2 ޑިސެންބަރު 2021 - 10:14 0
އަމަން ހަލީމް
ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގަން ކަނޑައެޅި ކ. ގާފަރުފަޅު. -- ފޮޓޯ: ގޫގްލްއާތު
2 ޑިސެންބަރު 2021 - 10:14 0
ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދުތަކުގެ ގޮތުގައި ކ. ގާފަރުފަޅާއި ސ. ހަންކެޑެ ކަނޑައަޅައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ހާއްސަ ގަރާރަކުން މި ތަންތަން ހަވާލުކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ އެވެ. އަދި ރިއަލް އެސްޓޭޓުގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގެ ބިން ހިއްކުމާއި، ކުއްޔަށް ދިނުމުގެ ކަންކަން ކުރާނީ މި ކޯޕަރޭޝަނުންނެވެ.
ރާއްޖޭގައި ދިރިއުޅެން ބޭނުންވާ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ މި ރިއަލް އެސްޓޭޓް ޓޫޜިޒަމް ޕްރޮޖެކްޓުގެ ދަށުން، އިންޓަގްރޭޓަޑް ޓޫރިމަށް މޮޑެލް އަދި ޕްރިއިވެޓް އައިލެންޑް މޮޑެލްގެ ތެރެއިން ސެކަންޑް ހޯމް ޕްރޮގްރާމްތައް ހިންގިގެން ދާނެ އެވެ.
މިގޮތުން ގާފަރުފަޅު ތަރައްގީކުރަނީ ޕްރައިވެޓް އައިލެންޑް މޮޑެލްގެ ދަށުންނެވެ. އަދި ހަންކެޑެ ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިންނެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ.
އޭގެ ތެރެއިން 7.8 ބިލިއަން ރުފިޔާ އަކީ ޓޫރިޒަމް އިންޑަސްޓްރީން ލިބޭނެ އާމްދަނީގެ ގޮތުގައި ހިމަނާފައިވާ އަދަދެކެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އެކި ސަބަބުތަކާހުރެ ފެށިފައެއްނުވެ އެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތައް ދޫކުރެވޭނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށެވެ. އެގޮތުން މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް މިއަހަރު ހަތަރު ރަށެއް ދޫކުރުމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އެމްއެފްއެމްސީ އިން އަމިއްލަ ކުންފުނިތަކަށް ރަށް ތަރައްގީކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގުމުގެ ފުރުސަތު ދެވޭނެ އެވެ. އެރަށްތައް ތަރައްގީކުރުމަށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ނުވަތަ އެމްއެފްއެމްސީ އިން ފައިނޭންސް ދޭގޮތަށްވެސް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.
ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް ރާވައިފައިވާ ގޮތުން މި ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނީ މި ވިޔަފާރިން އެމްއެފްއެމްސީއަށްވާ ފައިދާއިން ދައުލަތަށް ދޭ ޑިވިޑެންޑުގެ މިންވަރަކުންނެވެ.
މިއަހަރު އެމްއެފްއެމްސީއަށް އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 231.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައި ވެއެވެ.
Comment