5 އޮކްޓޯބަރު 2021 - 09:16 0
5 އޮކްޓޯބަރު 2021 - 09:16 0
މެންޗެސްޓާ (އޮކްޓޫބަރު 5) - ކުރިއަށް ހުރި މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯމު ރަނގަޅު ނުވެއްޖެނަމަ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މަގާމާ މެދު ޔުނައިޓެޑްގެ ބޯޑުގައި މަޝްވަރާތަކެއް ކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، މޮޅުވީ ދެ މެޗުންނެވެ. މޮޅުވި ދެ މެޗަކީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން ފަހު ވަގުތާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އަތުންނެވެ. ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސް އަތުން ބަލިވިއިރު، ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން އަދި ލީގު ކަޕްގައި ވެސްޓް ހޭމް އަތުން ބަލިވެގެން ވަނީ ކަޓައިފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ 1-1 އިން އެއްވަރުވެފަ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ޔުނައިޓެޑްގެ ބޯޑްގެ ބައެއް މެމްބަރުން ވަނީ ސޯލްޝެއާއާ އެކު ބައްދަލުވުމެއް ބާއްވައި ކްލަބްގެ ހާލަތު ދެނެ ގަނެފަ އެވެ. މި ވަގުތަށް ބަލާއިރު ބޯޑުގެ ތާއީދު 100 ޕަސެންޓް ސޯލްޝެއާ އަށް އެބައޮތް ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅު ނުކުރެވޭނަމަ ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ރިޕޯޓްގައިވެ އެވެެ.
ޔުނައިޓެޑުން ބޭނުންވަނީ ސޯލްޝެއާ އަށް މި ސީޒަން ފެއްޓުމުގެ ކުރިން ދިން ތިން އަހަރުގެ ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށް ދިއުމަށެވެ. އެހެން ނަމަވެސް ބޮޑު ހަރަދުކޮށްފައި ނަތީޖާ ނުނެރެވޭނަމަ ވީ އެންމެ އަވަހަކަށް ކޯޗު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ޔުނައިޓެޑުން އެ ނިންމުން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑުން ވަނީ ކުޅުންތެރިން ގަންނަން 600 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.
ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ މަސައްކަތް ޔުނައިޓެޑަށް ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނެވެ. އެ ފަހަރު އޭނާ ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.
ޔުނައިޓެޑްގައި ސޯލްޝެއާ އަށް ތަށްޓެއް ނުލިބުނަސް ނެރުނު ނަތީޖާތަކާއި ހޯދި ކުރިއެރުން ބަަލައި އޭނާ އަށް މި ފަހަރު ކޮންޓްރެކްޓެއް ދިނީ އެވެ. ޔުނައިޓެޑުން މި ސީޒަނުގައި ސޯލްޝެއާއާ އެކު ސޮއިކުރި އެއްބަސްވުން ހަަމަވާނީ 2024 ވަަނަ އަހަރު އެވެ.
Comment