Advertisement

މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓުގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ބައިވެރިނުވާނެ ކަމުގެ އިޝާރާތެއް

27 ސެޕްޓެންބަރު 2021 - 14:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން. -- ފޮޓޯ: އޭއެފްޕީ


މޫސުމީ ބަދަލާ ގުޅޭ ބޮޑު ސަމިޓުގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ބައިވެރިނުވާނެ ކަމުގެ އިޝާރާތެއް

27 ސެޕްޓެންބަރު 2021 - 14:12 0

ސިޑްނީ، އޮސްޓްރޭލިއާ (ސެޕްޓެމްބަރު 27) - މި އަހަރު އިނގިރޭސި ވިލާތުގައި އޮންނަ އދ. ގެ މޫސުމީ ބަދަލާ ބެހޭ ބޮޑު ސަމިޓުގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ބައިވެރިނުވާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

ދެހާސް ފަންސާސް ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯ ކާބަން އެމިޝަން ޓާގެޓު ކަނޑައަޅަން ގައުމުތަކުން އަންނަނީ އޮސްޓްރޭލިއާއަށް ޕްރެޝަރު ކުރަމުންނެވެ.

ދުނިޔޭގައި މި ވަގުތު ކޯލް ނުވަތަ ބޯޓު ދެލި އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. އޭގެ އިތުރުން ކަރަންޓު އުފައްދަން އެ ގައުމުން އަދިވެސް ބޮޑަށް ބޭނުން ކުރަނީ އިއާދަނުކުރެވޭ ހަކަތަ އެވެ.

ދުނިޔެ ވަށައިގެންވާ އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ ގްރީންހައުސް ގޭސް ބޭރު ކުރުން މަދު ކުރަން ގައުމުތަކުން ލަނޑުދަނޑި ކަނޑައަޅަމުން ދިޔަ ނަމަވެސް، އޮސްޓްރޭލިއާ އިން އަދިވެސް ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެފައި ވަނީ ކޯލް ގަންނާނެ މީހުން މާކެޓުގައި އުޅޭހާ ހިނދަކު، އެ މައިނު ކުރުމަށް ފަހު އެކްސްޕޯޓް ކުރާނެ ކަމަށެވެ.

ވެސްޓް އޮސްޓްރޭލިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މޮރިސަން ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އޮންނަ މޫސުމީ ބަދަލާ ގުޅޭ ސަމިޓަށް ދިޔުމާ މެދު އަދިވެސް ގޮތެއް ނުނިންމަވާ ކަމަށެވެ.

"އެއީ އަނެއްކާވެސް ގައުމުން ބޭރަށް ކުރަން ޖެހޭ ދަތުރެއް. މި އަހަރު މިހާތަނަށް ބައިވަރު ދަތުރު އަޅުގަނޑު ގައުމުން ބޭރަށް ކޮށްފިން އަދި އެތައް ދުވަހެއް ކަރަންޓީނުގައި ހޭދަކުރަން ޖެހިއްޖެ،" މޮރިސަން ވިދާޅުވި ކަމަށް އެ ނޫހުން ބުންޏެވެ.

"އަޅުގަނޑު ބޮޑަށް ފޯކަސް ކުރަންވީ ގައުމުގެ އެތެރޭގެ ކަންކަމާއި ކޮވިޑަށް. އެ ސަމިޓު އޮންނަ ދުވަސްވަރާ ދިމާކޮށް އަލުން އޮސްޓްރޭލިއާ ހުޅުވާލާނެ. އެހެންވީމަ މެނޭޖުކުރަން ޖެހޭ ބައިވަރު މައްސަލަތަކާ ވެސް ދިމާވާނެ."

ބާރަ ދުވަސް ވަންދެން ގްލާސްގޯގައި އޮންނަ ސަމިޓަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި މޫސުމީ ބަދަލާ ގުޅޭ ސަމިޓަށް ފަހު ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. އެއީ ވިހަ ގޭސް ބޭރުކުރުން މަދުކުރަން ގައުމުތަކުން ލަނޑުދަނޑި ކަނޑައެޅުމަށް މުހިއްމު ބައްދަލުވުމެކެވެ.

ފޮރިން މިނިސްޓަރު މެރީސް ޕެއިން ވިދާޅުވީ ބޮޑު ވަޒީރު ވަޑައިނުގެންނެވި ނަމަވެސް އިސް ފަންތީގެ ބޭފުޅުން މެދުވެރިކޮށް ސަމިޓުގައި އޮސްޓްރޭލިއާ ތަމްސީލް ކުރައްވާނެ ކަމަށެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ދުނިޔެ ހޫނުވާން މެދުވެރިވާ ވިހަ ގޭން ބޭރު ކުރުން މަދު ނުކުރާ ނަމަ، މި ގަރުނު ނިމުމުގެ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް އުފުލި، ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހޭނެ އެވެ.