Advertisement

ގްރޭސް މެރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ލަމްހާގެ ބަންދަށް 15 ދުވަސް ދީފި

17 ޑިސެންބަރު 2021 - 16:31 3

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ލަމްހާ: އޭނާ އުޅުނީ ގްރޭސްގެ ފިރިމީހާއާ ހިތާވެގެން ކަމަށް ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަހުން ބުނެފައިވޭ -- ފޮޓޯ: އަދަދު


ގްރޭސް މެރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ލަމްހާގެ ބަންދަށް 15 ދުވަސް ދީފި

17 ޑިސެންބަރު 2021 - 16:31 3

ސުވާލު އުފެދޭ ގޮތަކަށް މަރާލާފަ އޮއްވާ ފެނުނު މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ދިވެހި އަންހެން ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.

އައިޖީއެމްއެޗްގައި ނަރުހަކަށް މަސައްކަތް ކުރި ގްރޭސްގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި، 29، އެވެ. ކޯޓު އަމުރެއްގެ ދަށުން ލަމްހާ، 24، ހައްޔަރު ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއް ވެސް ހުންނަ ގްރޭސް މަރާލާފައި ވަނީ ފިރިމީހާ މާވިން އާއި ލަމްހާ އެކަން ދުރާ ރާވައިގެންކަން ފުލުހުން ތުހުމަތު ކުރާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

މާވިން އާއި ލަމްހާއަކީ ވެސް އައިޖީއެމްއެޗްގެ ނަރުހުންނެވެ. އަދި އެ ދެ މީހުން އުޅުނީ ހިތާވެގެން ކަމަށް ލަމްހާ ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފަހުން ބުނެފައިވެ އެވެ.

ގްރޭސް މަރާލާފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށާއި މަރާލާފައި ވަނީ އަނިޔާވެރި ކަމާއެކު ރަހުމު ކުޑަ ގޮތަކަށް ކަން ފުލުހުން ތުހުމަތު ކުރާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ގްރޭސް މަރުވެފައި ވަނީ ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް، ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ހެދި ޕޯސްޓް މޯޓަމްގެ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

މަރުވެފައި އޮއްވައި ފެނިގެން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަން ޖެހިފައި ހުއްޓާ ކަމަށް ބުނެ އޭނާގެ ފިރިމީހާ އެވެ. އެފަދަ ކަމެއްގެ ނިޝާނެއް ނެތް ކަމަށް ވެސް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

ލަމްހާގެ މައްޗަށް ގިނަ ކުށްތަކެއްގެ ތުހުމަތު ފުލުހުން ކުރެ އެވެ. އެ ކުށްތަކުގެ ތެރޭގައި، ގާނޫނުލްއުގޫބާތުގެ 80 ވަނަ މާއްދާގެ ހ. ގެ 1، 2 ނަންބަރުގައި ބަޔާންކުރާ ކުށް، 81، 82، އަދި 87 ގެ ހ. ގައި ބަޔާންކުރާ ކުށް، 110 ވަނަ މާއްދާގެ ހ، ށ، ނ، ގެ ވަނަ މާއްދާގައި ބަޔާންކުރާ ކުށް، 114 ވަނަ މާއްދާގެ ހ. ގައި ބަޔާންކުރާ ކުށް އަދި ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ކުށް ހިމެނެ އެވެ.

ގާނޫނުލްއުގޫބާތުގެ 87 ވަނަ މާއްދާ އަކީ ކުށްކުރުމުގެ އާލާތްތައް އަތުގައި ހުރުން ބަޔާންކުރާ މާއްދާ އެވެ. ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ އެނގިހުރެ މީހަކު މަރައިފި މީހާ އެކުރަނީ ކުށެއް ކަމެވެ. ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާ ބަޔާން ކޮށްފައި ވަނީ ދޮގު ބަޔާން ދިނުމުގެ ކުށެވެ.

ގްރޭސްގެ މަރާ ގުޅިގެން، ޕޯސްޓް މޯޓަމް ހެދުމަށް ފަހު ހަށިގަނޑު ވަނީ ތައިލެންޑަށް ފޮނުވާލައިފަ އެވެ.

ގްރޭސް އާއި މާވިން ކައިވެނިކޮށްފައި ވަނީ މީގެ ފަސް އަހަރު ކުރިން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ގްރޭސް ކުރިން މަސައްކަތްކޮށްފައި ވަނީ ފްރެސިނިއަސް މެޑިކަލް ކެއާގަ އެވެ. އެއީ ޑަޔަލަސިސް ހެދުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ސެންޓަރެކެވެ.