Advertisement

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ބާއްވަނީ

21 ޑިސެންބަރު 2021 - 11:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން: ޕީޕީއެމުން ބުނީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުނޭ-- ފޮޓޯ: ހުސެން ޝަޔާހު /އަދަދު


ކޮމަންޑޫ ދާއިރާގެ ޕްރައިމަރީ ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ބާއްވަނީ

21 ޑިސެންބަރު 2021 - 11:50 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓޭއް ހޮވުމަށް ޕީޕީއެމް/ޕީއެންސީ އަދި މޯލްޑިވަސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ، މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ޕީޕީއެމްއިން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ޑިސެމްބަރު 26 ގެ މެންދުރު ފަހު 2:00 އިން 5:00 އަށް ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫގެ އިތުރުން މާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު މި މަހުގެ 21 އިން 23 ވަނަ ދުވަހުގެ މެންދުރުފަހު 3 އާއި ހަމައަށް އެ ޕާޓީން ވަނީ ހުޅުވާލާފަ އެވެ.

އެހެންކަމުން މަޖިލިސް މެންބަރެއްގެ ޝަރުތު ފުރިހަމަވާ އެ ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީން ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންގެ ތެރެއިން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައި އިލެކްޝަންގައި ޕާޓީ ޓިކެޓްގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމު ޕާޓީ އޮފީހަށް ހުށަހެޅުއްވުމަށް ޕީޕީއެމް އިން އެދިފައިވެ އެވެ.

ފޯމާއިއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު އެ ތަކެތިވެސް ހުށަހެޅުމަށް ވެސް ޕީޕީއެމް އިން އެދެ އެވެ. އެ ޕްރައިމަރީގައި ވޯޓު ލެވޭނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޕީޕީއެމް އާއި ޕީއެންސީން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

އެމްއެންޕީން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 5:00 ގެ ކުރިން އެމްއެންޕީގެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އެ ޕާޓީގެ ފަރާތުން މިއިންތިހާބަށް ޕްރައިމަރީއެއް ބާއްވަންޖެހޭ ހާލަތެއްގައި، ވޯޓްލުން ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހު ހެނދުނު 10:00 ން ހަވީރު 05:00 އަށް ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ އިތުރުން މާލޭގެ އެމްއެންޕީ އޮފީހުގަ އެވެ.

ޕީޕީއެމް އާއި އެމްއެންޕީން ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު އެމްޑީޕީން ވެސް ވަނީ ނިންމާފަ އެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން އެންގުމާ ގުޅިގެން ބާއްވާ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މިހާތަނަށް ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ވެސް އެ ތިން ޕާޓީން އެކަނި އެވެ.