27 ޑިސެންބަރު 2021 - 17:55 0
27 ޑިސެންބަރު 2021 - 17:55 0
ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް އަންނަ އަހަރު ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖޭން މިއަދު ހޯދައިފި އެވެ.
މިއަދު ބަންްގްލަދޭޝްގައި ބޭއްވި އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން އަދި ފިރިހެން މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދީފަ އެވެ. މިއީ މި އަހަރު ވީއޭއެމްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް މުހައްމަދު ރަނޭޝް (ރަނޭ)ގެ ދައުރުގައި ރާއްޖޭގައި ހޯސްޓްކުރާނެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތްތަކެވެ.
މިދިޔަ އޭޕްރީލް މަހު ވީއޭއެމްގެ ރައީސަކަށް އިންތިހާބުވެވަޑައިގަތް، ރަނޭޝްގެ ދައުވަަތަކަށް ވޮލީގެ ބައިނަލްއަގުވާމީ ފެޑެރޭޝަން، އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ، ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި އެވެ. ގްރާސާ ވަނީ ދިވެހި ވޮލީބޯޅަ އަށް މިހާރު އޮތް ވީއޭއެމްގެ ލީޑަޝިޕާ އެކު ރަނގަޅު މިސްރާބަކަށް ދެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިހާރު ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ވީޑިއޯ ކޯލެއްގައި ވަނީ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ކުރިއަރުވަން ސަރުކާރުގެ ފަރާތުން ދޭން ޖެހޭ އެއްބާާރުލުން ދޭނެ ކަމަށާއި ބޭނުންވަނީ އޭގެ ބަދަލުގައި ވޮލީން މެޑަލެއް ގެނެސްދިނުން ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
އަންނަ އަަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ހޯދައިދޭން ވީއޭއެމްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް މެމްބަރުން މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. ވީއޭއެމްގެ ރައީސް ރަނޭޝްގެ އިތުރުން ނައިބު ރައީސް އަލީ އަޝްރަފް (އަޝްރާ)، ޖެނެރަލް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް އަދި ހަޒާންދާރު، މުހައްމަދު ރާމިޒް (ރާމްބެ) ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ސެންޓްރަލް ޒޯންގެ ދެ މުބާރާތެއް ހޯސްޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ނަމަވެސް ކޮވިޑް-19އާ ހެދި މުބާރާތް ބޭއްވޭ ގޮތެއްނުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment