Advertisement

މެޗަކަށް ފަހު މެޗެއް ރަނގަޅު، ޕްރެޝަރުގައި ކުޅެން އާ ވުމުގެ މައްސަަލަ ދިމާވޭ: ކާއްޓެ

11 ޑިސެންބަރު 2021 - 07:46 0

ގައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު


މެޗަކަށް ފަހު މެޗެއް ރަނގަޅު، ޕްރެޝަރުގައި ކުޅެން އާ ވުމުގެ މައްސަަލަ ދިމާވޭ: ކާއްޓެ

11 ޑިސެންބަރު 2021 - 07:46 0

އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ވޮލީ ޓީމުން މާލޭގައި މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު، މެޗަކަށް ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި އެކަމަކު، ޕްރެޝަރުގައި ކުޅެން އާ ވުމުގެ މައްސަލަ ބައެއް ކުޅުންތެރިންނަށް ދިމާވާ ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.

މި މަހު 22-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން ރާއްޖޭން ޕްރެކްޓިސް ފެށީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. އެއީ މުބާރާތް އޮންނާނެކަން އެންގުމާ އެކު އެވެ. ރާއްޖޭން ލަންކާއާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރެޔާއި ރޭ ކުޅުނު މެޗުތަކަކީ ކޮވިޑް-19ގެ ސަބަބުން އައި ދެ އަހަރުގެ މެދުކެނޑުުަމަށް ފަހު ކުޅުނު ފުރަތަމަ މެޗުތަކެވެ.

ފުރަތަމަ މެޗުގެ ސެޓުތައް ދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. ރޭ ކުޅުނު މެޗުގައި ރާއްޖޭން ރަނގަޅު ވާދައެއް ކުރިއިރު، ސެޓުތައް ދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ.

މެޗަށް ފަހު ކާއްޓެ ދިން އިންޓަވިއުއެއްގައި ބުނީ މެޗަކަށް ފަހު މެޗެއްގައި ގައުމީ ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. ފުރަތަމަ މެޗުގެ ކުޅުމާ އަޅާކިޔާނަމަ، ރޭގެ މެޗުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރު، ދެން އޮތް ފަހު މެޗުގައި ރާއްޖެ ޓީމުން ސެޓު ވެސް ހޯދުން ގާތް ކަމަށް ކާއްޓޭ ބުންޏެވެ.

"މި ލެވަލްގައި އަޅުގަނޑުމެންގެ ކުޅުންތެރިން އާ ވާނެ. މި ލެވަލްގެ ޕްރެޝަރު މެޗުތައް ކުޅޭއިރު، ޓީމުގެ ގިނަ ކުޅުންތެރިންގެ އާ ކަން އެބަފެނޭ. ޝުއައިބު މެން ކަހަލަ ފައިރޫޒް މެން ކަހަލަ ކުޅުންތެރިންނަކީ (މި ލެވަލް އަށް) އާ ކުދިން. ޝާހު (އިސްމާއިލް ސާޖިދު - ކުޑަކާއްޓެ) އަކީ ދެން އެކްސްޕީރިއަންސްކޮށް ކުޅެންހުރި ކުޅުންތެރިޔާ. އޭނަ ކޮންމެ ރެޔަކު ވެސް އެއް ލެވަލެއްގައި އެބަ ކުޅޭ. ދެން އެ ތިބި ކުޅުންތެރިންނަށް މި ލެވަލްގެ ޕްރެޝަރު މި އާ ވަނީ،" ކާއްޓެ ބުންޏެވެ.

ކާއްޓޭ ވަނީ ފުރަަތަމަ މެޗުގައި ދަށްކޮށް ދިއުމަށް ފަހު ދެ ވަނަ މެޗުގައި ރަނގަޅަށް ދިޔަ ބައެއް ކަންކަން ކިޔައިދީފަ އެވެ. އެ ގޮތުން ފުރަތަމަ މެޗަށް ވުރެ ސާވިސް އާއި ރިސީވް ރަނގަޅު ކަމަށް ކާއްޓޭ ބުންޏެވެ.

"މައްސަލަ އަކީ ބައެއް ސެޓުތަކުގެ ފަހު ކޮޅުގައި ސެޓިންގެ މައްސަލަ މި ޖެހުނީ. ރަނގަޅަށް ސެޓިން ނުކުރެވުމުގެ މައްސަލަ ޑިފެންސްގައި ވެސް އެ ދިމާވީ. ދެން އެވްރެޖްކޮށް ރިސީވް ވެސް އެޓޭކް ވެސް ރަނގަޅު،" ގައުމީ ޓީމުގެ ކޯޗުކަން ތިން ވަނަ ފަހަރަށް ކުރަމުން އަންނަ ކާއްޓޭ ބުންޏެވެ.

ރާއްޖޭން 2019 ވަނަ އަހަރު އޮގަސްޓް މަހުގައި މާލޭގައި ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ފުރަތަމަ ސެޓު ގެންދިޔަ އެވެ. މި ފަހަރުގެ މެޗުތަކުގައި ލަންކާ އިން ފުރަތަމަ ދެ މެޗު ވެސް ނިންމައިލީ ސީދާ ތިން ސެޓުންނެވެ.

ކާއްޓޭ ބުނީ މި ފަހަރު ލަންކާގައި ޒުވާން އާ ކުޅުންތެރިންތަކެއް ވެސް އެބަތިބި ކަމަށެވެ. އަދި ދިވެހި ކުޅުންތެރިން ކަންކަން ދަސްކޮށް މެޗަކަށް ފަހު މެޗެއް ލަންކާ ކުޅުންތެރިންގެ ކުޅުން ދެނަގަންނަން ފަށައިފި ކަމަށެވެ.

"މިރޭ (ރޭ) އެކަން ފާހަަގަކުރެވިގެން ކަންނޭނގެ ބްލޮކް ވެސް އަޅުގަނޑުމެން އެބަހުރި ރަނގަޅަށް ކޮށްފައި. ދެން ބްލޮކުން ޕޮއިންޓް ވެސް ނަގާފައި ހުރީ. ދެން ސާވިސް ވެސް ޓާގެޓަށް ކޮށްގެން ހަމަ ސާވިސް އިން ވެސް ޕޮއިންޓް ނަގާފައި އެބަހުރި،" ކާއްޓެ ބުންޏެވެ.

"އެހެންވީމަ ރެޔަކަށް ވުރެ ރެޔެއް ރަނގަޅު ކުރަމުން އަންނަ ކަމަށް ފާހަގަކުރެވޭ. މިރޭ (ރޭ) ލަންކާ ޓީމަށް ޕްރެޝަރު ވެސް ދެވިއްޖެ. އެ މީހުން ޓައިމްއައުޓް ވެސް ނަގަމުން އެ ދިޔައީ،"

ކާއްޓޭ ބުނީ ލަންކާ ޓީމަކީ އެއްވެސް ގޮތަކުން ދެރަ ޓީމެއް ކަމަށް ދެކެވެން ނެތް ކަމަށެވެ. ލަންކާ ޓީމަކީ މި ރީޖަންގައި ވެސް މޮޅު ޓީމެއް ކަމަށާއި ރާއްޖޭން އެ ފަދަ ޓީމަކާ ދެކޮޅަށް ކުޅެން މި އަރާ ހަ ކުޅުންތެރިންގެ ތެރޭގައި ސެންޓަަރަކަށް ކުޅެން ޖެހިފައިވަނީ މި ލެވަލަށް އަށް އާ ކުޅުންތެރިން ލައިގެން ކަމަށް ކާއްޓޭ ވަނީ ބުނެފަ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ފަހު މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު އެވެ.