Advertisement

ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ މައްސަލައިގައި ޔުއެފާ ރައީސް މާފަށް އެދިވަޑައިގެންފި

17 ޑިސެންބަރު 2021 - 10:01 0

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން: އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގައި ދިމާވި ކަންތައްތަކަށް މާފަށް އެދިވަޑައިގެންފައި.


ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ މައްސަލައިގައި ޔުއެފާ ރައީސް މާފަށް އެދިވަޑައިގެންފި

17 ޑިސެންބަރު 2021 - 10:01 0

ޒިއުރިކް، ސްވިޒަލެންޑް (ޑިސެމްބަރު 17) - ޓެކްނިކަލް މައްސަަލައެއް ދިމާވެގެން އޮޅުންތަކެއް އެރި ކަމަށް ބުނެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބާއްވަން ޖެހުނު މައްސަލައިގައި ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން މާފަށް އެދިވަޑައިގެންފި އެވެ.

މިދިިޔަ ހޯމަ ދުވަހު ބޭއްވި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ގުރުއަތުލުމުގައި މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން، އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ. އެއީ ފުރަތަމަ ގުރުއަތުލުމުގައި ތިން މައްސަލައެއް ފާހަގަކުރެވިގެންނެވެ.

"އޮޅުވާލަން ނޫނީ އެހެން ބައެއްގެ ބޮލުގައި މިކަން އެޅުވުން އެއީ ރަނގަޅު ގޮތެއް ނޫން. ގުރުނެގުމުގައި ދިމާވި މައްސަލައިގައި އަހަރެމެން (ޔުއެފާ އިން) ޒިންމާ ނަގަން ޖެހޭ. އަހަރެން އެކަމާ މާފަށް ވެސް އެދެން. ހަގީގަތަކީ ދިމާވީ ސޮފްޓްވެއާގެ މައްސަލައެއް،" ޗެފެރިން ވިދާޅުވި އެވެ.

ފުރަތަމަ ގުރުއަތުލުމުގައި ދިމާވި މައްސަލަތަކަށް ބަލާއިރު، ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވިއިރު، މި ދެ ޓީމަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވާއިރު، ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެ އެވެ. ދެން ފާހަގަކުރެވުނު މައްސަލަ އަކީ ލިވަޕޫލާއި އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުން ގެންދިއުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުުރުގައި ބައްދަލުނުކުރެވޭނެ އެވެ. ދެން ފާހަގަވި މައްސަލަ އަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ.

ގުރުއަތުލުން ދެ ވަނަ ފަހަރަށް ބޭއްވިއިރު، ޗެލްސީ އާއި ފްރާންސްގެ ލޮސްކް ލިލް ކުޅޭ މެޗު ފިޔަވައި ދެން އޮތް ހަތް މެޗު ވެސް ވަނީ ބަދަލުވެފަ އެވެ.

ޗެފެރިން ވިދާޅުވީ އަލުން ގުރުއަތުލުން ކުރިއަށް ގެންދަން ނިންމީ ރަނގަޅަށް ކަމަށާއި އެ ހުރިހާ ކަމަކަށް ހައްލު ހޯދީ ވަރަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ފުރަތަމަ ނިމުނުއިރު، ދެ ވަނަ ބުރުގައި ރެއާލް ކުޅެން ޖެހިފައި އޮތީ ބެންފީކާއާ އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ގުރުއަތުލުމުން ރެއާލް ބައްދަލުކުރަން ޖެހޭނީ ޕީއެސްޖީއާ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ގުރުއަތުލުން އަލުން ބޭއްވުމަކީ އޮޅުވާލުމެއް ކަމަށެެވެ.