Advertisement

މުސާރަ ޖަމާވުން ލަސްވެގެން އުޅެނީ މުވައްޒަފުންގެ މައުލޫމާތު އަދާހަމަ ކުރާތީ ކަމަށް ހެލްތުން ބުނެފި

3 އޮކްޓޯބަރު 2021 - 13:12 1

އަމަން ހަލީމް

އަމަން ހަލީމް

ހެލްތް މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިން: މިނިސްޓްރީގެ އިދާރީ މަސައްކަތްތައް ކުރަނީ މި އިމާރާތުގައި ހުންނަ އޮފީސްތަކުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


މުސާރަ ޖަމާވުން ލަސްވެގެން އުޅެނީ މުވައްޒަފުންގެ މައުލޫމާތު އަދާހަމަ ކުރާތީ ކަމަށް ހެލްތުން ބުނެފި

3 އޮކްޓޯބަރު 2021 - 13:12 1

އަތޮޅުތެރޭގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ނިމުނު މަހުގެ މުސާރަ ޖަމާވުން ލަސްވަނީ، އެ މުވައްޒަފުންގެ ބައެއް މައުލޫމާތުތައް އަދާހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މުސާރައާ ގުޅޭ މި މައްސަލައިގައި މުވައްޒަފުންގެ ޝަކުވާތައް ހުރިއިރު، މިއަދާ ހަމައަށް ވެސް މުސާރަ ޖަމާނުވާތީ ސިއްހީ މަސައްކަތްތެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ލަސްނުކޮށް އެ މުވައްޒަފުންގެ މުސާރަތައް ޖަމާކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި މައްސަލަ ދިމާވެގެން އުޅޭކަން ކަށަވަރުކޮށްދެމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތުމަތު ޝޫބާ "އަދަދު"އަށް ވިދާޅުވީ އެ މައްސަލަ ދިމާވީ ބައެއް މުވައްޒަފުންނާ ގުޅޭ މައުލޫމާތުތައް ފުރިހަމަކުރަމުން ދާތީ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތް ނިމުމުން "މިއަދު ނޫނީ މާދަމާ" ވެސް މުސާރަތައް ޖަމާވެދާނެ ކަމަށެވެ.

"މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ސެލަރީ ލިބުން ލަސްވެފައި ވަނީ" ޝޫބާ ވިދާޅުވި އެވެ.

މިއީ ހެލްތު މިނިސްޓްރީގެ މުސާރައިގެ މައްސަލަތަކެއް ޖެހިޖެހިގެން ދިމާވި ދެވަނަ މަހެވެ. މިދިޔަ މަހު ދިމާވި މައްސަލައަކީ ބައެއް މުވައްޒަފުންނަށް ގިނައިން އަނެއް ބައި މުވައްޒަފުންނަށް މަދުން މުސާރަ ޖަމާވި މައްސަލައެކެވެ.

މިގޮތަށް ގިނައިން ޖަމާވި ފައިސާތަކުގެ ތެރެއިން ބޮޑު ބަޔެއް އަދިވެސް ނުލިބޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އަދި އިތުރަށް ޖަމާވި ފައިސާ ރައްދު ނުކުރާ މުވައްޒަފުންގެ އަތުން އެ ފައިސާ ލިބެން ދެން، އެ މީހުންގެ މުސާރައިން އެ ބައި އުނިކުރުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

އެނގިފައިވާ ގޮތުގައި މުވައްޒަފުންގެ މައުލޫމާތުތައް އަދާހަމަ ކުރުމުގެ މަސައްކަތަކީ މިކަމާ ގުޅިގެން، ހެލްތު މިނިސްޓްރީން އެޅި ފިޔަވަޅެކެވެ. އެގޮތުން މުވައްޒަފުންގެ އެންމެ ފަހުގެ އައިޑީ ކާޑާއި، ގުޅޭނެ ނަމްބަރު ފަދަ މައުލޫމާތުތައް މިނިސްޓްރީގެ ސިސްޓަމަށް އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.