Advertisement

ކަޑިޒްއާ އެއްވަރުވެ ބާސެލޯނާ އަށް އިތުރު ޕްރެޝަރެއް

24 ސެޕްޓެންބަރު 2021 - 03:18 0


ކަޑިޒްއާ އެއްވަރުވެ ބާސެލޯނާ އަށް އިތުރު ޕްރެޝަރެއް

24 ސެޕްޓެންބަރު 2021 - 03:18 0

މެޑްރިޑް (ސެޕްޓެމްބަރު 23) - ސްޕެނިޝް ލީގުގައި މިރޭ ކަޑިޒްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ބާސެލޯނާ އަށް ކުރިމަތިވެފައި އޮތް ޕްރެޝަރު އިތުރަށް ބޮޑުވެއްޖެ އެވެ.

މިރޭގެ މެޗުން އެއްވަރުވިއިރު، ބާސެލޯނާ އިން މޮޅެއް ނުލިބި ޖެހިޖެހިގެން ތިން މެޗު ނިންމާލީ އެވެ. ޗެމްޕިއަންސް ލީގުގައި ބަޔާން އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވިއިރު، އެންމެ ފަހުން ލަލީގާގައި އަމިއްލަ ދަނޑުގައި ވަނީ ގްރަނާޑާއާ 1-1 އިން އެއްވަރުވެފަ އެވެ. އަދި މިރޭ ކަޑިޒާ އެއްވަރުވެ، ބާސެލޯނާ އޮތީ ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ ހަތް ވަނައިގަ އެވެ.

ބާސެލޯނާ އިން ކަޑިޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 25 އަކަށް މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 65 ވަަނަ މިނިޓްގައި ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެ ނިންމުމާ މެދު ބާސެލޯނާ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

މެޗުގެ ފަހު ވަގުތު ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވެސް ވަނީ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ. އެއީ ރެފްރީގެ ނިންމުންތަކަށް ތަކުރާރުކޮށް ފާޑުކިޔާފައިވާތީ އެވެ.

ކޫމަން، ބާސެލޯނާގެ ކޯޗުކަމުން ވަކިކުރަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވިފައިވާއިރު، ކަޑިޒް މެޗުގެ ކުރިން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ ޕްރެސް ކޮންފަރެންސް ރޫމުން ނުކުމެގެން ގޮސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސްޕެނިޝް ލީގުގައި ދެން ބާސެލޯނާ ކުޅޭ މެޗުގެ ކުރިން ވެސް ކޫމަން އަށް އެ ޓީމުގެ ކޯޗުކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ކުޅޭނީ ލެވަންޓޭއާ އެވެ.

ކަޑިޒް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބާސެލޯނާ މޮޅުކޮށްދޭން އެންމެ ހުސް ފުރުސަތުތައް ލިބުނީ އެ ޓީމުގެ ނެދަލެންޑްސް ފޯވާޑް މެމްފިސް ޑިޕާއި އަށެވެ. ޑިޕާއި ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިލެވޭ ގޮތެއްނުވި އެވެ. ކަޑިޒަށް ލަނޑު ޖަހައިދޭން އެ ޓީމުން ކުރި އެޓޭކްތަކުގެ ހުރަހަކަށްވީ ބާސެލޯނާގެ ގޯލުގައި ހުރި ޖަރުމަނުގެ ގޯލްކީޕަރު ޓާ ސްޓެގެން އެވެ.