Advertisement

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ ރާއްޖެ ވަޑައިގެންފި

22 ޑިސެންބަރު 2021 - 15:14 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ބޮޑުވަޒީރު ހަސީނާ (މ) މިއަދު ރާއްޖޭގައި: އެކަމަނާގެ ދަތުރުފުޅުގައި ރާއްޖެއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ -- ފޮޓޯ: ރައީސް އޮފީސް


ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ ރާއްޖެ ވަޑައިގެންފި

22 ޑިސެންބަރު 2021 - 15:14 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ދިވެހިރާއްޖެއަށް ވަޑައިގެންފި އެވެ.

ބޮޑުވަޒީރު ހަސީނާ، ބަންގްލަދޭޝް ސަރުކާރުގެ ވަފުދަކާއެކު ރާއްޖެ ވަޑައިގަތީ ދާދި ދެންމެ ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ހާއްސަ ވީވީއައިޕީ ފްލައިޓެއްގަ އެވެ. ހަސީނާ ވަޑައިގަތުމުން އެކަމަނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ޝެއިހް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދައުވަތު ދެއްވީ ބަންގްލަދޭޝްގެ އުފެއްދެވުމުގެ ބާނީ، ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މިދިޔަ މާޗް މަހު ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ހަސީނާގެ ދަތުރުފުޅުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެ އެވެ. އެކަމަށްޓަކައި މާދަމާ މަޖިލީހުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކެބިނެޓް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ ވެރިންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްރެރިންގެ އިތުރުން ބައެއް މަދަރުސާތަކުގެ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރާނެ އެވެ.

އޭގެ އިތުރުން، މި ދަތުރުފުޅުގައި ޝެއިހް ހަސީނާ ރައީސް ސޯލިހާއެކު ރަސްމީ މަޝްވަރާތަކެއް ބާއްވަވާނެ އެވެ. އަދި ބަންގްލަދޭޝާއެކު ރާއްޖެއިން ހަތަރު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އޭގެ ތެރޭގައި މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމީ ދާއިރާއިން އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދާއިރާތަކަކީ މިހާރު ވެސް ރާއްޖެ އާއި ބަންގްލަދޭޝާ ދެމެދުގައި ގުޅުން ބަދަހި ދާއިރާތަކެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެ އެވެ. އަދި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ވެސް ދެ ގައުމުން ސޮއި ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި ހަސީނާގެ ދަތުރުފުޅުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.