Advertisement

ދިގުވާހަކަ: ކުށްހީ

13 އޮކްޓޯބަރު 2021 - 09:18 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ކުށްހީ

13 އޮކްޓޯބަރު 2021 - 09:18 1

(ފުރަތަމަ ބަޔާ ގުޅޭ)

"އަހަންނަށް ފެންނަ ގޮތުގައި ހަބީބަކީ ވަރަށް އަހުލާގު ރަނގަޅު މީހެއް. އަހަންނަކަށް ނޭނގެ ހަބީބުގެ ޕަރސަނަލް ކަން ކަމެއް. އަހަރުމެންގެ ގުޅުން އޮންނަނީ ހަމައެކަނި ޕްރޮފެޝަނަލް ދާއިރާގައި. އެކަކު އަނެއްކަކަށް ޒާތީ ވާހަކަ ހިއްސާނުކުރެވޭ. އަހަރުމެން ދިމާވެފައި މި ހޭދަވި ދިގު މުއްދަތުގައި ވެސް ކަންއޮތީ އެހެން. އެކަމަކު ހަބީބަކީ އަހަރެންގެ ވަރަށް ގާތްމީހެއް. އޭނާ ވެސް އެ ގޮތަށް ދެކޭކަން އެނގޭ. އަހަންނަކީ އެމީހަކު ބެހެއްޓު ހިސާބެއްގައި ހުންނާނެ މީހެއް."

އަރީޝްގެ އިބާރާތްތަކުގައި ބަދަހިކަމާއި ފަށުއި ގޮތްތައް ހުންނާތީ އަހަންނަށް ދެފަހަރަކު އިބާރާތްތައް ކިޔައިލަން ވެސް ޖެހެ އެވެ. އެހެންވެ އަރީޝްގެ ޖުމުލަ ދެ ފަހަރަށް ކިޔައިލީމެވެ. އެހައި ހިސާބުން އަމިއްލަ ނަފުސަށް މަލާމާތްކުރެވެން ފެށުނެވެ. ހަބީބާމެދު ނުނަޒަރަކުން ދެކެވުނީތީ އެވެ. އެ ވާހަކަ އޭނާގެ އެކުވެރިޔާއަށް ހިއްސާކުރެވުނީތީ އެވެ.

"ދެން އެ ވާހަކަ ބާއްވަމާ ދޯ. އެއީ އަހަންނަށް ކުރެވުނު ހީއެއް. ކުށް ހީއެއް." އަހަރެން ލިޔެލުމަށްފަހު ފޮނުވާލުމުގެ ކުރިން ކިޔައިލީމެވެ.

"އަހަންނަށް ހީވަނީ މައްސަލަތަކެއް އުޅޭހެން. އަހަރެން ވަރަށް ދެރަވާނެ އަހަރެންގެ ސަބަބުން ތިޔަ ދެމަފިރިންގެ ގުޅުމަށް ހިޔަނި އެޅިއްޖެނަމަ. މިބުނީ ހަބީބާއި އަހަރުމެން ދެ މީހުން ޖެހި ސަކަރާތެއް ވިހަވެ ވަލު ކުއްތާއެއް ފަދައިން އެކުވެރިޔާގެ ކައިވެންޏަށް ވައްވައް ޖަހައިގެންފި ނަމަ،" އަރީޝް ބުނަން އުޅުނު ވާހަކަ ފުރިހަމަ ނުވާތީ އޭނާ އިތުރު ވާހަކައެއް ލިޔަމުންދާކަން ފެންނަމުން ދިޔަ އެވެ. "މި ބުނީ އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ހަމަ މަގަށް އެޅުވުމަކީ އަހަރެންގެ ވެސް ޒިންމާއެއް ކަމަށް އަހަރެން މި ދެކެނީ."

އަރީޝްގެ މެސެޖު އަހަރެން ކިޔައިލީމެވެ. ބަދަލުގައި ލިޔާންވީ ކީކޭކަން ނުވިސްނިފައި އިނދެވުނެވެ. ހަބީބު ބުނާ ގޮތަށް އަރީޝަކީ އެކުވެރިންނަށް އޯގާތެރި މީހެއްކަން އަހަންނަށް ވިސްނެން ފެށުނެވެ. އޭނާގެ ވާހަކައިގެ އަމާޒު ސާފެވެ. ސީދަލެވެ. އެ ވާހަކަތަކުން ދޮގުގެ ވަހެއް ނުދުވަ އެވެ. ހިޔާލުތައް ކަފިކަފިވާ ތަނެއް ނުފެނެ އެވެ. އެހެންވީއިރު އަހަންނަށް މިހެން ވިސްނެންވީ ކީއްވެ ހެއްޔެވެ؟ އަހަންނަށް މިގޮތަށް އިހުސާސްކުރެވެން ޖެހުނީ ކީއްވެ ހެއްޔެވެ؟ އެކަމުގައި އަހަރެންގެ ކުށެއް އެބަ އޮތް ހެއްޔެވެ؟

"އަހަންނަށް ނުބައިކޮށް ވިސްނުނީ." އަހަރެން ލިޔެލީމެވެ.

"މިސްޓޭކެއް ހެދިދާނެ. ގޯސްކަމެއް ކުރެވިދާނެ. އަހަރުމެންނަކީ އިންސާނުން. އިންސާނުންވީމަ މިސްޓޭކު ވެސް ހެދޭނެ. ކުށް ވެސް ކުރެވޭނެ. އެއީ މައްސަލައެއް ނޫން. ކޮންމެ ދިރިއުޅުމަކީ ސީދާ ރޮނގެއް ނޫން. ހުދު ކަރުދާސްކޮޅެއް ނޫން. އެކަމަކު ކޮންމެ ދިރިއުޅުމެއް ސީދާ ކުރެވިދާނެ. ތެދު ރޮނގެއް ހެން ސާފުމަގެއް ކުރަހައިލެވިދާނެ. ބޭނުންވަނީ އެކަކު އަނެއްކަކަށް އިތުބާރުކުރުން. ހިއްސާކުރުން. ކުށް ހީތަކުން ދުރުހެލިވުން. ގޮތް ދޫކުރުން. ބޯހަރުކަން ދޫކޮށްލުން. އޭރުން ކަޅު އަނދިރި ކަނޑެއްގައި ފަތަން ޖެހުނަސް، ފެންނާނީ އަމާންކޮށް. ސީދާކޮށް. ބޯކިރު ކޮޅެއް ފަދަ ކަރުދާސްކޮޅެއް ސިފައިގަ."

އަރީޝްގެ ޖަވާބު އަހަރެން ކިޔައިލީމެވެ. ހީވީ އޭނާއަށް އަހަރެންގެ މިޒާޖާއި ގޮތްފޮތް ސާފުވެފައިވާހެންނެވެ. އަނެއްކާ ހަބީބު ހުރިހާ ވާހަކައެއް އޭނާއަށް ހިއްސާކުރީ ހެއްޔެވެ؟ އަހަރުމެންގެ ދިރިއުޅުމުގައި ކުނި ޖެހި ވަރި ފަށަށް އެރިކަން ކިޔައިދިނީ ހެއްޔެވެ؟ ހަބީބު އެ ކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ އޭނާއަކީ ދިރިއުޅުމުގެ ވާހަކަތައް މީހުންނާ ހިއްސާކުރާ މީހެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އެ ކަހަލަ މީހެއް ނޫނެވެ. އަހަރުމެންގެ ދިރުއުޅުމުގެ ރޮނގު ކުރެހެމުން ދިޔަ ގޮތާ މެދު އޭނާގެ ފަރާތުން އެއްވެސް ޝަކުވާއެއް ކުރިކަން އިވިފައެއް ނެތެވެ. މީހަކު ގާތު އެ ކަހަލަ ވާހަކައެއް ދެއްކި ކަން ވެސް އެނގޭކަށް ނެތެވެ. އެއީ އެއަށްވުރެ ބޮޑަށް ސިއްރު ހިފަހައްޓާ މީހެކެވެ. ދިރިއުޅުމުގެ ކަންކަން އަމުދުން މީހުންނާ ހިއްސާ ކުރާ މީހެއް ނޫނެވެ.

ފިރިއެއްގެ ހައިސިއްޔަތުން އޭނާ ކޮށްދޭން ޖެހޭ ހުރިހާ ކަމެއް އަހަންނަށް ބަރާބަރަށް ކޮށްދެ އެވެ. ދަރިންނަށް ވެސް އަޅައިލައެވެ. ވަގުތު ދެއެވެ. އެއީ ދަރިންނަށް އެންމެ ހެޔޮ ބައްޕައެކޭ ބުނެވޭ ވަރުވާނެއެވެ. ފުޓުބޯޅައަށް މަރުދިން ހަބީބު ހަވީރުގެ ކުޅުން ގުރުބާންކުރީ ސީދާ ދަރިންނަށް ޓަކައެވެ. އެކުދިން ގޮވައިގެން ސައިކަލް ބުރު ޖެހުމަށެވެ. ވަގުތު ހުސްކުރުމުގަ އެވެ.

ހަބީބަކީ އަނބިމީހާއަށް ޓަކައި އޭނާގެ އުފާތައް ގުރުބާންކުރި މީހެކޭ ވެސް ބުނެވިދާނެ އެވެ. އޭނާގެ އެކުވެރިންނާއި ގާތް ރަހުމަތްތެރިންނާ ދުރުވީ ސީދާ އަނބިމީހާއަށް ޓަކަ އެވެ. އަހަންނަށް ޓަކައެވެ. އަހަރެން ބުނެގެންނެވެ. އެކަން އަހަންނަށް އެނގެ އެވެ.

އޭނާއަކީ ކޮފީތަކަށް ދުވެ ނަގާ މީހެއް ނޫނެވެ. ރެސްޓޯރެންޓުތަކަށް ވަންނަ މީހެއް ނޫނެވެ. މި ޒަމާނުގެ ޒުވާނުން ކުރާ ކަހަލަ ފީ ކަޅާ ކަންކަން ކުރާ މީހެއް ނޫނެވެ. އެންމެ ކަމެއް ފިޔަވަ އެވެ. އޮންލައިން ގޭމު ކުޅުމެވެ. އޭނާ ބުނާ ގޮތުން ނަމަ އެއީ އޭނާގެ ހާސްކަން ފިލުވައިލުމުގެ އެހީތެރިޔާ އެވެ. ދިރިއުޅުމުގެ ދަތިކަން ބޮލުން ނެރެލަދޭ މިތުރެވެ. އެހެންވެ އަހަރެން ވެސް އެކަން މަނައެއް ނުކުރަމެވެ. ފާޑެއް ނުކިޔަމެވެ. އަހަންނަށް ވެސް އެއީ މައްސަލައަކަށް ނުވާތީ އެވެ.

އޭނާ ހެދި އެންމެ ބޮޑު ގޯހަކީ އަހަންނާ ސިއްރުން ނައްފައާ އިންނަން އުޅުމެވެ. ނައްފަގެ އަވާގައި ޖެހިގެން އޭނާގެ މަޅިއަށް މެހުމެވެ. އަހަރެން ޖަހައިލި ފުއްޓައްކާއެކު އެ ކަން ވެސް ހިމުން އަދުންކޮޅެއް ވައިގެ ތެރެއަށް ފޭދިގެންދާހެން ފޭދިގެން ދިޔައީ އެވެ. އެހައި ލޯބިވެގެން އެކަން ކުރާން ހަބީބު ގަދަފައި ވިއްދައިލިނަމަ އަހަންނަށް އެކަން ހުއްޓުވޭނެ ހެއްޔެވެ؟ އެ ބާރު އަހަންނަށް އޮންނާނެ ހެއްޔެވެ؟ އަހަރެން މީ ކާކު ހެއްޔެވެ؟ މިއަދު ވެސް ހަބީބުގެ ދިރިއުޅުމުން ނެރެލައިފި ނަމަ ރަށަށް ފުރާން ޖެހޭނީ ހުސް އަތާ އެވެ. ވީއިރު އަހަންނަށް އޭނާ ހުއްޓުވޭނެ ހެއްޔެވެ؟

ނޫނެކެވެ. އެއީ ފިރިހެނެކެވެ. އަހަންނަކީ ބާރެއް ނެތް ނިކަމެތި އަންހެނެކެވެ. އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ކިތައްމެ ބާރުވެރިކުރުވަން އުޅުނަސް އަހަރުމެންނަށް އެ ބާރުވެރިކަމެއް ނުލިބޭނެ އެވެ. އެއީ އަހަރެން ވިސްނާގޮތެވެ. އަހަރެން ގަބޫލުކުރާ ގޮތެވެ. ނަމަވެސް އަންހެނަކަށް ވީތީއޭ ކިޔައިފަ ޖަހައިހާ ބެރަކަށް ނެށުމަކީ އަހަރެން ގަބޫލުކުރާ ހަމައެއް ނޫނެވެ. ދިރިއުޅުމެއް ކާމިޔާބު ކުރުމުގައި އަންހެނުންގެ ހިއްސާ ބޮޑުވާނެ އެވެ. ފިރިމީހާ ގޯސްމަގުން ދާނަމަ އެ މަގުތައް ބަންދުކުރުމަކީ އަނބިންގެ ޒިންމާއެއް ކަމަށް އަހަރެން އަބަދުވެސް ގަބޫލުކުރަމެވެ.

"އަސްލު އަހަންނަށް ވިސްނޭ ގޮތުގައި ހަބީބަކީ ވަރަށް ނައިސް މީހެއް،" އަރީޝް އަނެއްކާ ވެސް މެސެޖުކޮށްލި އެވެ. "އޭނާގެ ޕަރސަނަލީޓީ ވަރަށް ވަރުގަދަ. އެކަމަކު ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގައި ޅަ އިހަލުން އެޅިދާނެ. ވިސްނަންވީ ހަރު އިހާ ބާއްވައިފަ ޅަ އިހަލުން އެޅެން މެދުވެރިވީ ކީއްވެތޯ؟"

އަރީޝް އެބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އަހަންނަށް ވިސްނައިލެވުނެވެ. މީހަކު ރީއްޗަށް ހުރެފައި ގޯހެއް ނުވާނެ އެވެ. މީހަކަށް ގޯހެއް ހެދޭނީ ވެސް އެތައް ކަމެއް، ހަޔާތުން އެތައް އެއްޗެއް މަދުވީމަ އެވެ. އެކަން އަހަރެން ވެސް ގަބޫލުކުރަމެވެ. ހަބީބަކީ ވެސް އިންސާނެކެވެ. އޭނާ ވެސް ކަންބޮޑުވާނެ އެވެ. ވިސްނާނެ އެވެ. ފިކުރުކުރާނެ އެވެ. އަމުދުން އޭނާގެ ވަޒީފާގެ ހައިސިއްޔަތުން ބޯ ގޮއްވާން ޖެހޭ އެތައް ކަމެއް ކުރިމަތިވާނެ އެވެ. އެކަންކަން އޭނާ ހިއްސާ ވެސް ކުރެ އެވެ.

އަހަރެން ކަހަލަ ގޭގައި އިންނަ އަނތްބަކަށް އެކަންކަން އިހްސާސް ކުރަމޭ ބުންނަސް ހަގީގަތުގައި އިހުސާސް ވެސް ނުކުރެވޭނެ އެވެ. ވަޒީފާގެ މާހައުލުގައި ކަންކަން ހިނގާގޮތެވެ. މީހުންނާ ގުޅިގެން މަސައްކަތްތައް ކުރާން ޖެހޭ ގޮތެވެ. ޒިންމާތަކާއި މަސްއޫލިއްޔަތުތަކެވެ. ފުންކޮށް ވިސްނައިލެވުނެވެ. އެހައި ހިސާބުން ކުރީގެ މާޒީގެ ފީތާތައް ނިއުޅެން ފެށުނެވެ. ހުރިހާ މަންޒަރުތަކެއް އެކުގައި އަހަރެންގެ ކުރިމައްޗަށް ތަރުތީބުވަމުން ދިޔަ އެވެ.

އެއީ ކައިވެނީ ކުރި އެވެ. ކައިވެނީގެ ވަލީމާ އެވެ. ލޯބިން އުޅުނު ރަން ޒަމާނެވެ. ދަރިއަކު ލިބުނު ދުވަހެވެ. ހަބީބުގެ މޫނުމަތިން ހިނިތުންވުން ނުފޮހެވި ހުރި މަންޒަރުތަކެވެ. އޭގެ ފަހުން ކަންތައްތައް ބަދަލުވި ގޮތެވެ. އަހަންނަށް ގޭގައި އެކަނި އިންނަން ޖެހުމުން ކުރިމަތިވި ހާސްކަމެވެ. އެކަނި ހޭދަކުރާން ޖެހުނު ދަތި ދުވަސްތަކެވެ.

އަހަރެން ވިސްނުމާއި ހަބީބުގެ މަންމަގެ ވިސްނުން ކަފިވި ހާދިސާތަކެވެ. ކުދިކުދިކަންކަން ބޮޑެތިވެގެން ދިޔަ ގޮތެވެ. މައިދައިތަގެ ކޮންމެ ހަރަކާތެއް އަހަންނަށް ގޯސްކޮށް މާނަކުރެވެން ފެށުނު ގޮތެވެ. އޭގެ ފަހުން މުޅީން ވެސް ކަންކަމާ މެދު ގޯސްކޮށް ވިސްނެން ފެށުނު ގޮތެވެ. އެހައި ހިސާބުން ހަބީބު ދެކެ ރުޅި އާދެވޭން ފެށުނެވެ. މަންމަގެ ދިފާއުގައި އޭނާ ބަސްބުނާތީ އެވެ. މަންމަގެ ގަދަރަށް އުނިކަމެއް ލިބިދާނެކަމަށް ބުނެ އެވެ.

އެކަންކަން ކޮޅެއްގައި ނުޖެހި ޒުވާބާ ހަމައަށް ގޮސް އަތްފައިން ގޯސް ހެދެން ފެށުނު ހާދިސާތަކެވެ. ދަރިން ގޮވައިގެން ގެއިން ނުކުމެގެން ދެވުނު ދުވަސްތަކެވެ. އެ ހުރިހާ ފަހަރެއްގައި ވެސް ގޮތް ދޫކޮށް ސުލުހައިގެ މަގު އިހުތިޔާރުކުރީ ހަބީބެވެ. އަހަރެން ބޭންދުމަށް ޓަކައި ކުއްޔަށް ގެއެއް ހިފީ އެވެ. އެކަނި އުޅޭނެ ގޮތްތައް ފަހިކޮށްދިނީ އެވެ. އަހަރެން ހީކުރީ މައިދައިތަގެ ފާޑު ކިޔުންތަކުން ސަލާމަތްވާނެ ކަމަށެވެ. މީހުންގެ ވަކިތަކުން އަހަރުމެންގެ ދިރިއުޅުން ރައްކާ ކުރެވޭނެ ކަމަށެވެ. ހަބީބު ވެސް އަހަންނާ އެކު މުޅި ދުވަހު އުޅޭނެ ކަމަށެވެ.

ނަމަވެސް ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ގޭގައި ހަބީބު ހޭދަކުރާ ވަގުތު މަދުވީ އެވެ. އޭނާއަށް ބުރަ ބޮޑުވީ އެވެ. އެއީ ވެސް ތެދެކެވެ. އެކަނި ދިރިއުޅުމެއް އުޅޭން ޖެހުމުން ޚަރަދުތައް އިތުރުވާނެތާ އެވެ. ކުލި ދައްކަން ޖެހޭނެ އެވެ. ގޭތެރޭގެ ހަރަދުބަރަދު ބޮޑުވާނެ އެވެ. އެ ހުރިހާ ކަމެއް ކުރާން ހުރީ އޭނާ އެވެ. ވަޒީފާއިން ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން އިތުރު މަސައްކަތް ކުރާން ޖެހުނީ އޭނާއަށެވެ. ނަމަވެސް އަހަންނަށް އެކަން ވެސް މާނަކުރެވުނީ އެހެން ގޮތަކަށެވެ. އަހަރެން ދެކެ ފޫހިވެގެން ގެއަށް ނުވަންނަނީ ކަމުގަ އެވެ. ކޮންމެ ދުވަހަކު ވެސް ރުޅި މޫނު ހަދައިގެން ހަބީބަށް މަރުހަބާ ކިޔުނު ދުވަސްތައް ހަނދާންވާން ފެށި އެވެ. ސިކުނޑީގެ ތެރޭގައި އެ އިހުސާސްތަކާއި އަޑުތައް ގުގުމަން ފެށުނުނެވެ.

ކުއްލިއަކަށް އެ ހަނދާންތަކުން ނުކުންނަށް މަޖުބޫރުވީ އަރީޝްގެ އިތުރު މެސެޖެއް ލިބުމުންނެވެ. އޭނާ ފޮނުވި މެސެޖުތައް އަލުން ކިޔައިލީމެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަރީޝް ދެއްކި ވާހަކަތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ. ހަބީބާމެދު ހީކުރެވުނީ ކުށް ހީއެއްކަން ޔަގީން ކުރެވުނެވެ.

ހުރިހާ ދުވަހު އަހަންނަށް ހުރެވުނީ ނިދިފަ އެވެ. މިއަދު އަހަންނަށް ލޯ ހުޅުވިއްޖެ އެވެ. ހޭލެވިއްޖެ އެވެ. ދިރިއުޅުމެއް ކާމިޔާބު ކުރުމުގައި އެންމެ މުހިއްމު އަސާސަކީ ކޮބައިކަން އެނގިއްޖެ އެވެ. އެއީ ހިއްސާކުރުމެވެ. ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމެވެ. ގޮތް ދޫކުރުމެވެ. އަނެކާގެ އިހުސާސްތައް އަމިއްލަ ސިކުނޑިން ތަރާދުކޮށްލުމެވެ. އެހެން މީހުންގެ ފައިވާނަށް އަރައިލުމުން ނޫނީ އެ މީހުންގެ އިހުސާސްތައް ނޭނގޭނެކަން އަހަންނަށް ވިސްނުނެވެ. ހަމައެކަނި ތިމާގެ ފައިވާނުގައި އަބަދު ހިނގާނަމަ ފައިވާން ކަންފަތިވާނެކަމެވެ. ހަމައެގޮތަށް ހަމައެކަނި ތިމާގެ ވިސްނުމާ އެއްގޮތަށް ހުރިހާ ކަމެއް ބައްޓަން ކުރާން އުޅެފިނަމަ ދިރިއުޅުން ކަންފަތިވެދާނެ އެވެ.

"ޝުކުރިއްޔާ! ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަންނަށް ގޯސްކޮށް ވިސްނުނީ. ޗެޓުލޮގު ކިޔައިލީމަ ވެސް އެނގޭ މަޖާކޮށްފައިކަން. ސަކަރާތް ޖަހަން ކޮށްފައި އޮތް ކަމެއްކަން." ހިތުގެ އެންމެ ފުނުން އަރީޝަށް ޝުކުރު އަދާކޮށްލަމުން ހިނިތުންވުމެއް ފޮނުވައިލީމެވެ.

ބަދަލުގައި އޭނާ ވެސް ހިނިތުންވުމެއް ފޮނުވައިލި އެވެ.

"އަލްހަމްދުﷲ. ވަރަށް އުފާ ވެއްޖެ ވިސްނުނީތީ. ނުނިޔަތުން ވިސްނަންޏާ ކޮންމެ ކަމެއް ވެސް ފެންނާނީ ނައްސިކޮށް. ގޯސްކޮށް. އަބަދުވެސް ފަހި ވިސްނުން. ފައްސި ހިޔާލުތައް އިސްކުރާތި." އަރީޝްގެ ޖުމުލަ ފެނިފައި އަހަރެން ހިނިތުންވުމަކާއެކު ނޫ ކުލައިގެ ހިތެއް ފޮނުވާލީމެވެ.

އާއެކެވެ. މިއަދު އަހަންނަށް ވަރަށް ބޮޑު ކަމެއް ވިސްނިއްޖެ އެވެ. ތިމާއަށް ފެންނަ ހުރިހާ ކަމަކީ ހަގީގަތެއް ނޫނެވެ. ބައެއް ފަހަރު ތިމާގެ ލޯ ވެސް ދޮގު ހެކިދޭ ކަމެވެ. ތިމާގެ ސިކުނޑި ވެސް ހަގީގަތާ ހިލާފު މަންޒަރު ދައްކުވައިދޭ ކަމެވެ. އެ ހުރިހާ ކަމެއް ސާފުކުރާން ބޭނުން ނަމަ ޖެހޭނީ އެހެން މީހުންގެ ފައިވާނުގައި ހިނދުކޮޅަކަށް ހިނގައިލާށެވެ. އޭރު ދުނިޔެ ފެންނާނެ އެވެ. ހަގީގަތް ހާމަވާނެއެވެ. ދެރަވެ މޮޅިވެފައިވާ ހިތަށް ހިނިތުންވުން ވެރިވާނެ އެވެ. އޭރުން ހިތަށް އަރާމުވާނެ އެވެ. ބޮލަށް ލުއިވާނެ އެވެ. ދިރިއުޅުމުގެ ނައުގެ ރާސްތާ ފަހިވާނެ އެވެ. އަމާން ބަނދަރަކާ ހަމައަށް ދެ މީހުންނަށް 'ލަވް' ބައްތެލީގައި ދަތުރު ކުރެވޭނެ އެވެ.

ހަނދާން ބަހައްޓަންވީކަމަކީ ހީއަކީ ކަތުރުފަންޏެއް ކަމެވެ. އަމުދުން ކުށްހީއަކީ ލޯތަކަށް ވަންހަނާ ވެފައިވާ ވިހަގަދަ ހަރުފައެއް ކަމެވެ. އެ ސޮރަށް ކާންދީ ބޮޑުކުރެވެނީ އަމިއްލައަށް ކަމެވެ. އަމިއްލަ އަތުންކަމެވެ. މިއީ އަހަރެންގެ ދިރިއުޅުމުން އަމިއްލައަށް ތަޖުރިބާކުރި ހަގީގީ މަންޒަރުތަކެވެ. އެ ވާހަކަތަކެވެ. (ނިމުނީ)