Advertisement

ހައިކޯޓުގެ ގޮފިތައް އުވާލަން އޭޖީން ބިލެއް އެކުލަވާލައިފި

10 ނޮވެންބަރު 2021 - 11:16 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ހައިކޯޓުގެ ގޮފިތައް އުވާލަން އޭޖީއިން ހުށަހަޅައިފި


ހައިކޯޓުގެ ގޮފިތައް އުވާލަން އޭޖީން ބިލެއް އެކުލަވާލައިފި

10 ނޮވެންބަރު 2021 - 11:16 0

އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީ)އިން ބިލެއް އެކުލަވާލައި, ރައީސް އޮފީހަށް ފޮނުވައިފި އެވެ.

މިދިޔަ އޯގަސްޓު 16، ގައި ފެށި މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އޭޖީން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާ ގުޅޭ ބިލުތަކާއި އިގުތިސޯދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެ އެވެ.

މި މަހުގެ ކުރީކޮޅު އޭޖީން ވަނީ ހަތަރު ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. މިއަދު އެ އޮފީހުން ވަނީ އެ ހަތަރު ބިލްގެ ތަފްސީލްތައް އާންމުކޮށްފަ އެވެ.

ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު

މި ބިލުގެ ދަށުން އޭޖީން ހުށަހަޅާފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށްޓަކައި، ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލުމަށެވެ.

އޭޖީން ދެކޭ ގޮތުގައި ދެކުނުގައިވާ އައްޑުއަތޮޅު ހުޅުމީދޫ ގޮފި، އަދި އުތުރުގައިވާ ކުޅުދުއްފުށީ ގޮފި، އުވާލަން ޖެހެނީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެވެ.

އެއީ ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހްތިސާސްއާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރު ކުރުމަށްޓަކައި ކަަމަށް އެ އޮފީހުން ބުނެ އެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމެވުމެއްގެ މަތިން ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 16 ޑިސެމްބަރ 2015 އެވެ. އުތުރުގޮފި ހުޅުވުނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ. އުތުރު ގޮފީން ބައްލަވަމުން ގެންދާނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމަވާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

މިހާރު މި ދެ ގޮފި ހިންގަނީ އެކި ދުވަސްވަރު ފަނޑިޔާރުންގެ ވަފުދުތައް އެ ދެ ގޮއްޕަށް ޒިޔާރަތް ކުރައްވައިގެންނެވެ. އެތަނުގައި ދާއިމަށް ފަނޑިޔާރުން ނުތިއްބަވަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލު

އޭޖީން ބުނާ ގޮތުގައި މިއީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށް ހުށަހަޅާ ބިލެއް ކަމަށެވެ.

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު

އޭޖީން ބުނީ މި ބިލަކީ ދެމެހެއްޓެނިވި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ހުށަހަޅާ ބިލެއް ކަމަށެވެ.

މި ބިލުގެ ދަށުން އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާ ގުޅޭ އުސޫލުތައް ކަނޑައެޅިގެން ދާނެ ކަން އެ އޮފީހުން ފާހަގަކުރެ އެވެ. އަދި މިއީ ރާއްޖެއިން ބައިވެރިވެފައިވާ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލި ބިލެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް އިިސަލާހު ގެނައުމުގެ ބިލު

އޭޖީން ބުނާ ގޮތުގައި މި ބިލް ހުށަހަޅަނީ ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށެވެ. އަދި އެ ހިދުމަތް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެވެ.