Advertisement

ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ދައްކައިފި

5 ޑިސެންބަރު 2021 - 15:33 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމް.ވީ ނަވިއޯސް އަމަރިލިސް ރަސްފަރީ ފަރަށް އުރިފައި. -- ފޮޓޯ: އެމްއެންޑީއެފް


ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ދައްކައިފި

5 ޑިސެންބަރު 2021 - 15:33 0

ކ. ރަސްފަރި ފަރަށް އެރި ޕެންމާ އެމްވީގެ އާގު ބޯޓު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ޖޫރިމަނާ ފައިސާ ބޯޓު ނިސްބަތްވާ ކުންފުނިން ސަރުކާރަށް ދައްކައިފި އެވެ.

އެ ފައިސާ ދައްކާފައިވަނީ "އެމްވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު، ކ. ރަސްފަރީ ފަރަށް އެރި މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާގެ މައްސަލަ ބޯޓުގެ ވެރިފަރާތުން އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމުން މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް އެންގުމާ ގުޅިގެންނެވެ.

"ބޯޓުގެ ވެރިފަރާތާއެކު އީޕީއޭ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު ޖޫރިމަނާ ފައިސާ އާއި ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ވަނީ ޖަމާކޮށްދީފައި،" އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި މިއީ ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އެ ފައިސާގެ އިތުރުން ތިމާވެށްޓަށް ލިބޭ މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭ ގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފަ އެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއެކު އެއްބަސްވި ގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ.

އެ ފަރުގައިވާ މުރަކައިގެ ބަގީޗާގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާ އާއި މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.

މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު އެ ބޯޓް ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނަސަންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. ފަރަށް އެރިއިރު އެ ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.