27 ޑިސެންބަރު 2021 - 17:20 0
ރާއްޖެ ޓީމުގެ ޝަހާ (ކ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ބަންގްލަދޭޝް ކުޅުންތެރިން މަސައްކަތްކުރަނީ.--
27 ޑިސެންބަރު 2021 - 17:20 0
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މިއަދު ބަންގްލަދޭޝް އިން ފަސް ސެޓު ކުޅެގެން ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ބަލިކޮށްފި އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދި ރާއްޖޭގެ ޓީމުން މި ފަހަރުގެ މުބާރާތަށް ނުކުތީ ނިސްބަތުން ޖޫނިއާ ސްކޮޑަކާ އެކު އެވެ. ރިހި މެޑަލް ހޯދި ޓީމުގެ ހަތަރު ކުޅުންތެރިންނާ އެކު މި ފަހަރުގެ މުބާރާތުގައި އަންހެން ޓީމުން ޖުމްލަކޮށް ބަލާއިރު، ކޮންމެ މެޗެއްގައި ވެސް ރަނގަޅު ގިނަ ކަންތައްތަކެއް ކުރި އެވެ. އެކަމަކު، މެޗު ތަޖުރިބާ ދަށްވުމުގެ މައްސަލަ ދިމާވެ، މެޗުތައް ގެއްލުނީ އެވެ.
އަންހެން ޓީމު ފުރަތަމަ ކުޅުނު ހަތަރު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ އުޒްބެކިސްތާނާއި ސްރީ ލަންކާ، ނޭޕާލް އަދި ކިރްގިސްތާން އަތުންނެވެ.
މިއަދުގެ މެޗުގައި ރާއްޖޭން ވަނީ ފުރަތަަމަ ސެޓު 25-17 އިން ގެންގޮސްފަ އެވެ. ދެން ކުޅުނު ދެ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 18-25، 23-25 އިންނެވެ. ހަތަރު ވަނަ ސެޓު ރާއްޖޭން ގެންދިޔައީ 25-23 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 15-17 އިންނެވެ.
ފުރަތަމަ ސެޓުގައި ބަންގްލަދޭޝް އިން ރަނގަޅަށް ފެށި ނަމަވެސް ރާއްޖޭން މަޑުމަޑުން މެޗުގެ ތެރެއަށް އައިސް ނަތީޖާ އަނބުރާލި އެވެ. ރާއްޖޭން ސެޓުގެ މެދުތެރެއިން ވަނީ އެންމެ ފަހުން ކިރްގިސްތާން މެޗުގެ ފަހު ސެޓުގައި އަރައި މޮޅަށް ކުޅުނު ސެޓަރު، ހައިފާ ހަމީދާއި ފާތިމަތު ޝަމްހާ ކުޅެން އަރުވައިފަ އެވެ. އެ ދެ ކުޅުންތެރިންނާއި ޓީމުގެ އެޓޭކުގައި މުހިއްމު ރޯލެއް ކުޅޭ އައިމިނަތު ޝަހާ ޝާމިން އާއި އައިމިނަތު އަރީޝާގެ ރަނގަޅު ކުޅުމާ އެކު 25-17 އިން ފުރަތަމަ ސެޓު ގެންދިޔަ އެވެ.
ރާއްޖެ ޓީމުގެ ކޯޗު މުންތާޒް (ކ) ޓީމުގެ ކުޅުންތެރިންނަށް އިރުޝާދުދެނީ.
ފުރަތަމަ ސެޓު ގެއްލުމުން ބަންގްލަދޭޝް އިން ދެން ކުޅުނު ދެ ސެޓުގައި ފެނުނީ ރަނގަޅު ކުޅުމެއް ދެއްކި ތަނެވެ. އެ ދެ ސެޓު ބަންގްލަދޭޝް އިން ގެންދިޔައީ 18-25 އާއި 23-25 އިންނެވެ. ދެ ވަނަ ސެޓުގައި ބަންގްލަދޭޝް އިން ބޮޑު ލީޑެއްގައި އޮވެ، ސެޓުގެ ބޮޑުބައި ނިންމާލީ ރާއްޖެ އަށް ސެޓު ގެނެވޭނެ މާ ބޮޑު ފުރުސަތެއް ނުދީ އެވެ. އެކަމަކު، ތިން ވަނަ ސެޓުގައި ރާއްޖޭން ވަނީ އެންމެ ފަހު ވަގުތާ ހަމައަށް ސެޓު އަނބުރާލެވޭތޯ މަސައްކަތް ކޮށްފަ އެވެ. ފަހު ވަގުތު ހެދުނު ސާވިސް މިސްޓޭކެއްގެ ސަބަބުން ރާއްޖެ އަށް ތިން ވަނަ ސެޓު ގެއްލުނީ އެވެ.
ހަތަރު ވަނަ ސެޓުގައި ބަންގްލަދޭޝް އިން ރަނގަޅަށް ފެށި ނަމަވެސް ރާއްޖޭން ވަނީ 11-11 އިން އެއްވަރުކޮށްފަ އެވެ. އެ ވަގުތު ބަންގްލަދޭޝް އިން ޓައިމްއައުޓެއް ނަގާފައިވަނިކޮށް، ސްކޯ ބޯޑުން ބަންގްލަދޭޝަށް 11-12 ކަަމަށް ނިންމުމުން ރާއްޖޭން ވަނީ ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސް ސްކޯ ރަނގަޅުކޮށް 11-11 އަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން ކުޅެން އަރައި ރާއްޖެ ޓީމު ވަނީ ތަފާތު ރޫހެއްގައި ކުޅެފަ އެވެ. މި ސެޓު ރާއްޖެ އަށް ލިބުމުގައި މުހިއްމު ވަގުުތުގައި ނަރީމާ އިދުރީސް (ނަންނި)ގެ ސާވިސްތަކާއި ސަމްހާ ހޯދައިދިން މުހިއްމު ޕޮއިންޓްތައް އިސް ރޯލެއް ކުޅުނެވެ. ރާއްޖޭން ސެޓު ގެންދިޔައީ 25-23 އިންނެވެ.
ދެ ސެޓުން ދެ ޓީމު އެއްވަރުވެގެން ނަތީޖާ ނެރެން ކުޅުނު ސެޓު ފަށައިގެން ލީޑުގައި އޮތީ ބަންގްލަދޭޝް އެވެ. ރާއްޖޭގެ ޓީމުން ވަރަށް ހިތްވަރުކޮށް، 11-11 އިން އެއްވަރުކުރި އެވެ. އެކަމަކު، އޭގެ ފަހުން ދެ ޓީމަށް ވެސް ސެޓު ނިންމާލަން ލިބޭ ފުރުސަތުތަކުގައި ދިމާވި އެއް މައްސަލަ އަކީ ސާވިސް ނުބައިވުމާއި ޑިފެންސް ބޯޅަތަކުގެ މައްސަލަަތަކެވެ. އެ ވަގުތު ކޮޅުގައި ސާވިސް އިން ރާއްޖެ އަށް ރަނގަޅު ޕޮއިންޓްތަކެއް ހޯދައިދިން އައިމިނަތު ރާޝިދާ (މައު) ފަޔަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. ޕްރެޝަރު ވަގުތެއްގައި ބަންގްލަދޭޝް ކޮޅަށް ނިމުނު ޕޮއިންޓްތަކާ އެކު އެ ޓީމުން މި ސެޓު 15-17 އިން ކާމިޔާބުކޮށް، މެޗުން ވެސް މޮޅުވީ އެވެ. މި މެޗުގެ ރެފްރީ ވަނީ ދެ ޓީމަށް ވެސް ރީނދޫ ކާޑު ދައްކައިފަ އެވެ.
ރާއްޖޭން އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ވޯމްއަޕްގެ ތެރެއިން ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އައިމިނަތު އަފާފް ނާޒިމްގެ ކަކުލަށް އަނިޔާވެ، އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅެން އޮތް މެޗާއި މިއަދު ބަންގްލަދޭޝާ ދެކޮޅަށް ކުޅެން އޮތް މެޗުގައި އޭނާ އަށް ނުކުޅެވުނެވެ. އަފާފް ނެތުމަކީ މި ދެ މެޗުގައި ޓީމަށް ލިބުނު އުނިކަމެކެވެ.
ބަންގްލަދޭޝްގައި 2019 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ ސީނިއާ ނެޝަނަލް ޓީމުގެ ހުރިހާ ކުޅުންތެރިން އެކުލެވޭ ޓީމެއް ކުޅުނުއިރު، ވަނީ ބަންގްލަދޭޝާއި އަފްގާނިސްތާން އަތުން ސީދާ ތިން ސެޓުން އަދި ކިރްގިސްތާން އަތުން 3-2 ސެޓުން މޮޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment