Advertisement

ލޯންޗު ހާދިސާ: މަންމަ މަރުވެއްޖެ، ދަރިފުޅު އަދި ނުފެނޭ

16 އޮކްޓޯބަރު 2021 - 18:51 4

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މަރުވި ނާހިދާ: އޭނާގެ ދަރިފުޅު އަދިވެސް ނުހޯދޭ


ލޯންޗު ހާދިސާ: މަންމަ މަރުވެއްޖެ، ދަރިފުޅު އަދި ނުފެނޭ

16 އޮކްޓޯބަރު 2021 - 18:51 4

މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ކަނޑަށް ވެއްޓުނު އަންހެނަކު މަރުވެއްޖެ އެވެ.

އޭނާއާ އެކު ކަނޑަށް ވެއްޓުނު އޭނާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އަދި ނުފެނެ އެވެ. އަނެއް ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލުނީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ލޯންޗު މިހާރު ވަނީ އެންމެ ކައިރީގައި އޮތް ކ. ގުރައިދޫ ފަޅުތެރެއަށް ވައްދައިފަ އެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ އަންހެން މީހާ ގުރައިދޫ ހެލްތު ސެންޓަރަށް ގެނައިއިރު އޮތީ މަރުވެފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި 13 މީހުން ދަތުރުކުރަމުން ދިޔަ އެވެ. ގުރައިދޫ ހެލްތު ސެންޓަރުން މިވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.

ހާދިސާގައި އިތުރު މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ޝަލީޒް ވިދާޅުވި އެވެ.


ފުލުހުން ބުނީ އެ ކުއްޖާގެ އިތުރުން އިތުރު ދެ މީހަކު ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓް ކައިރިން ނެގި ރާޅެއްގައި ޖެހިގެން ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ހުރި މީހަކު ބުނި ގޮތުގައި ހާދިސާ ހިނގީ ލޯންޗުގެ ތެރެއަށް ރާޅެއް އަރައި, ލޯންޗު އަރިއަޅާލި ވަގުތު, ކުއްޖާ ބޭރަށް ވިއްސައިގެން ގޮހެވެ. ކުއްޖާއާއެކު އެ ކުއްޖާގެ މަންމަ ވެސް ލޯންޗުން ކަނޑަށް ވެއްޓުނެވެ.

އެ އަންހެން މީހާ, ގުރައިދޫއަށް ގެނައިއިރު އޮތީ ވަރަށް ބޮޑަށް ލޮނު ބޮވިފައި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

ލޯންޗުގައި ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައި ނެތެވެ.

މިއީ މިއަދު ކަނޑުމަތީގައި ހިނގައިދިޔަ މިފަދަ ދެވަނަ ހާދިސާ އެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އެމްޕީއެލްގެ ޕައިލެޓް ބޯޓެއްގެ ހަލް ފަޅައިގެންދިޔުމުގެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ.

މިއަދަކީ އިންތިހާ އަށް ވައިގަދަ، ވިއްސާރަ ދުވަހެއް ކަމުން އެމްއެންޑީއެފުން އަންނަނީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ނަސޭހަތްތެރިވަމުންނެވެ.