18 އޮކްޓޯބަރު 2021 - 00:51 0
ހަސަން މުހައްމަދު
ރައީސް ސޯލިހު މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރު އޮތީ ދަރިވަރުންގެ ފަހަތުގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް
18 އޮކްޓޯބަރު 2021 - 00:51 0
އާ އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ދަރިވަރުންގެ ސިކުނޑީގައި ތަރައްގީ ކުރަން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެދިވަޑައިގެންފި އެވެ.
މިރޭ ބޭއްވި 2019 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން އެންމެ މޮޅު ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަމައެކަނި ސެޓްފިކެޓެއް ހޯދުމުގެ ބޭނުމުގައި ތައުލީމު ހާސިލް ކުރުން ބުއްދިވެރި ނޫން ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، ތައުލީމީ މަރުހަލާތައް ނިންމައިލުމަށްފަހު، ވަޒީފާގެ ފަހަތުން ދުވާ ޒުވާނުން. ސަބަބަކީ ވަކި ވަޒީފާއަކަށް އަމާޒުކޮށް، ހަމައެކަނި ސެޓްފިކެޓެއް ހާސިލުކުރުމަށްޓަކައި، ތައުލީމީ ހަޔާތުގެ ދުވަސްތައް ހޭދަކޮށްލެވޭކަން. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ، އައު އުފެއްދުންތައް އީޖާދުކުރާނެ ވިސްނުން ސިކުނޑީގައި ތަރައްގީ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ ވަޒީފާ އާއި މުސާރަ ދަރިވަރުންގެ ފަހަތުން އަންނަ ފަދަ ބަޔަކަށްވުމަށް މަސައްކަތް ކުރުމަށެވެ.
"ތިޔަކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި، މުސާރައިގެ ފުރުޞަތުތައް، ތިޔަކުދިންގެ ފަހަތުން އަންނަފަދަ ބަޔަކަށްވުމަށް. ވަކި ވަޒީފާއަކަށް ވިސްނުން ބެހެއްޓުމުގެ ބަދަލުގައި، ތިޔަކުދިންގެ ވިސްނުން އަމާޒުކުރަންވީ، އެ ކުއްޖެއްގެ ކިބައިގައި ހުރި ހުނަރާއި، ފަންނުވެރިކަމުގެ ދާއިރާއިން، އީޖާދީ ވިސްނުންތައް ތަރައްޤީ ކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ހަމައެކަނި ފޮތުން އުނގެނުމުގެ ބަދަލުގައި، ކުދިންގެ ފަންނުވެރި ހުނަރު ތުއްތު އިރުން ފެށިގެން ތަރައްގީ ކުރުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން ރައީސް އެދިވަޑައިގަތެވެ.
"ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ތިޔަ އިއްޒަތްތެރި ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ތިޔަބޭފުޅުންގެ ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްގީކޮށްދެއްވުމަށް. އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ދަރިވަރުން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު މިހާރު ރާއްޖެއިން ފަހިވެފައި އޮންނާނެ ކަމަށާއި ސަރުކާރު އޮތީ ދަރިވަރުން ބޭނުންވާ ރޮނގަކުން ކުރިއަށްދިޔުމަށް ސަޕޯޓު ދޭން ތައްޔާރަށް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment