Advertisement

ލަންކާ އެއް ވަނަ ޕެއާ އަތުން ދީމާ އާއި ރަފާ އަށް ބޮޑު މޮޅެއް

3 އޮކްޓޯބަރު 2021 - 11:20 0

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގެ ތެރެއިން ރަފާ (ކ) އާއި ދީމާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ލަންކާ އެއް ވަނަ ޕެއާ އަތުން ދީމާ އާއި ރަފާ އަށް ބޮޑު މޮޅެއް

3 އޮކްޓޯބަރު 2021 - 11:20 0

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އިން ސަރަހައްދުގެ ގަދަބާރު ސްރީ ލަންކާގެ އެއް ވަނަ ޕެއާ ބަލިކޮށްފި އެވެ.

ރާއްޖޭގެ އިތުރުން ސަރަހައްދުގައި ވެސް ވިދަމުން އަންނަ ރަފާ އާއި ދީމާގެ ޕެއާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 11-08، 11-06 އަދި 12-10 އިންނެވެ.

ލަންކާގެ މި ޕެއާ އަކީ އެ ގައުމުގެ ރޭންކިން އަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނެވެ. މި ގޮތުން އެ ޕެއާގައި ހިމެނެނީ ރޭންކިންގެ އެއް ވަނައިގައި އޮތް އިޝާރާ އާއި ރޭންކިން ހަތަރެއްގައި އޮތް ބިމާންދީ އެވެ.

ލަންކާގެ ވަރުގަދަ ޕެއާ ބަލިކޮށް ދެ ވަނަ ބުރުގައި ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. ދެ ވަނަ ބުރުގައި ކުޅެން ޖެހުނީ ހޮން ކޮންގްގެ ޕެއާއަކާ އެވެ. ހޮން ކޮންގްހެ ޒީހޫ އަދި އެންގެ ޕެއާ އަތުން ތިން ސެޓުން ބަލިވިއިރު، ސެޓުތައް ދިޔައީ 11-04، 11-04 އަދި 11-05 އިންނެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމަށް ފަހު ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ޓީޓީ ޓީމު ވާދަކުރާ ފުރަތަމަ ފަހަރެެެވެ. ގައުމީ ޓީޓީ ޓީމު މި ގޮތަށް އެންމެ ފަހުން ވާދަކުރީ 2019 ވަަނަ އަހަރު ޑިސެމްބަރުގައި ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ.

ސައުތު އޭޝިއަން ގޭމްސްގައި ގައުމީ ޓީޓީ ޓީމުގައި ހިމެނި ދީމާ އާއި ރަފާ ވަނީ ދެކުނު އޭޝިއާގެ ވަރުގަދަ ޕެއާތަކާ ދެކޮޅަށް މޮޅަށް ކުޅެފަ އެވެ. ތަޖުރިބާ ލިބެމުންދާ ވަރަކަށް ދީމާ އާއި ރަފާ ސަރަހައްދުގައި ވެސް ތަފާތު ދައްކާނެ ކަމަށް އޭރު ޓީޓީގެ ރައީސް އަލީ ރަޝީދު (އައްޔަ) ވަނީ ވިދާޅުވެފަ އެވެ. މި ފަހަރުގެ އޭޝިއާގެ މުބާރާތުގައި ލަންކާގެ އެއް ވަނަ ޕެއާ އަތުން ދީމާ އާއި ރަފާ އެ ހޯދި ކާމިޔާބީ އަކީ އައްޔަ ދެއްކެވި ވާހަކައިގެ އެއް ނަތީޖާ އެވެ.

އޭޝިއާ މުބާރާތުގެ ޓީމު އިވެންޓް ބައިގައި ވެސް ރާއްޖޭގެ ނަތީޖާ ރަނގަޅެވެ. އަންހެން ޓީމުން ގަތަރާއި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދިއިރު، ފިރިހެން ޓީމު ވަނީ އޮމާންގެ މައްޗަށް ކުރިހޯދައިފަ އެވެ. އެހެން އިވެންޓްތަކުގައި ވާދަކޮށް ގައުމީ ޓީޓީ ޓީމުން މި ފަހަރުގެ މުބާރާތުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މި ފަހަރުގެ އޭޝިއާ މުބާރާތުގައި ގައުމީ ޓީޓީ ޓީމަށް އިރުޝާދު ދިނީ މިދިޔަ މާޗް މަހު ގައުމީ ޓީޓީ ޓީމާ ހަވާލުވި ގްރީސްގެ ފެންވަރު ރަނގަޅު ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.