޮ ސައެއް ބޯލުމެވެ.

ހަމައެޔާއެކު ހަވީރު ނުވަތަ އިރުއޮއްސޭ ގަޑިއަށް ކަސްރަތަށް ދާ ނަމަވެސް މެންދުރުގެ ކެއުން 12 ޖަހާއިރު ނެގުމަ ށްފަހު ކަސްރަތަށް ދިއުމާ ދޭތެރޭ ބަނޑުހައިވާނަމަ ކަޅު ކޮފީއަކާ މޭވާ ކޮޅެއް ނެގިދާނެ އެވެ.

ކޮންމެ ތާކު ކޮންމެ ގަޑިއެއްގައި ކަސްރަތު ކުރިއަސް މުހިންމީ ތިމާގެ ސިއްހަތާއި ހަށިގަނޑަށް އިތުރު ބުރައެއް އުުފުލަން ނުޖެހޭހެން ކެއުން ބައްޓަން ކުރުމެވެ.