ފުލުހުންގެ ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް ނޯޓިސް ފޮނުވައިފި

10 އޮކްޓޯބަރު 2021 - 14:53 1

މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުން: މި އޮފިޝަރުންގެ ތެރެއިން ދެ އޮފިސަރަކު ވަކިކޮށް، ހަތަރު އޮފިސަރަކަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައި -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


ފުލުހުންގެ ދެ އޮފިސަރުން ވަކިކޮށް، ހަތަރު އޮފިސަރަކަށް ނޯޓިސް ފޮނުވައިފި

10 އޮކްޓޯބަރު 2021 - 14:53 1

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރަކު މިއަދުން ފެށިގެން މަގާމުން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކު ވަކިކުރަން ނިންމަވައި އެ އޮފިސަރުންނަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ނޯޓިސް ފޮނުއްވައިފި އެވެ.

ފުލުހުންގެ ބޯޑުގެ ނިންމުމާ ގުޅިގެން ކުރިން ނޯޓިސް ފޮނުވައި، މިއަދުން ފެށިގެން މަގާމުން ވަކިކުރި އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު މަގާމުން ވަކިކުރަން މިއަދު ނޯޓިސް ފޮނުވާފައި ވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު އަށެވެ.

ފުލުހުންގެ އޮފިސަރުންގެ ތެރެއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ހަތް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ އޮސްޓްރޭލިއާގައި ހުންނެވުމުންނެވެ.

އޮފިސަރުންގެ މައްޗަށް ކުރެވޭ ތުހުމަތު

ފުލުހުންގެ ހިދުމަތުން ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމާފައިވާ އޮފިސަރުންގެ މައްޗަށް ކުރާ ތުހުމަތު މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ތުހުމަތުތައް "އަދަދު" އަށް ވަނީ ކަށަވަރުކޮށް އެނގިފަ އެވެ.

އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރީ، ފުލުހުންގެ ލޯންޗުފަހަރު ރާއްޖޭން ބޭރުން މަރާމާތުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުކުރެވި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތީ އެވެ.

ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް މަގާމުން ވަކިކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރާތީ އެވެ.

އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ މަގާމުން ވަކިކުރަން ނިންމީ ތަހުގީގުކުރަމުން ދިޔަ ސީރިއަސް މައްސަލައެއްގެ ހެކި ނައްތާލި ކަމުގެ ތުހްމަތުގަ އެވެ. އެއީ ފުލުހުންގެ ތަހުގީގަށް އަތުލާފައި އޮތް ފޯނެއްގައި ހުރި ފޮޓޯތަކެއް ނައްތާލުމާ ގުޅިގެންނެވެ. މިކަން އޭނާ ކޮށްފައި ވަނީ މިހާރުގެ ޕޮލިސް ކޮމިޝަނަރު ހަމީދު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނެވެ. މި މައްސަލައިގައި ފަރުހާދާމެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޭރު އަންގާފައި އޮތަސް، ހަމައެކަނި ނިންމާފައި އޮތީ އޭނާ އަށް ނަސޭހަތް ދިނުމަށެވެ. ނަމަވެސް، އަލަށް އެކުލަވާލި ޕޮލިސް ބޯޑުން މި މައްސަލަ ނިއުޅައި އޭނާ ވަކިކުރަން ޖެހޭ ކަމަށް ނިންމިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު މަގާމުން ވަކިކުރަން ނިންމީ، ސިޔާސީ ފަރާތެއް ބުނެގެން ކުށްވެރިޔަކު ދޫކޮށްލި ކަމަށް ކުރެވޭ ތުހުމަތުގަ އެވެ. އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ވަކިކުރަނީ ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހަމަތުކުރެވި އެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އެވެ.

ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލް ބައެއްތޯ ކަށަވަރުކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި އޮތީ އުފެއްދި ފުލުހުންގެ ބޯޑާ އެވެ.

އެހެންވެ، ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ 52 އޮފިސަރުންގެ ތެރެއިން 20 އޮފިސަރެއްގެ މައްސަލަ ޕޮލިހުންގެ ބޯޑު ބެލި އެވެ. އެ އޮފިސަރުންގެ ތެރެއިން ކަނޑައެޅި މިންގަނޑުތަކުގެ ދަށުން، މަގާމުން ވަކިކުރަން ޖެހޭނެ ކަމަށް ބޯޑަށް ފެނުނީ ހަތް އޮފިސަރެކެވެ. ބޯޑުގެ ލަފައާ އެއްގޮތަށް އޮފިސަރުން މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ތަންފީޒުކުރާނީ ޕޮލިސް ކޮމިޝަނަރެވެ.

އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ވަކީލުން ފާހަގަ ކުރައްވަ އެވެ. ސިވިލް ކޯޓަށް ހުށަހެޅީ އެ ސަބަބާއި ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއެކު ކަމަށް ބަޔާނުގައިވެ އެވެ.