Advertisement

ރާއްޖޭގައި އިންޑިއާގެ ޒުވާނަކު އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް އާއިލާއިން އެދެފި

13 ޑިސެންބަރު 2021 - 12:50 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ރާއްޖޭގައި އިންޑިއާގެ ޒުވާނަކު އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް އާއިލާއިން އެދެފި

13 ޑިސެންބަރު 2021 - 12:50 0

ދިވެހިރާއްޖެއަށް މަސައްކަތް ކުރަން އައިތާ 15 ވަރަކަށް ދުވަހުގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 25 އަހަރުގެ އިންޑިއާގެ ޒުވާނެއްގެ މަރު ތަހުގީގުކޮށްދިނުމަށް އާއިލާއިން އެދިއްޖެ އެވެ.

ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ކައްކާއަކަށް ގެނައި ފްރާންސެސް ޕްރިންސް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ މަސައްކަތް ކުރަމުންގެންދިޔަ މ. ކޮޅުފުށީގަ އެވެ. ފެނުނުއިރު ހުރީ ބަދިގޭގައި ދަންޖެހިފަ އެވެ.

ނަމަވެސް ޕްރިންސް މަރުވީ އަމިއްލައަށް ކަމަށް އޭނާގެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. ޕްރިންސް ދަންޖެހިފައި ހުއްޓާ ނަގާފައިވާ ފޮޓޯތަކުން އެއީ "ސްޓޭޖްކޮށްފައިވާ މަންޒަރެއް" ކަމަށް ބެލެވޭ ކަމަށް ވެސް އޭނާގެ އާއިލާއިން ބުނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކަށް ޓަމިލްނާޑޫގެ ލެޖިސްލޭޓިވް އެސެމްބްލީގެ މެމްބަރު ޖޭޖީ ޕްރިންސް އިއްޔެ ފޮނުވި ޕެޓިޝަނެއްގައި ގޮވާލާފައި އޮތީ ފްރާންސެސް ޕްރިންސްގެ މަރު ތަހުގީގު ކުރުމަށް ދިވެހި ސަރުކާރަށް ބާރު އެޅުމަށެވެ.

"ޕްރިންސް މަރުވުމުގެ ފަހުން ނަގާފައިވާ ފޮޓޯއެއް މި ޕެޓިޝަނުގައި އަހަރެން ހިމަނާފައިވާނެ. މި ފޮޓޯއިން ފެންނަ ގޮތުން ބެލެވެނީ މީހަކު އޭނާ މަރާލުމަށްފަހު ދަންޖެއްސީ ކަމަށް،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޕްރިންސްގެ ހަށިގަނޑު އެމްބިއުލޭންސަކަށް އަރުވަނީ: މަރުވީ ދިވެހިރާއްޖެ އައިތާ 15 ވަރަކަށް ދުވަސް ފަހުން -- ފޮޓޯ: އާއިލާ


ޕްރިންސްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ޔަގީނެއް ނުކޮށްދިނެވެ. އަދި އެ މައްސަލައިގައި އިތުރު އެހެން އެއްޗެއް ވެސް ފުލުހުންގެ ފަރާތުން ނުބުނެ އެވެ.

ޓަމިލްނާޑޫ ތެރޭގައި އޮންނަ 20،000 މީހުންގެ އާބާދީއެއް އޮންނަ ވާކިލަމްބި ނަމަކަށް ކިޔާ ކުޑަ އަވަށަކަށް ނިސްބަތްވާ ޕްރިންސް މަރުވެފައި ހުއްޓާ ފެނުނީ ލޭބާ ކުއާޓަރުގެ ބަދިގެ ތެރޭގަ އެވެ. ޕްރިންސްގެ މަރުގެ ސެޓްފިކެޓުގައި ބުނެފައި ވަނީ އޭނާ މަރުވީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ހިތް ހުއްޓިގެން ކަމަށެވެ.

ފްރާންސެސް ޕްރިންސަކީ އޭނާގެ ބައްޕަ އާއި މަންމަގެ ދެ ދަރިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. ޕްރިންސް މިހާތަނަށް ކައިވެންޏެއްކޮށްފައެއް ނުވެ އެވެ. ޕްރިންސް ދަންނަ މީހަކު ބުނީ އޭނާ މަރުވި ދުވަހުގެ ހެނދުނު ވެސް އަދި އޭގެ ކުރީ ރޭ ވެސް ފޯނުން ގުޅައި ވާހަކަ ދެއްކި ކަމަށާއި އެއްވެސް މައްސަލައެއް އުޅޭ ކަމަށް ބުނެފައި ނުވާ ކަމަށެވެ.

"ވަރަށް ގިނައިން ފޯނުން ގުޅާނެ. އެ ދުވަހު ހެނދުނު ވެސް ގުޅި. ވަރަށް އުފާވެރިކޮށް ވާހަކަ ދެއްކީ. އެއްވެސް މައްސަލައެއް އުޅޭ ވާހަކައެއް ނުބުނޭ،" ޕްރިންސްގެ ރަހުމަތްތެރިއަކު ބުންޏެވެ.