Advertisement

ކޮވިޑަށް ޕޮޒިޓިވްވެ ކާންޓޭ 10 ދުވަހުގެ އައިސޮލޭޝަނަކަށް

29 ސެޕްޓެންބަރު 2021 - 08:13 0

ޗެލްސީގެ މެޗެއްގެ ތެރެއިން ކާންޓޭ،-- ފޮޓޯ: އޭއެފްޕީ


ކޮވިޑަށް ޕޮޒިޓިވްވެ ކާންޓޭ 10 ދުވަހުގެ އައިސޮލޭޝަނަކަށް

29 ސެޕްޓެންބަރު 2021 - 08:13 0

ލަންޑަން (ސެޕްޓެމްބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ހަފްތާގެ މެޗުތަކުގެ ކުރިން ކުރި ކޮވިޑް-19 ޓެސްޓުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ކޮވިޑަށް ޕޮޒިޓިވްވެ 10 ދުވަހުގެ އައިސޮލޭޝަނަކަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކާންޓޭ ވަނީ މިދިޔަ ހޮނިހިރު ދުވަހު ޗެލްސީ އަތުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި ކުޅެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ކާންޓޭ އަށް ގެއްލޭނެ މެޗުތަކަކީ ޗެމްޕިއަންސް ލީގުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ސައުތެމްޓަނާ ބައްދަލުކުރާ މެޗުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗެވެ.

ކާންޓޭ ނުލައި މެޗުތަކެއް ކުޅެން ޖެހުމަކީ ޗެލްސީ އާއި ފްރާންސް ގައުމީ ޓީމަށް ވެސް ކުރިމަތިވާނެ އުނދަގުލެކެވެ.

ޕްރިމިއާ ލީގުން ވަނީ ކުޅުންތެރިން ކޮވިޑް ވެކްސިން ޖަހަން ބާރުއަޅަން ކެމްޕެއިނެއް ފަށައިފަ އެވެ. އެކަމަކު، އަދިވެސް ގިނަ ކުޅުންތެރިން ކޮވިޑް ވެކްސިން ނުޖަހަ އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ކުޅުންތެރިންނަކީ ޕްރޮފެޝަނަލުން ކަމަށާއި އެ މީހުންނަށް ވެސް ވެކްސިން ޖެހުމުގެ މުހިއްމުކަން އެނގޭނެ ކަމަށެވެ. މީގެ ކުޅުންތެރިންނަށް ވެކްސިން ޖަހަން މަޖުބޫރު ކުރެވޭނެ ގޮތެއް ނެތްކަން ޓުޗެލް ވަނީ ފާހަގަކޮށްފަ އެވެ.

"އަހަރެމެން ވާނީ އެއީ ކުޅުންތެރިންގެ އިހުތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައި. ކުޅުންތެރިން ވެކްސިން ޖަހަން މަޖުބޫރު ކުރުމަކީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައި އޮތް ކަމެއް،" ޓުޗެލް ބުންޏެވެ.

އަނިޔާގެ ސަބަބުން ޔުވެންޓަސްއާ ދެކޮޅަށް ނުކުޅެވޭ ޗެލްސީގެ އިތުރު ކުޅުންތެރިން ވެސް އެބަތިބި އެވެ. އެއީ ކްރިސްޓިއަން ޕުލިސިޗާއި ރީސް ޖޭމްސް އަދި މޭސަން މައުންޓް އެވެ. ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އަށް ވެސް ޗެލްސީ މެޗު ގެއްލޭނެ އެވެ. ޑިބާލާ އަށް އަނިޔާވީ އިޓާލިއަން ލީގުގައި ޔުވެންޓްސް އިން އެންމެ ފަހުން ކުޅުނު މެޗުގަ އެވެ.