10 އޮކްޓޯބަރު 2021 - 07:00 0
އިންޑިއަން ވެލްސް ޕްރެކްޓިހެއްގެ ތެެރެއިން އެމާ (ކ) އާއި ބޭޓްސް.
10 އޮކްޓޯބަރު 2021 - 07:00 0
އިންޑިއަން ވެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 10) - މިދިޔަ މަހު ޔޫއެސް އޯޕަންގެ ތަށި އުފުލާލި އުމުރުން 18 އަހަރުގެ އިނގިރޭސި ޓެނިސް ތަރި އެމާ ރަޑުކާނޫ އިންޑިއަން ވެލްސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
މިއީ ކޮލިފައިން ބުރުން ގޮސް ޔޫއެސް އޯޕަން ތަށި ހޯދި އެމާ އެ މުބާރާތުގެ ކާމިޔާބީ އަށް ފަހު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ދުނިޔޭގެ 100 ވަނައިގައި އޮތް ބެލަރޫސްގެ އަލިއަކްސަންޑްރާ ސަސްނޯވިޗް އަތުން އެމާ ބަލިވީ 6-2 6-4 އިންނެވެ.
ޖެހިޖެހިގެން 11 މެޗުން މޮޅުވާން ނުކުތް އެމާ އަށް ސަސްނޯވިޗް ކައިރީގައި އެކަށީގެންވާ ކުޅުމެއް ނުދެއްކި ގިނަ ގޯސްތަކެއް ހެދުނެވެ. އެމާ ދެން ކުޅޭނީ 10 ދުވަސް ފަހުން ރަޝިއާގެ މޮސްކޯގައި ފަށާ ކްރެމްލިން ކަޕްގަ އެވެ. އެ މުބާރާތުގެ ކުރިން އެމާ އޭނާ އަށް ފުލްޓައިމް ކޯޗެއް ހަމަޖައްސާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމާ ވަނީ އޭނާއާ އެކު ޔޫއެސް އޯޕަންގައި މަސައްކަތްކުރި ކޯޗު އެންޑްރޫ ރިޗާޑްސަން އެ މުބާރާތަށް ފަހު ދޫކޮށްލައިފަ އެވެ.
ރިޗާޑްސަންގެ އިރުޝާދާ އެކު އެމާ ވަނީ ކޮލިފައިން ބުރުގައި ވާދަކުރަމުން ގޮސް ޔޫއެސް އޯޕަން ކާމިޔާބު ކޮށްފަ އެވެ. ރިޗާޑްސަނާ އެކު ޔޫއެސް އޯޕަންގައި ކުރި މަސައްކަތް ރަނގަޅުވެ، އެމާ ވަނީ ދުނިޔޭގެ ރޭންކިންގެ އެތައް ދަރަޖައެއް ކުރިއަށް ޖެހިލައިފަ އެވެ. ޔޫއެސް އޯޕަން އަށް ނުކުތްއިރު އެމާ އޮތީ ދުނިޔޭގެ 150 ވަނައިގަ އެވެ. ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު އެމާ ވަނީ ދުނިޔޭގެ ރޭންކިންގައި 22 ވަނަ އަށް އަރައިފަ އެެވެ.
އެމާ އަކީ ޓެނިސްގެ އޯޕަން އިރާ ފެށުނު ފަހުން ކޮލިފައިން ބުރުން ފެށިގެން ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެކަމަކު، ޔޫއެސް އޯޕަންގެ ކާމިޔާބީ އަށް ފަހު އިންޑިއަން ވެލްސް މުބާރާތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ.
އެމާ އަށް އިންޑިއަން ވެލްސްގައި އިރުޝާދުދޭން ބައިވެރިވީ އިންގްލެންޑްގެ ކުރީގެ ޓެނިސް ޕްރޮފެޝަނަލް ޖެރެމީ ބޭޓްސް އެވެ.
އިންގްލެންޑްގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، ބޭޓްސް އަށް އެމާގެ ފުލް ޓައިމް ކޯޗުކަން ދިނުމާ މެދު ވަރަށް އަވަަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިން އެމާ ވިސްނައިގެން ހުރީ ދުވަސްތަކެއް ބެލުމަށް ފަހު އާ ކޯޗެއް ހޯދުމަށް ކަމަށް ވިޔަސް މިހާރު އެ މުއްދަތު އަވަސްވެދާނެ އެވެ.
Comment