Advertisement

ތާނަ ކިޔުމާ ލިޔުން ފަރިތަކުރުމަށް ކުޑަ އެހީއެއް

18 އޮކްޓޯބަރު 2021 - 04:59 1

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް


ތާނަ ކިޔުމާ ލިޔުން ފަރިތަކުރުމަށް ކުޑަ އެހީއެއް

18 އޮކްޓޯބަރު 2021 - 04:59 1

ކީ ސްޓޭޖް އެކަކާ ހިސާބަށް އަންނައިރުވެސް ދަރިފުޅަށް ރަނގަޅަށް އަކުރުތައް ދަސްނުވުމަކީ ގިނަ މައިންބަފައިން ނިކަން ހާސްވެ ކަންބޮޑުވާ ކަމެކެވެ. އެކި ކަންކަމުގައި މައިންބަފައިން ދުވާލުގެ ގިނަ ވަގުތު މި ހޭދަކުރަނީ އަވަދިނެތި އެވެ. މިހެން އުޅޭއިރު، މި އުމުރުގެ ދަރިންނާއި އެކީ ގޭގައި ކިޔެވުމަށް ހުސްކުރެވެނީ ވަރަށް މަދު ވަގުތު ކޮޅެކެވެ. ބޮޑަށް ހީވެފައި އޮންނަނީވެސް އުނގަންނައިދިނުމަކީ ހަމައެކަނި ސްކޫލުގައި ކުރަން ޖެހޭނެ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި މައިންބަފައިން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑުވެފައި މުހިންމެވެ.

އިސްކަންދަރު ސްކޫލުގައި ފާއިތުވި ދިހަ އަހަރު ދިވެހި ކިޔަވައިދެމުން އަންނަ ޒުހެއިރާ އިސްމާއިލް މި ކިޔައިދެނީ އޭނާގެ ކްލާސް ރޫމްތަކުގެ ތަޖުރިބާގައި ތާނަ ދަސްކުރުމަށް ގޭގައި ކުރެވިދާނެ ކަންކަމެވެ.

ގޭގައި ދިވެހި ބަހުން ކުދިންނާ ވާހަކަ ދައްކަން އިސްކަންދީ

ދިރާސާތަކުން އެނގޭ ގޮތުގައި ކުދިން އެންމެ ގިނައިން ބަސް ދަސްކުރަނީ އުމުރުން ދެ އަހަރާއި ފަސް އަހަރާއި ދެމެދުގަ އެވެ. މި އުމުރުގެ ގިނަ ވަގުތުތަކެއް ކުދިން ހޭދަކުރާނީ ގޭގައި މައިންބަފައިން ނުވަތަ ބެލެނިވެރިންނާ އެކުގަ އެވެ. ޒުހެއިރާ ވިދާޅުވާ ގޮތުގައި މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި އެންމެ މުހިންމީ ގޭގައި ވީހާވެސް ގިނައިން ކުދީންނާ ދިވެހި ބަހުން ވާހަކަ ދެއްކުމެވެ.

"ދިރާސާތަކުން ދައްކާ ގޮތުން ކުއްޖާ މާދަރީ ބަހަށް މޮޅުވީމަ އެހެން ބަސްތަކުންވެސް އެއްޗެހި ދަސްކުރަން އެބަ ފަސޭހަވޭ," ޒުހެއިރާ ވިދާޅުވި އެވެ.

މިހާރު ބޮޑުވަމުން އަންނަ ދިވެހި ބައެއް ކުދިން، މާދިރީ ބަހަށް ފަރިތަނުވުމުގެ ސަބަބުން، ދިވެހި ގަޑީގައިވެސް ޓީޗަރު ވިދާޅުވާ ބައެއް ކަންކަން ދަރިވަރުންނަށް ފަހުމު ނުވެގެން، އިނގިރޭސިން ބުނެދޭން ޖެހިފައި އެބަހުއްޓެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެންވެ، ދިވެހި ބަސްކޮށާރަށް ކުދިން ފަރިތަކޮށް އަދި ދިވެހި ބަހަށް ޝައުގުވެރިކުރުމަށްޓަކައި ވީހާވެސް ގިނައިން ގޭގައި ދިވެހި ބަހުން ވާހަކަ ދައްކަން ޖެހެ އެވެ.

އަކުރުތަކާއި އަޑު އަހަރެއް ނުވަނީސް ކިޔައިދޭން ފެށިދާނެ

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އަދި އެ ކުއްޖެއްގެ ބަސްމޮށުންތެރިކަން ތަރައްގީވެގެން އަންނާނީވެސް ތަފާތު ސްޕީޑްތަކުގަ އެވެ. ކުއްޖާ ވާހަކަ ދެއްކުން ލަސްވިޔަސް، ކަނުލާ އަޑުއަހައިގެން އިންނަން ފެށުމާއެކު އަކުރުތައް ދައްކާ، އެ އަކުރު ތަކުގެ އަޑު އިއްވައިދިނުމަކީ ބަސް ދަސްކުރަން ފެށުމުގެ ފުރަތަމަ މަރުހަލާ އެވެ.

މިގޮތުން ކޮޓަރީގައި ވިޔަސް ނުވަތަ ކުއްޖާ އެނޫންވެސް ގިނަ ވަގުތުތަކެއް ހޭދަ ކުރާ ތަނެއްގައި ފެންނަހެން އަކުރުތައް ބެހެއްޓުމަކީ އަވަހަށް އެ އަކުރުތައް ދަސްކޮށްދިނުމަށްޓަކައި ކުރެވޭނެ ކަމެކެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި ގާތްގަނޑަކަށް ދަރިފުޅަށް ނުވަ މަހުގައި ހަމަ އަތްމަތީ ބައިންދައިގެން ފުރަތަމަ ދަރިފުޅަށް އަކުރުތައް ދައްކަން ފެށީ. ފުރަތަމަ ފެށީ އަލިފް ބާ އިން، ހަމަ އަކުރުތަކާއި އެ އަކުރުތަކުގެ އަޑު ކިޔައިދެނީ. ށ ށަވިޔަނީ، ނ އިން ނާށި... އެ ގޮތަށް،" ބަހަކީ އަޑުއަހައިންވެސް ދަސްވާނޭ އެއްޗެއްކަން ފާހަގަކުރަމުން ޒުހެއިރާ ވިދާޅުވި އެވެ.

ހުރިހާ އަކުރެއް އެއްކޮށް ކިޔުމުގެ ބަދަލުގައި ބަހާލާ

ކްލާހުގައި އަކުރު ކިޔަވާދޭއިރު ޒުހެއިރާ ގެންގުޅޭ އެންމެ މުހިންމު އެއް އުކުޅަކީ ހުރިހާ އަކުރެއް އެއްކޮށް ކިޔައިދިނުމުގެ ބަދަލުގައި އަކުރުތައް ބަހާލައިގެން ކިޔައިދިނުމެވެ. މިގޮތުން އެއްވައްތަރު އަކުރުތައް އެއްކޮށް ދަސްކޮށްދިނުމުން އަކުރުތައް އަވަހަށް ދަސްވެފައި ހަނދާން ބަހައްޓަންވެސް ފަސޭހަވާނޭ ކަމަށް ޒުހެއިރާ ވިދާޅުވި އެވެ.

މިގޮތުން އެއް ގްރޫޕަކީ ހ، އ، ކ އެވެ. އަޑު ތަފާތުވިޔަސް މި ތިން އަކުރު ލިޔުމުގައި ދާދި އެއްގޮތްކަމެއް ހުރެ އެވެ. ހަމަ އެގޮތަށް ރ، ޒ،/ ގ،ދ،ޖ އަދި ތ،ޗ ފަދަ އަކުރުތައްވެސް ޒުހެއިރާ ވިދާޅުވި އެވެ.

"އެއީ އަސްލު ކުދިންނަށް ވިޔަނި އަކުރުތައް ދަސްކުރަން ވަރަށް އުނދަގޫވާނެ. އެކަމަކު މިގޮތަށް ދަސްކުރީމަ ވިޔަނި އަކުރުމަތިން ހަނދާންކުރަން ފަސޭހަވޭ," ޒުހެއިރާ ގެންގުޅުއްވާ އުކުޅުތައް ހިއްސާކުރެއްވެވި އެވެ.

ފިލި ދަސްކޮށްދޭއިރުވެސް އަބަފިއްޔާ އާބާފިއްޔާ އެކީގައި ދަސްކުރުމުން ކުދިންނަށް ވަރަށް ފަސޭހަވާކަމަށް ޒުހެއިރާ ވިދާޅުވި އެވެ.

ލިޔަން ދަސްކުރުމުގައި ކުދިކުދި ކަންކަމަށްވެސް ސަމާލުކަންދޭން ޖެހޭ

ޒުހެއިރާ އެންމެ ހިތާމައާއެކު ފާހަގަކުރި އެއްކަމަކީ ކުދިން ތާނަ ލިޔާއިރުވެސް އިނގިރޭސި ލިޔާ ގޮތަށް ފޮތް ބޭއްވުމެވެ. ކްލާހުގައި ކިޔައިދިން ނަމަވެސް ވަކި ގޮތަކަން ހޭނި ބައްޓަންވެގެން ސްކޫލާއި ހިސާބަށް އަންނައިރު ބައެއް ކުދިންނަށް މިގޮތަށް މިކަން ކުރަންވެސް އުނދަގޫވާ ކަމަށް ޒުހެއިރާ ވިދާޅުވި އެވެ. ތާނާ ލިޔާއިރު ފޮތް ކުރިމައްޗަށް ބޭއްވުމުން އަކުރު ލިޔާ ބައްޓަން ބަދަލުވެ އަކުރުތައް ގިނައިން ހުންނަނީ ވެއްޓިފައި ކަމަށް ޒުހެއިރާ ބުންޏެވެ. އެހެންކަމުން އެންމެ ކުޑައިރު ލިޔަން ފަށާ އުމުރުގައިވެސް ކަނާތުން ވާތަށް ވާ ގޮތަށް ފޮތް ބޭއްވުމަށްފަހު ލިޔަން ފަރިތަކުރުވުމަށް ޒުހެއިރާ އެދެ އެވެ.

ޝައުގުވެރިވާނޭ ކަހަލަ ގޮތަކަށް އުނގަންނައިދީ

އެހާ ޅައުމުރުގައި މިފަދައިން ބަސް އުނގަންނައިދޭން މަސައްކަތްކުރާއިރު ވީހާވެސް ކުދިން ޝައުގުވެރި ވާނެ ގޮތަކަށް އުނގެނުން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. ކްލާހުގައި އަކުރު ކިޔައިދޭ އިރުވެސް، ކުދިން ހެއްވާ މަޖާކޮށްލާ ފަދަ ހަރަކާތްތަކާއެކު ފިލާވަޅު ނަގައިދެވޭތޯ ޒުހެއިރާ މަސައްކަތް ކުރައްވަ އެވެ. އެހެންކަމުން ގޭގައިވެސް އަކުރު ދަސްކޮށްދޭނަމަ އެ އަކުރަކުން ފެށޭ އެއްޗެހި ކުދިންނަށް ދައްކާ، ތަފާތު ވާހަކައާއި ކުޅިވަރުތަކުން ކުދިންނަށް ބަސް ދަސްކޮށްދިނުން މުހިންމެެވެ. ވީހާވެސް ބޮޑަށް ކުދިންގެ މިޒާޖު ދެނެގަނެ ކުދިންނާ ބައިވެރިވެގެން ކިޔަވައިދިނުމަކީ އެކަމަށް ކުދިންގެ ހިތުގައި ލޯބި ޖެހޭނެ ކަމެކެވެ.