3 ނޮވެންބަރު 2021 - 08:58 0
ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗަށް ފަހު ޗެތުރީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
3 ނޮވެންބަރު 2021 - 08:58 0
އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އަށް އިންޑިއާގެ މޭޖާ ދްޔާން ޗާންދް ކޭލް ރަތުނާ އެވޯޑް ވަނީ ދޭން ނިންމައިފި އެވެ.
މިއީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާސް އިން ދޭ އެވޯޑެކެވެ. މިއީ އިންޑިއާގެ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑެވެ. އަދި ޗެތުރީ މި އެވޯޑް ހޯދުމާ އެކު އޭނާ ވަނީ ތާރީހީ ރެކޯޑެއް ގާއިމްކުރެވިފަ އެވެ. ޗެތުރީ އަކީ މި ޝަރަފްވެރި އެވޯޑް ހޯދި ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.
އޮލިމްޕިކްސްގައި މެޑަލް ގެނައި އިންޑިއާ އެތުލީޓުން ހިމެނޭ ގޮތަށް މި ފަހަރު ރަތުނާ އެވޯޑް 12 ކުޅިވަރު ތަރިއަކަށް ދޭން ވަނީ ނިންމައިފަ އެވެ.
އެންމެ ފުރަތަމަ 1991 ވަނަ އަހަރު ދޭން ފެށި މި އެވޯޑް އެންމެ ގިނައިން ލިބިފައިހުރީ އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިންނަށެވެ. އެ ގޮތުން އެތުލެޓިކްސްގެ ފީލްޑް އިވެންޓްތަކާއި ޗެސް އާއި ބެޑްމިންޓަން ކުޅުންތެރިންނަށް ވަނީ މީގެ ކުރިން މި އެވޯޑް ލިބިފަ އެވެ.
އެ އެވޯޑް ހޯދި ފަހުގެ ޖީލުތަކުގެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ބަލާއިރު އިންޑިއާގެ ކްރިކެޓް ތަރިން ކަމަށްވާ ސަޗިން ޓެންޑުލްކާ، މަހިންދުރަ ސިންގް ދޯނީ، ވިރާތު ކޯލީ އަދި ރޯހިތު ޝަރްމާގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ސައިނާ ނޭވާލް އަދި ޕީވީ ސިންދޫގެ އިތުރުން ޓެނިސް ތަރި ސާނިއާ މިރްޒާގެ ނަން ފާހަގަކޮށްލެވެ އެވެ.
އުމުރުން 37 އަހަރުގެ ޗެތުރީ އަށް މި އެވޯޑް ދޭން ނިންމީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިވިޖުއަލް ކާމިޔާބީތަކަށް ބަލާއިރު، މިދިޔަ އަހަރެއްހާ ދުވަސްތެރޭ އޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީ އެވެ. އެ ގޮތުން މިދިޔަ މަހު މާލޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހާސިލްކުރީ ޗެތުރީ އެވެ. އިންޑިއާ އިން މުބާރާތް ކާމިޔާބު ކުރުމުގައި ޗެތުރީގެ ދައުރު ވަރަށް ބޮޑެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖެހި ގޯލުތަކާ އެކު ޗެތުރީ ވަނީ ގައުމީ ޓީމަށް 125 މެޗުން 80 ގޯލު ޖަހައިފަ އެވެ. ޗެތުރީ ވަނީ ލިއޮނަލް މެސީ އާޖެންޓީނާ އަށް ޖެހި ވަރަށް އިންޑިއާ ގައުމީ ޓީމަށް ގޯލު ޖަަހައިދީފަ އެވެ. އަދި ލެޖެންޑަރީ ފުޓްބޯޅަ ތަރި ޕެލޭ، ބްރެޒިލް ގައުމީ ޓީމަށް ގޯލު ޖެހި އަދަދަށް ވުރެން ގިނައިން ޗެތުރީ ވަނީ އިންޑިއާ އަށް ގޯލު ޖަހައިދީފަ އެވެ.
ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު ވެސް ޗެތުރީ އަކީ އާދަޔާހިލާފަށް ގޯލާ ރަށްޓެހި ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އަށް އިރުޝާދުދޭ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ.
Comment