Advertisement

ޒުވާން ސްކޮޑެއް އޮތަސް ލަންކާގެ ފޯކަސް އަކީ ރާއްޖެ ބަލިކުރުން: ކޯޗު

9 ޑިސެންބަރު 2021 - 11:24 0

ލަންކާ ޓީމުން އިއްޔެ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޒުވާން ސްކޮޑެއް އޮތަސް ލަންކާގެ ފޯކަސް އަކީ ރާއްޖެ ބަލިކުރުން: ކޯޗު

9 ޑިސެންބަރު 2021 - 11:24 0

ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ލަންކާ އިން ގެނައި ޓީމުގައި ޒުވާން ސްކޮޑެއް އޮތް ކަމުގައި ވިޔަސް ޓާގެޓަކީ ސެންޓްރަލް ޒޯނަށް ވީ އެންމެ ރަނގަޅަށް ތައްޔާރުުވާން މި މެޗުތަކުން ރާއްޖެ ބަލިކުރުން ކަމަށް ލަންކާގެ ކޯޗު ޗަންނަ ޖަޔަސޭކަރަ ބުނެފި އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިރޭ އެވެ. ދެން އޮތް ދެ މެޗު ކުޅޭނީ މާދަމާރެޔާއި އާދިއްތަ ދުވަހުގެ ރޭގަ އެވެ. ރާއްޖެ އާއި ލަންކާ އިން މި މަހު 22-29 އަށް ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރާނެ އެވެ.

"މިއީ ޕްރެކްޓިސް މެޗުތަކެއް ވިޔަސް އަހަރެމެންގެ ފޯކަސް އަކީ މޮޅުވެ، ޓީމު ފޯމަކަށް ގެނައުން. މި ޓީމުގައި ތިނެއް ނޫނީ ހަތަރެއް ތަޖުރިބާކާރު ކުޅުންތެރިން ތިބީ. ބާކީ މި ތިބީ ޒުވާން ކުޅުންތެރިން. އެކަމަކު ވެސް އަހަރެމެން ބޭނުންވަނީ މޮޅެއް ހޯދަން،" އިއްޔެ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ބޭއްވި ޕްރެކްޓިހުގެ ތެރެއިން ލަންކާ ކޯޗު ޖަޔަސޭކަރަ ބުންޏެވެ.

ލަންކާ އިން ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މާލޭގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް ވަރުގަދަ ސްކޮޑެއް ގެނެސްފަ އެވެ. ސީނިއާ ގިނަ ކުޅުންތެރިންނާ އެކު އެ ފަހަރުގެ ލަންކާ ސްކޮޑުގައި ރާއްޖޭގެ މުބާރާތްތަކުގައި ކުޅެފައިތިބި ހުނަރުވެރި ކުޅުންތެރިން ތިއްބެވެ. ލަންކާ ވަނީ އެ ފަހަރު ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް މޮޅުވެފަ އެވެ.

ފުރަތަމަ މެޗުން ތިން ސެޓުން ލަންކާ ޓީމު މޮޅުވި ނަމަވެސް ދެން ކުޅުު ދެ މެޗު ނިމުނީ 3-1 ސެޓުންނެވެ. ފުރަތަމަ މެޗުގެ ސެޓުތައް ދިޔައީ 25-18، 25-23 އަދި 26-24 އިންނެވެ. ދެ ވަނަ މެޗާއި ތިން ވަނަ މެޗުގައި ލަންކާ މޮޅުވީ ފަހަތުން އަރަ އެވެ. ދެ ވަނަ މެޗުގެ ސެޓުތައް ދިޔައީ 25-20، 15-25، 16-25 އަދި 22-25 އިންނެވެ. އަދި ތިން ވަނަ މެޗުގެ ސެޓުތައް ދިޔައީ 25-22، 20-25، 22-25 އަދި 13-25 އިންނެވެ.

ޖަޔަސޭކަރަ ބުނީ ކުރިން ފަހަރު ލަންކާ ތިން މެޗުން ވެސް މޮޅުވި ޓީމާއި މިހާރު އޮތް ޓީމު ތަފާތު ނަމަވެސް އެ ޓީމުގެ އަޒުމު ވަރުގަދަ ކަމަށެވެ.

"މި ފަހަރު އުއްމީދަކީ ވެސް ތިން މެޗުން މޮޅުވުން. ވަރަށް ޒުވާން ކުޅުންތެރިންނާ އެކު މި ފަހަރުގެ ޓީމު މި އޮތީ. އަހަރެމެން ބޭނުން މި މެޗުތަކުން ރަނގަޅު ތަޖުރިބާތަކެއް ހޯދަން. ޒުވާން ކުޅުންތެރިންގެ ވެސް ހުރީ މޮޅުވުމުގެ ރޫހު. 20 ނޫނީ 21 އަހަރުގެ ގިނަ ކުޅުންތެރިން މި ތިބީ،" މީގެ ކުރިން ކުޅުނު ދުވަސްވަރުގައި ރާއްޖޭގައި މުހިއްމު ތަޖުރިބާތަކެއް ކޮށްފައިވާ ޖަޔަސޭކަރަ ބުންޏެވެ.

ލަންކާ އާއި ރާއްޖެ އެންމެ ފަހުން ކުޅުނީ 2019 ވަނަ އަހަރު ނޭޕާލްގެ ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ މެޗުގައި ލަންކާ ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. ލަންކާ އިން އެ މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 25-18، 25-23 އަދި 25-17 އިންނެވެ.

މިދިޔަ ޖުލައި މަހު އުޒްބެކިސްތާން އަތުން ލަންކާ ވަނީ އޭޝިއާ ވޮލީބޯޅަ މުބާރާތުގެ ކޮލިފައިންގައި މޮޅުވެފަ އެވެ. އެކަމަކު، އެ މުބާރާތަށް ދިއުމުގެ ކުރިން ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ގިނަ ބަޔަކަށް ކޮވިޑް ޖެހި މުބާރާތަށް ނުދެވުނެވެ. އޭގެ ފަހުން ލަންކާ އިން ޕްރެކްޓިސް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއީ ސެންޓްރަލް ޒޯން މުބާރާތަށެެވެ. އެއީ ސީނިއާ ގިނަ ކުޅުންތެރިން ނުލަ އެވެ.

ރާއްޖެއާ ދެކޮޅަށް ލަންކާ އިން އެންމެ ފަހުން ކުޅުނު ހަތަރު މެޗަށް ނެރުނު ސްކޮޑާ އަޅާކިޔާއިރު، ކުރިން މެޗުތަކުގައި ކުޅުނު ހަތަރު ވަރަކަށް ކުޅުންތެރިން ފިޔަވައި ދެން ތިބީ ޒުވާން ކުޅުންތެރިންނެވެ. އެހެންކަމުން، ރާއްޖެ އަށް ރަނގަޅު ކުޅުމެއް ދައްކައި މި މެޗުތަކުން ނަތީޖާތަކެއް ނެރެވިދާނެ އެވެ. ރާއްޖޭން ވެސް ވަނީ ގައުމީ ޓީމުގައި ޒުވާން ތިން ކުޅުންތެރިން ހިމަނައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ. މި މެޗުގެ ޝަރަފްވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ އަނެއް ދެ މެޗު އޮންނާނީ މާދަމާ ރެޔާއި އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.