Advertisement

ބަންގްލަދޭޝްގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

20 ޑިސެންބަރު 2021 - 12:05 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ޝެއިހް ހަސީނާ ރައްޔިތުން މަޖިލީހުގައި ތަގުރީރުކުރުމަށް ރުހުން ދީފި: އެ ޖަލްސާ އޮތީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ހަވީރު ރައްޔިތުން މަޖިލީހުގެ ތަޅަމުގައި -- ފޮޓޯ: ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އޮފީސް


ބަންގްލަދޭޝްގެ ބޮޑުވަޒީރު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

20 ޑިސެންބަރު 2021 - 12:05 0

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ ފަސް ދުވަހުގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރުމަށް ރުހުން ދީފި އެވެ.

ޝެއިހް ހަސީނާގެ އެ ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން އެކަމަނާއަށް މަޖިލީހުގައި ތަގުރީރުކުރުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، ދައުރުން ބޭރުން މިއަދު ހެނދުނު ޖަލްސާއެއް ބާއްވާފައި ވެއެވެ. އެ ޖަލްސާގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީ އެ ފުރުސަތު ބަގްލަދޭޝްގެ ބޮޑު ވަޒީރަށް ދިނުމަށެވެ. އެއީ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ބައިވެރިވަޑައިގެންނެވި 44 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިން މެމްބަރަކު ނެތެވެ.

މި ޖަލްސާއަށް ދައުވަތު އަރުވަނީ ޖުމްލަ 153 ބޭފުޅުންނަށް


* ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް * ވަޒީރުންގެ މަޖިލީހުގެ މެމްބަރުން * ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި 28 ބޭފުޅަކަށް * މިނިސްޓަރު ފެންވަރުގެ 8 ބޭފުޅަކަށް * ޗީފް އޮފް ޑިފެންސް ފޯސް * ޗީފް އޮފް ޕޮލިސް * ގައުމީ ޔުނިވާސިޓީގެ ޗާންސެލާ، އަދި ވައިސް ޗާންސެލާ * މާލޭގެ 21 ސްކޫލުން، ކޮންމެ ސްކޫލަކުން 2 ކުދިންނަށް

ޝެއިހް ހަސީނާގެ މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބާނީ، ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި މި އަހަރުގެ މާޗް މަހު ބޭއްވި ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޝެއިހް ހަސީނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

އަދި އެކަމަނާގެ ދަތުރުފުޅުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްވެސް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެއެވެ.