ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން މިއަދު ތިން ސެޓުން ބަލިވެއްޖެ އެވެ.
ގައުމީ ވޮލީ ޓީމުން މިއަދުގެ މެޗަށް އައީ ވަރަށް އުނދަގޫ ދަތުރެއް ކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު ބަންގްލަދޭޝަށް ފުރަން އެއާޕޯޓަށް އައިސް ކޮވިޑް-19ގެ ހާލަތެއްގެ ސަބަބުން ޓީމަށް ނުފުރި މާލޭގައި މަޑުކުރަން ޖެހުނުއިރު، ވަރަށް އުނދަގުލުން ޓީމު ހަމަކޮށް މިއަދުުގެ މެޗުގައި ކުޅެން ޖެހުނީ ލިބަރޯ އެއް ނުލަ އެވެ.
ޓީމުގެ ސްކޮޑު ފައިނަލްކުރިއިރު، ލިބަރޯ އަކަށް ހަމަޖެއްސި މުހައްމަދު ނައީމް (ނައިންޓެ) އަށް ކޮވިޑްގެ ސަބަބުން ނާދެވިގެން ޓީމުގައި ހިމެނި ދެ ވަނަ ލިބަރޯ ޖަވާމް އަލީ އަށް މިއަދުގެ މެޗުގައި ބައިވެރިވެވޭހާ ތަނަށް ބަންގްލަދޭޝަށް ނާދެވުނެވެ. އަދި މެޗުގައި ފެނުނު ބައެއް ކުޅުންތެރިން ކުޅުނީ މިއަދު ބަންގްލަދޭޝަށް އައި ގޮތަށް ދަތުރު ވަރުބަލި ކަންމަތީގައި ހުރެ އެވެ.
ރާއްޖެ އަށް މެޗު ފަށައިގެން އެންމެ ރަނގަޅަށް ކުޅެވޭގޮތް ނުވީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ޕްރެކްޓިހެއް ނުކޮށް ސީދާ މެޗަށް ނުކުމެ ކުޅެން ޖެހުމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު މާލޭގައި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް އަތުން ތިން ސެޓުން މޮޅުވި މެޗަށް ފަހު ގައުމީ ޓީމަށް ޕްރެކްޓިހެއް ނުކުރެވުނެވެ. މެޗަށް މިއަދު ނުކުމެ، ޕްރެކްޓިސް ވެސް ނުކުރާ ގޮތަކަށް، ލިބަރޯ އެއް ނެތި ކުޅެން ޖެހުމުން ފުރަތަމަ ސެޓުގައި ވަރަށް ގިނަ ގޯސްތަކެއް ހެދުނެވެ. ބަންގްލަދޭޝް އިން ފުރަަތަމަ ސެޓު ގެންދިޔައީ 25-14 އިންނެވެ.
ސެންޓަ ދެ ކުޅުންތެރިން ލައިގެން ކުޅެން ޖެހުނުއިރު، ރާއްޖޭން ސެޓަކަށް ފަހު ސެޓެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ) އަދި ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު އެޓޭކްތަކެއް ސެޓުތަކުގެ އެކި ހިސާބުތަކުން ފެނުނެވެ. އެކަމަކު، މި ސެޓުގެ ވަކި ހިސާބަކުން ބަންގްލަދޭޝްގެ ލީޑުފުޅާވެ، އެ ޓީމުން 25-19 އިން ސެޓު ގެންދިޔައީ އެވެ.
ރާއްޖެ ޓީމުގެ ކުޅުން އެންމެ ބޮޑަށް ފެނިގެންދިޔައީ ތިން ވަނަ ސެޓުގަ އެވެ. ސެޓުގެ ބޮޑުބައި ދެ ޓީމު ހަމަހަމަކޮށް ދިޔައިރު، ދެ ޓީމުން ވެސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ލީޑެއް ނަގަމުންނެވެ. އެކަމަކު، އެއްވެސް ޓީމަކަށް ސެޓުގެ ކޮންޓްރޯލް އެއްކޮށް ނެގޭގޮތެއްނުވެ، ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ. ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ބަންގްލަދޭޝް އިން 25-22 އިން މި ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.
ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ރާއްޖެ ގަޑިން ތިނެއް ޖަހާއިރު ބައްދަލުކުރާނީ އުޒްބެކިސްތާންއާ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment