Advertisement

ހާލަތުގެ ގޮތުން މުބާރާތުގައި ވާދަކުރުމަކީ ވެސް ލިބުނު މެޑަލެއް: ކާއްޓޭ

26 ޑިސެންބަރު 2021 - 07:55 0

ގައުމީ ވޮލީ ޓީމުގެ ކޯޗު ކާއްޓޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ހާލަތުގެ ގޮތުން މުބާރާތުގައި ވާދަކުރުމަކީ ވެސް ލިބުނު މެޑަލެއް: ކާއްޓޭ

26 ޑިސެންބަރު 2021 - 07:55 0

މި ފަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި. ވާދަކުރަން އެންމެ ފަހު ވަގުތުގައި ކުރަން ޖެހުނު މަސައްކަތަށް ބަލާއިރު، މުބާރާތުގައި ކުޅެލެވުމަކީ ވެސް ލިބުނު މެޑަލެއް ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

މި މަހު 19 ވަނަ ދުވަހު މާލެއިން ފުރައިގެން ބަންގްލަދޭޝަށް ސެންޓްރަލް ޒޯން މުބާރާތް ކުޅެން ގައުމީ ޓީމުން އަންނަން މަސައްކަތް ކުރި އެވެ. އެކަމަކު، އެ ފަހަރު، ކޮވިޑްގެ ހާލަތް މެދުވެރިވެ، ޓީމަށް އާދެވޭ ގޮތް ނުވި އެވެ. އެ ދުވަހު އާދެވުނު ނަމަ މާލޭގައި ލަންކާ އާއި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ފަހު ގައުމީ ޓީމު އޮންނާނީ ވަރަށް ފޯމުގަ އެވެ. އެކަމަކު، އެހެން ނުވީ ކުރިމަތިވި ކަންތައްތަކާ ހެދި އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބަންގްލަދޭޝަށް އަންނަން އެއާޕޯޓަށް ފުރަން ގޮސް ތިއްބައި ގައުމީ ޓީމަށް ޖެހުނީ އަނބުރާލާފައި ގެއަށް ދާށެވެ. އެއީ ޓީމާ ގުޅޭ ކޮވިޑް-19ގެ ކަންތައްތަކެއް ފަހު ވަގުތު ބަޔަކު ރިޕޯޓްކުރުމުންނެވެ. ކޮވިޑް-19ގެ ޓެސްޓްތަކެއް ކޮށް، ޓީމު ތިން ބަޔަކަށް ބަހާލައިގެން ބަންގްލަދޭޝަށް އައިއިރު، ފުރަތަމަ މެޗު ކުޅެން ބޭނުންވާ ވަރަށް ޓީމު ހަމަވީ ކިރިޔާ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ތިން ސެޓުން ބަލިވިއިރު، ކުޅުނީ ލިބަރޯ އެއް ނުލަ އެވެ.

އެކަމަކު، އިއްޔެ އުޒްބެކިސްތާން އަތުން ސެޓެއް ގެންގޮސްފައި އޮއްވައި ރާއްޖެ ބަލިވި މެޗުގައި ޓީމުގައި ލިބަރޯ އަކަށް ކުޅުނީ ޖަވާމް އަލީ އެވެ. ޖަވާމަކީ ލަންކާ މެޗުތަކަށް ފަހު ސްކޮޑު ފައިނަލް ކުރިއިރު، ބާކީވި ކުޅުންތެރިއެކެވެ. އެހެންވެ، އޭނާ ވެސް ހުރީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގަ އެވެ.

ކާއްޓޭ ބުނީ ގޮންޖެހުންތަކަށް ބަލާއިރު މުބާރާތުގައި ކުޅުން ވެސް އެއީ ހާއްސަކޮށް ފާހަގަކުރަން ޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ޓީމު އޮތް ހާލަތާއި މި ހުރިހާ އެއްޗަކަށް ބަލާއިރު، މި ކޯޓުގައި (ބަންގްލަދޭޝްގައި) އައިސް ކުޅުމަކީ ވެސް އަޅުގަނޑުމެންނަށް މެޑަލް އެއް، އަޅުގަނޑުމެން ނިންމީ މުބާރާތުގައި ބައިވެރިވެ، މުބާރާތުގައި ކުޅެވިއްޖިއްޔާމު ފުރަތަމަ މެޑަލް އަޅުގަނޑުމެން (ކަރުގައި) އެޅިފައި ކަމަށް. އަޅައިގެން ހަގީގަތުގައި މި ތިބީ،" ކާއްޓެ ބުންޏެވެ.

"މުބާރާތުގެ މެޑަލަަކަށް ކުރާ މަސައްކަތް ދެން މި އޮތީ،"

އުޒްބެކިސްތާން މެޗާ ބެހޭގޮތުން ކާއްޓޭ ބުނީ ފާހަގަވި އަކީ އަބަދު ވެސް ފެންނަ ބްލޮކާއި ޑިފެންސްގެ މައްސަލަ ކަމަށެވެ.

"އަޅުގަނޑުމެން ރިސީވް ދެން ބްލޮކް، ޑިފެންސަށް މަސައްކަތް ކުރަން މި ޖެހެނީ. އެއީ އާންމު ގޮތެއްގައި މަސައްކަތް ކުރަން ވެސް ޖެހޭ ކަންކަމަކީ. ފެށުނުއިރުއްސުރެ ރަނގަޅު ކުރަން ޖެހޭ ކަމެއް އެއީ. އެކަމަކު، ފައިރޫޒްގެ ފަރާތުން ހަމަ ރަނގަޅު ބްލޮކް ޑިފެންސްތައް ފެނިގެންދިޔަ. އެހެން ނަމަވެސް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެކަންކަން ފާހަގަކުރަން،" ތިން ވަނަ ފަހަރަށް ގައުމީ ޓީމުގެ ހެޑް ކޯޗުކަން ކުރަމުން އަންނަ ކާއްޓޭ ބުންޏެވެ.

ގައުމީ ފިރިހެން ވޮލީ ޓީމު މިއަދު ކުޅޭ މެޗުގައި ރާއްޖެ ގަޑިން 15:00ގައި ބައްދަލުކުރާނީ ނޭޕާލާ އެވެ. މި މެޗުން މޮޅުވެއްޖެނަމަ ރާއްޖެ އަށް ޔަގީނުން ވެސް ރޭންކިން މެޗުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. ނޭޕާލް މެޗަށް ފަހު ލީގު ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ކުޅޭނީ ސްރީލަންކާއާ އެވެ.