Advertisement

ތިން ވަގެއްގެ އަތްކެނޑުން އަދި ގާނޫނު އުވާލުން

19 ސެޕްޓެންބަރު 2021 - 08:41 7

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ވައްކަން ކުރި މީހުންގެ އަތް ބުރިކޮށްލި ދިވެހި ބޭސްވެރިޔާ ނައިފަރު އަބްދުﷲ ޔޫސުފް: އަތްކަނޑަށް ކުރި ހުކުމާ ގުޅިގެން ޖުމުލަ ތިން މީހެއްގެ އަތްކެނޑި. -- އާޓްވޯކް: އަބްދުﷲ ޝަފީއު / އަދަދު


ތިން ވަގެއްގެ އަތްކެނޑުން އަދި ގާނޫނު އުވާލުން

19 ސެޕްޓެންބަރު 2021 - 08:41 7

ދުވަހަކީ 1372 ވަނަ އަހަރުގެ ޝައްވާލު މަހުގެ 10 ވަނަ ދުވަހެވެ. މީލާދީން ޖޫން 23، 1953 އެވެ. ނައިފަރު އަބްދުﷲ ޔޫސުފް އަށް އެ ދުވަހަކީ ހަމަ އާދައިގެ ދުވަހެކެވެ. ރާއްޖޭގެ ތާރީހުގެ މުހިންމު ސަފުހާއެއް އެ ދުވަހު ލިޔެވިގެންދާނޭކަން އެނގުނު ނަމަވެސް އެ ސަފުހާގައި އޭނާގެ ނަން ހިމެނިގެން ދާންއުޅޭކަން ކުޑަކޮށްވެސް މޭރުންވެފައެއް ނެތެވެ.

އޭޕްރިލް 20، 1953 ގައި ރައްޔިތުންގެ ގެއިންނާއި ސެނެޓުން ފާސްކުރި، ވައްކަން ކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކުށްވެރިންގެ އަތްކެނޑުމުގެ ތާރީހީ ޒިންމާ، ޖޫން 23، 1953 ގައި އޭނާއާ މަތިކުރެވިގެން ދިޔައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

އައު ގާނޫނުގެ ދަށުން ވައްކަންކުރުމުގެ ކުށް އެންމެ ފުރަތަމަ ސާބިތުވީ ބަޑިއަލީބޭގެ ހުސައިންދީދީއާއި، ގޮމާގޭ ސީދީގެ މައްޗަށެވެ. އެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނެވެ. އެ ދެމީހުންގެ މައްޗަށް ސާބިތުވީ މައްޗަންގޮޅީގެއިން އަށްޑިހަވަރަކަށް ހާސް ރުފިޔާގެ ރަންތަކެއް ވަގަށް ނެގުމުގެ ކުށް ކަމަށް "ސަރުކާރު ހަބަރު" ގައި ލިޔުއްވާފައި އޮވެ އެވެ. ކުށް ސާބިތުވީ އިއުތިރާފުންނެވެ.

ވައްކަމުގެ މައްސަލައެއް ސާބިތުވެ އެ ގާނޫނުގައި ވާ ގޮތުގެ މަތީން ދެމީހެއްގެ އަތްކެނޑުން ހުޅުލޭގައި އޮންނާނޭކަމާއި، ކުޅިބަލާން ބޭނުން ބަޔަކު ހުޅުލެއަށް ދިއުމަށް އޮތީ އަންގަވައި އިއުލާނު ކުރެވިފަ އެވެ. އަބްދުﷲ ޔޫސުފާއި އޭނާގެ އެކުވެރިންވެސް ހުޅުލެއަށް ދިޔައީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނޭ މި މަންޒަރު ލޮލުން ދެކި ތަޖުރިބާ ކުރާށެވެ.

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވި ދުވަސްވަރެވެ. ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުން ހިނގަމުންދިޔައީ 4 ވަނަ މަހެވެ. އެ ވެރިކަމަށް ބަރާބަރު 3 މަހާއި 25 ދުވަސް ފުރުނު ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކީ ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނެވެ. އެއީ އެ މަޖިލީހުގެ ދައުރުގައި ފާސްކުރި ތިންވަނަ ގާނޫނެވެ.

ގާނޫނު ވުޖޫދުވި ސަބަބުތައް

އަތްކެނޑުމުގެ ގާނޫނު ވުޖޫދަށް އައީ ސަބަބުތަކެއް ނެތި ނޫނެވެ.

ކުދި ވައްކަން ކުރުމަކީ (އިންސާނުން ދިރިއުޅޭ ކޮންމެ ތަނެކޭ އެއްފަދައިން) އޭރުވެސް ރާއްޖޭގައި އާންމު ކަމެކެވެ. މިކަން ހުއްޓުވޭނޭ ގޮތުގެ މައްޗަށް ދައުލަތް ހިންގާން ތިބި ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވި ނިންމުނީ ވައްކަންކުރާ މީހުންގެ އަތްކެނޑުމަކީ މިކަމަށް އޮތް އާހިރު އަދި ހަމައެކަނި ހައްލު ކަމުގަ އެވެ. މި ނިންމުމަށް ހަމައެޅުއްވީ ސައޫދީއަރަބިއާގެ މިސާލުންނެވެ. ހިޖުރައިން 1372 (މީލާދީން 1953) ގެ "ސަރުކާރު ހަބަރު" ގެ އަދަދެއްގައި ލިޔެފައި އޮތީ މިހެންނެވެ.

"އިބްނު ސައުދުގެ ވެރިކަމުގެ ދަށަށް އެނބުރިގެން ދިޔައިރު ހިޖާޒުކަރަ އަކީ ވައްކަންކުރުމުގެ އެއްވަނަ މަރުކަޒެވެ. އޭނާ ވެރިކަން ކުރައްވާން ފެއްޓެވިތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހިޖާޒުކަރައިން ވައްކަންކުރުން މަދުވެގެން ދިޔައީ އަޖައިބުވެ އަންތަރީސްވުން އެކަށީގެންވާފަދަ މިންވަރަކަށެވެ. އޭނާ ހަތިޔާރެއްކަމުގައި ގެންގުޅުއްވީ ވައްކަންކުރާ މީހުންގެ އަތްފައި ކެނޑުމުގެ ހަތިޔާރެވެ."

މި ހަމައިން ހަމައެޅުއްވުމަށްފަހު ފާސްކުރި ގާނޫނުގެ މައުލޫމާތު އާންމުކުރެވިފައި އޮތީ ނަސޭހަތާއި އިންޒާރުގެ ބަސްކޮޅަކާއެކު އެވެ.

ވައްްކަންކުރުމަކީ އާދައެއް ކަމުގައި ލައިގެން އުޅޭ ދިވެހި ދަރީންނަށް ހިތުގެ އެންމެ ފުންމިނުން މި އިލްތިމާސް ކުރަނީ އެ ސުންޕާ ފާފައިން މުޅީން ވަކިވުމަށެވެ. ދިވެއްސެއްގެ އަތް ނުވަތަ ފައި ކަނޑާލުމަށް ހުކުމް ކުރެއްވުމަށް އަމުރުކުރެއްވުމުގެ ހިތްޕުޅު ދަތިކަން ފަނޑިޔާރު މަނިކުފާނަށް ލިބިވަޑައިގަންނަވާނޭފަދަ އަމަލެއް މީގެ ފަހުން ނުކުރުމަށެވެ.

ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނު ފާސްވީ އޭރު ފާސްވަމުންދިޔަ ގިނަ ގާނޫނުތަކެކޭ އެއްގޮތަށް ހަމަ ކުއްލިއަކަށެވެ. އެފަދަ ގާނޫނެއް އައިސްދާނޭކަމަށް ރައްޔިތުންނާއި، ވެރިންގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ތައްޔާރުވެގެންނެއް ނޫނެވެ. އެ ގާނޫނު ފާސްކުރިއިރު އެފަދަ ގާނޫނެއް ހިންގައި ތަންފީޒުކުރުމަށް ވާންޖެހޭ މިންވަރާ ގާތަށްވެސް ދައުލަތަށް ތައްޔާރުވެވިފައެއް ނެތެވެ.

ގާނޫނު ތަންފީޒުކުރަން ހަކީމް އަބްދުﷲ ޔޫސުފް ހިޔާރުކުރެވުނު ގޮތް

ޖޫން 23، 1953 ދުވަހު ހުޅުލެއަށް ޖަމާވެތިބި ގިނަ މީހުންނެކޭ އެއްގޮތަށް އަބްދުﷲ ޔޫސުފް ވެސް ކެތްތެރިކަން ކުޑަވެފައި ހުރީ ވަގުންގެ އަތްކަނޑާން ފަށާނޭ އިރެއްގެ އިންތިޒާރުގަ އެވެ. ހުކުމް ތަންފީޒުކުރެވޭ ތަން ދެކޭން ދައުލަތުގެ އެންމެ އިސްވެރިޔާއާއެކު މުޅި ކެބިނެޓްވެސް އޮތީ އެރަށުގަ އެވެ. އޭރު ހުކުމް ތަންފީޒުކުރުން މާ ބޮޑަށްވެސް ލަސްވެއްޖެ އެވެ. އެމަންޒަރު ދެކެން ހުއްޓައި އެތަނުގައި ތިއްބެވި ކަމާދާރު ބޭފުޅުންގެ ތެރެއިން އިބްރާހީމް ޝިހާބު، އަބްދުﷲ ޔޫސުފަށް ގޮވާލެއްވި އެވެ.

އަބްދުﷲ ޔޫސުފަކީ އެ ތަނުގައި ހުރި ކޮންމެ ކޮންމެ މީހާއެއް ނޫނެވެ. ނުމީހެއް ވެސް ނޫނެވެ. ނަންހިނގާ ބޭސްވެރިއެކެވެ. އެއީ ޅ.ނައިފަރު، ޗަންދަރުގޭ ހަކީމް އަބްދުﷲ ޔޫސުފް އެވެ. އެހެންވީމާ އެއްގޮތަކުން ބަލާއިރު ކަމާ ނުބެހޭ މީހެއްވެސް ނޫނެވެ. އަދި އެއީ ޝިހާބް ރަނގަޅަށް ދެނެވަޑައިގަންނަވާ މީހެކެވެ. އަބްދުﷲ ޔޫސުފަކީ މިފަދަ ކަމެއް ކޮށްފާނޭ މީހެއްކަންވެސް ޝިހާބްއަށް އެނގިވަޑައިގަންނަވަ އެވެ.

އިބްރާހީމް ޝިހާބު ވާހަކަ ފެއްޓެވީ ދުރުދުރުންނެވެ. މިއުޅެނީ ވަގުންގެ އަތްކަނޑަން ވެގެންނޭ އެކަމަކު އެކަން ކުރާނޭ އަދި ކުރާން ކެރޭނޭ މީހަކު ވެސް މިތާކު ނެތޭ ޝިހާބު ވިދާޅުވި އެވެ. ޑޮކްޓަރަކު ހުރިނަމަވެސް އޭނާއަކީ އެހެން ދީނެއްގެ މީހެއްކަމަށާއި، "ދިވެހިންގެ ގާނޫނެއް ތަންފީޒުކުރާއިރު ދިވެއްސަކަށް އެކަން ވާންޖެހޭނެ" ކަމަށްވެސް ޝިހާބު ވިދާޅުވި އެވެ. މިއީ އެ ދުވަހު ޝިހާބް ވިދާޅުވިކަމަށް ހަކީމް އަބްދުﷲ ޔޫސުފް ވިދާޅުވި ވާހަކަތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ވާހަކައެވެ. އެއާ ވިދިގެން ވިދާޅުވި ވާހަކައަކީ މިއަދުވެސް ވިސްނައި ނަޒަރުކޮށްލުން ހެޔޮ ވާހަކައެކެވެ. އަތްކަނޑަން ގެންދެވުނު މީހުންގެ އަތް ކަނޑާން ކެރޭނޭ މީހަކު ފެނިފައި ނެތްއިރުވެސް އެކަން ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމުގެ ހުއްޖަތަކަށް އިބްރާހީމް ޝިހާބް ވިދާޅުވީ "ވަގުންގެ އަތްކަނޑަން ގާނޫނު މިއޮތީ ފާސްކޮށްފައޭ، އެތިބި ނިޔާ ކަނޑައަޅާފައޭ" އެވެ. ގާނޫނު ދިރިދިރި އޮތްހައި ހިނދަކު ގާނޫނުގެ ބާރު ހިނގަންޖެހޭކަމީ އޭރުގައި ސުވާލެއް އުފެދޭ ޒާތުގެ ކަމެއްވެސް ނޫނެވެ.

އެ ވާހަކަ އަޑުއައްސަވާން ހުންނަވާފައި އެކަން ކުރާންވީ ގޮތް ވިދާޅުވެ ދެއްވީ ޝައިޚް ރުޝްދީ އެވެ. އަތުގެ ކުޑަހުޅުގައި ހިފައި ހުޅުން ނައްޓައިލީމާ އަތްތިލަ އޮންނާނީ އެލިފައޭ ދެން ކަނޑައިލީމާ ނިމުނީއޭ ޝައިޚް ރުޝްދީ ވިދާޅުވީ ވަރަށްވެސް ލުއިލުއި ގޮތަކަށެވެ. އެކަމާމެދު އެއްޗެއް ބުނުމުގެ ބަދަލުގައި ހަކީމް އަބްދުﷲ ހުރީ ހަނެވެ. ތާއީދު ލިބުނީ އެ ހުށަހެޅުމަށެވެ. އަމުރުފުޅާއެކު ސިފައިން ފެށީ، ހުކުމް ކުރެވުނު ދެ މީހުންގެ ތެރެއިން ގޮމަގޭ ސީދީގެ އަތް ކުޑަހުޅުން ބިންދާލުމުގެ މަސައްކަތެވެ. ނުއަތަށް ލަންބައި އިނގިލިތައް ގެންގޮސް އަތްދަނޑީގައި ޖެއްސިއިރުވެސް އަތް ބިންދައިގެނެއް ނުދިޔަ އެވެ. އެ ހިސާބަށް ދިޔައިމާ 'ތިޔައީ ބޭނުންކަމެއް ނޫނޭ' ހަކީމް އަބްދުﷲ އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެން ހަމަ ބުނުމާއެކު ޝައިހް ރުޝްދީ ސުވާލު ކުރެއްވީ ކަލެއަށް މިކަން ވެދާނެތޯ އެވެ. އޭގެ އިރުކޮޅެއް ކުރިން ރައީސް މުހައްމަދު އަމީންވެސް އޮތީ އެފަދަ އިޝާރާތެއް ކުރައްވާފަ އެވެ. ދައުލަތުގެ އެދިލެއްވުމަށް އެ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ހަކީމް އަބްދުﷲ ޔޫސުފާ މަތިކުރެވުނީ ވަގުތުން ވަގުތަށެވެ.

އަތް ބުރިކުރީ ކުރަފަތަކުން، ލޭ މަނާކުރީ ކެކިކެކި ހުރި ޒައިތޫނި ތެލުން

އަބްދުﷲ ޔޫސުފް އެދުނީ އެކަމަށް ގެނެސްފައި އޮތް ހަތިޔާރު ދިނުމަށެވެ. އެވާހަކަ އަޑުއައްސަވައި، ހަތިޔާރު ކޮބައިތޯ އަމީންދީދީ ސުވާލު ކުރެއްވީ ކެރަފާ މުހައްމަދު ކަލޭފާނާ އެވެ. ކަލޭފާނު ވިދާޅުވީ އެތަނަށް ގެނައުމަށް އެންގެވިފައި އޮތީ ޒައިތޫނި ތެލާއި އިންޖީނު އުނދުނަކާ ކަމަށެވެ. އޭރު އިންޖީނު އުނދުން މައްޗަށް ހުރީ ތެޔޮ އުދާފަ އެވެ. އަތްކަނޑާނޭކަން އާންމުކޮށް އިއުލާނުކޮށް ކުޅި ބަލަން މީހުންނަށް ދައުވަތު ދެވިފައި އޮތްއިރު ތޫނުކަމެއް ހުރި އެއްވެސް އެއްޗެއް އެތަނަށް ގެނެވިފައެއް ނެތެވެ. ޖެހުނީ އެއްގަމަށް މީހަކު ފޮނުވައިގެން ކުރަފަތެއް ގެނުވާށެވެ.

ހަކީމް އަބްދުﷲ ޔޫސުފަކީ ބޭސްވެރިކަން ދަންނަ މީހަކަށްވާތީ އިންސާނެއްގެ އަތް ކުޑަހުޅުން ބުރިކޮށްލުމަކީ ކޮންމެ ކޮންމެ ގޮތަކަށް ކޮށްގެންވާނޭ ކަމެއް ނޫންކަން އޭނާ ދެނަހުއްޓެވެ. އަތް ބުރިކޮށްލުމުގެ ކުރިން އައްސި ކުރުވިއްޖެނަމަ ބުރިކޮށްލާއިރު އަޅާ ވޭން ކުޑަވާނެ އެވެ. އެހެންނަމަވެސް އައްސި ކުރުމަކީވެސް މި ޒަމާނުގައި މި ކުރާ ގޮތަށް ކުރެވޭން އޮތް ކަމެއް ނޫނެވެ. ކުޑަކޮށް ސިކުނޑި ހިންގައިލި އިރަށް ހަކީމް އަބްދުﷲ އަށް މޮޅު ބުއްދިއެއް އައެވެ. އޭނާގެ ކުޑައިރުގެ ހަނދާނެކެވެ. އިނގިލީގައި ބާރަށް ރޮދި އޮޅައިގެން އިނގިލި އައްސި ކުރި ހަނދާނެވެ. މިކަމުން ހިޔާލު ލިބިގެން ފޮތިގަނޑެއް ހޯދައި ހަތަރު އިންޗިން ހަތަރު އިންޗިން އެ ފޮތިގަނޑު ވީދާލައިގެން ފަލަރޮއްޖަކަށް ހެދީ އެވެ. ދެން ސީދީގެ އަތުގައި ހިފަހައްޓައިގެން ކުޑަހުޅު ކައިރިން ބާރަށް ފޮތި އޮޅީ އެވެ. ބޭނުމަކީ އަތް އައްސި ކުރުވުމެވެ.

ފުރަތަމަ ބުރިކުރީ ގޮމާގޭ ސީދީގެ އަތެވެ. ފޮތިގަނޑު އޮޅައި ނިމުމުން ބިންމަތީގައި ފަންގަނޑެއް ބާއްވައި އެ ފަންގަނޑު މަތީގައި "ސީދިބެ" ބައިންދައިގެން ހަކީމް އަބްދުﷲ އިށީނީ ސީދީގެ ކުރިމައްޗަށް ވާ ގޮތަށެވެ. ސީދީގެ ކޮންމެ ފަރާތެއް ސިފައިންގެ ދެ ބޭކަލުން ތިއްބެވެ. އޭގެ ތެރެއިން އެއް ބޭކަލަކަށް ހަކީމް އަބްދުﷲ އެންގީ ސީދީގެ އަތުގެ ކުޑަހުޅާ ކައިރިން އަތުގައި ބާރަށް ހިފެހެއްޓުމަށެވެ. އަތުގައި ހިފެހެއްޓުމާއެކު ހަކީމް އަބްދުﷲ ގެ އަތުގައި އޮތް ކުރަފަތުން ސީދީގެ ކުޑަހުޅުގެ ވަށައިގެން އަޅައި އަތް ބުރިކޮށް ވަކިކޮށްލީ އެވެ. ފަސޭހަ ޖުމުލައަކުން މިހެން ބުނެލެވުނަސް ކުރަފަތް އަޅައިގެން އަތް ބުރިކޮށް ހުޅުން ވަކިކޮށްލެވޭ ވަރު ކުރެވޭނީ ކިހައި ބާރަކަށް އަދި ކިހައި ފަރިތަކޮށް އެކަން ކޮށްގެންކަން ސިކުނޑިއަށް ގެންނަވާށެވެ. ވަކިކޮށްލި އަތްތިލަ ހަކީމް އަބްދުﷲ ގެ އަތުން ނަގައި ދިއްކޮށްލީ އޭނާގެ ފުރަގަހުން ހުރި މީހާގެ އަތަށެވެ. އަތްބުރި ގެންދިޔައީ ސިފައިން ގެއަށެވެ. އެ އަތަށް ފަހުން ވީ ގޮތެއް ނޭނގެ އެވެ.

އޭރު އެ މަންޒަރު ފެންނަހައި ކައިރީގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި އާންމު ރައްޔިތުން ތިއްބެވެ. މަންޒަރު ދެކޭން އެންމެ ކައިރީގައި ހުންނެވީ ނާއިބު ރައީސް ވެލާނާގޭ އިބްރާހީމް ދީދީ އެވެ. އެ މަންޒަރު ދެކި ހޭފުޅަށް ގޮތްވެ އިބްރާހީމް ދީދީ ވެއްޓިވަޑައިގަތީ އެވެ. ނެންގެވީ އަރިހުގައި ތިއްބެވި ބޭކަލުންނެވެ.

އޭރު ހަކީމް އަބްދުﷲ މަސައްކަތް ކުރަމުން ގެންދިޔައީ ބުރިކޮށްލި އަތުން ލޭ މަނާކުރެވޭތޯ އެވެ. ކުއްލި ވިސްނުމަކާއެކު އެންގީ ޒައިތޫނި ތެޔޮ އެތި ކައިރިކޮށްދިނުމަށެވެ. ކެކިކެކި ހުރި ހޫނު ތެލުން ކަފަ ބުރެއްގައި ޖައްސައިގެން ބުރިކޮށްލި އަތުގެ ޒަހަމުގެ ހުރިހާ ދިމާއެއްގައި ހޫނު ތެޔޮ ޖެއްސީ އެވެ. އެހެން ހެދީ ލޭ މަނާ ކުރުމަށެވެ. އެކަންކޮށް ނިމުމުން "ސީދީބޭ ތެދުވެގެން ވަޑައިގަތީ" އަމިއްލައަށެވެ. މީހެއްގެ އެހީތެރިކަމަށް ނޭދެ އެވެ. ސީދީގެ އަތް ބުރިކޮށް ނިމުމާއެކު ދެން އައީ ބަޑިއަލީބޭގެ ހުސައިންދީދީ އެވެ. ސީދީގެ އަތް ބުރިކޮށްލި ގޮތަށް ހުސައިންދީދީގެ އަތްވެސް ބުރިކޮށް، ހޫނު ތެޔޮ ޖައްސައިގެން ލޭ މަނާކޮށް އޭނާވެސް ފޮނުވާލީ އެވެ. އެ ދެ މީހުން ގޮވައިގެން ސިފައިން ހުޅުލެއިން ދިޔަކަން ހަކީމް އަބްދުﷲ އަށް އެނގެ އެވެ. ގެންދެވުނީ ކޮން ތަނަކަށް ކަމެއް ނޭނގެއެވެ.

ކިތަންމެ ފަރިތަކަމާއެކު ކޮށް ނިންމާލެވުނަސް މި ހުރެވުނީ އިންސާނެއްގެ އަތް ކަނޑާފައިކަމާއި، އެ ދެ މީހުންގެ ހަށިގަނޑުގައި އަޅާނޭ ވޭން ހަކީމް އަބްދުﷲ އަށް ދިޔައީ ވަރަށް ރަނގަޅަށް އިހުސާސްވަމުންނެވެ. ހުޅުލެއިން މާލެ އާދެވުމާއެކު މައިޒާންދޮށުގޭ މުހައްމަދު މަނިކާ ބައްދަލުކުރި އެވެ. އަތް ބުރިކޮށްލެވުނު ދެ މީހުންނަށް ބޭހެއް ނުހަދާތޯ ސުވާލުކުރުމުން އެއީ މުހައްމަދު މަނިކުގެ ވެސް ކަންބޮޑުވުމަކަށް ވިއެވެ. ހަކީމް އަބްދުﷲ ގޮވައިގެން މުހައްމަދު މަނިކު ވަޑައިގަތީ އަތިރީ ގެއަށެވެ. އޭރު އަތިރީގޭ ދެކުނުފަރާތު އުނދޯލި ދާންކޮޅުގައި އަމީންދީދީ އިންނެވި އެވެ. ވާހަކަ ފެއްޓެވީ މުހައްމަދު މަނިކެވެ. ބޭހެއް ނުހަދަނީތޯ ދަންނަވަން ވެގެންނޭ މުހައްމަދު މަނިކު ވިދާޅު އިރަށް މުހައްމަދު އަމީން ވިދާޅުވީ ބޭސް ހެދުމެއް ނޯވޭ ނޫންތޯއޭ އެވެ. ބަސްބުނުން ވާޖިބުވެއްޖެކަމަށް ދެކި ހަކީމް އަބްދުﷲ ވާހަކަ ފެއްޓެވީ އެހިސާބުންނެވެ. "އާދެ! ބޭސް ހެދުމެއް ނޯވޭ. އެކަމަކު ހައްޔަރުކުރުމެއްވެސް ނޯވޭ ނޫންތޯ؟ އަތްކަނޑާފައި ދޫކޮށްލީމާ އެ ނިމުނީ ނޫންތޯ؟ އޭރަށް އަމިއްލައަށް ބޭސް ކުރެވޭނޭ ނޫންތޯ" އެ އަޑު އައްސަވައި އެއްވެސް ރައްދެއް ދެއްވުމެއްނެތި އަމީން ދީދީ މުހައްމަދު މަނިކަށް އަމުރުކުރެއްވީ އެ ދެމީހުންނަށް ބޭސް ހެދޭނޭ ގޮތް ހަކީމް އަބްދުﷲ ޔޫސުފަށް އަށް ފަހިކޮށްދިނުމަށެވެ.

އަމީންދީދީގެ އިޒުނަފުޅާއެކު ބޭސް ތައްޔާރުކޮށްގެން ހުޅުލެއަށް ދިޔައިރު ދެ މީހުންގެ ތެރެއިން ބޮޑުވަރުވެފައި އޮތީ ސީދީ އަށެވެ. އެއީ ސީދީގެ އަތުގައި އައްސާފައި އޮތް ފޮތިގަނޑު އެއްސިފައި އޮތްލެއް ބާރުކަމުން ވެފައި އޮތް ގޮތެކެވެ. އެކަން އެނގުމާއެކު އަވަހަށް ފޮތިގަނޑު މޮހާލައި ދޫކޮށްލުމުން ސީދީބެ ބުނިކަމަށް ވަނީ 'މިހާރު ޅަ ދުވަހެކޭ އެއްގޮތް' ކަމުގަ އެވެ. އަތްކެނޑިފަހުންވެސް އެ ދެމީހުން ހަމަ ރަނގަޅު ސިއްހަތުގައި އެމީހުންގެ ދިރިއުޅުން އުޅެމުން ގެންދިޔަ އެވެ.

ބަޑިއަލީބޭގެ ހުސައިންދީދީ އާއި ގޮމާގޭ ސީދީގެ އަތްކެނޑުން ހަކީމް އަބްދުﷲ ޔޫސުފާ ހަވާލުކުރެވުނީ އެކަން ކުރާނޭ އެހެން މީހަކު ނުވެގެންނެވެ. އެ ދުވަހުގެ ހުކުމް ތަންފީޒުކުރުމާއެކު ހަކީމް އަބްދުﷲ ޔޫސުފާ ނުރަސްމީކޮށް، އަދި ހަނިގޮތަކުން ހަވާލުކުރެވުނު މަސައްކަތް ރަސްމީ ވީ އެވެ. އޭގެ ދެދުވަސްފަހުން އޮމަދޫ ދޮންމުހައްމަދު ކިޔާ މީހެއްގެ އަތްކަނޑާލީވެސް ހަކީމް އަބްދުﷲ ޔޫސުފެވެ.

ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނުގެ ދަށުން މި ނޫން ބައެއްގެ އަތް ކެނޑިކަމަށް އަޅުގަނޑަށް ބެލުނު ލިޔުމަކުން ފެންނާކަށް ނެތެވެ. މި ތިން މީހުންގެ ވާހަކަވެސް މި ވަރަށްވެސް ތަފްސީލުކޮށްލެވެން އޮތީ އޮނަރަބަލް އަލްމަރުހޫމް އަލީ ހުސައިން ކުރައްވާފައިވާ ގައުމީ ހިދުމަތުގެ ސަބަބުންނެވެ. އަލީ ހުސައިން ވަނީ ހަކީމް އަބްދުﷲ ޔޫސުފްގެ ދުނިޔޭގައި އޭނާގެ ދުލުން މިވާހަކަތައް ކިޔުއްވައި ރެކޯޑުކުރުވާފަ އެވެ. އެއީ ތާރީހަށްޓަކައި ކޮށްދެއްވަމުން ގެންދެވި ވަރަށް ގިނަ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެކެވެ.

ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނާއި، އެ ގާނޫނު ތަންފީޒުކުރުން ވެގެން ދިޔައީ ޖުމްހޫރީ ވެރިކަމާމެދު ރައްޔިތުންގެ ހިތުގައި އުފައްދަމުންދިޔަ ރުޅިވެރިކަން އިތުރުވެގެން ދިޔަ ސަބަބަކަށެވެ.

ނަފުރަތު، ފަނޑިޔާރު މަނިކުފާނުގެ އަތްކަނޑަން ރޭވުމާއި ސަލާމަތްވެވުނު ހަނި ގޮތް

އަމީންދީދީގެ ވެރިކަމަށް ފެށުމާއެކު އެ ވެރިކަމާމެދު އުފެދުނު/އުފެއްދި ފުރަތަމަ ހިތްހަމަނުޖެހުމަކީ ބާރުވެރި މަގާމުތަކަށް އަންހެނުން އިސްކުރުމާއި އަންހެނުންނަށް ތައުލީމު ދެއްވުން ފުޅާކުރުން ފަދަ ކަންކަމެވެ. އޭރުގެ ސަގާފީ އާދައަކީ ފިރިހެނުންނާ ވަކިވެ، އަންހެނުން ގޭގައި ތިބުމެވެ. އެހެން އޮތްކަމެއް ބަދަލުވާން ދާތަން ފެނުން އެއީ ބާރުވެރި ފިރިހެނުންނަށް ކަމުދިޔަ ކަމަކަށް ނުވީ އެވެ. އެކަމުގައި އުފެދެން ފެށި ނަފުރަތުގެ ކަނިތައް ހުޅަކަށް ބަދަލުވީ ދުންފަތް މަނާކުރުމާ ހިސާބުންނެވެ. "ބިޑިސުއްޓާ، ސިނގިރޭޓް ގުޑާކު ދުންފަތް، ދިވެހިރާއްޖެއަށް ގެނައުމާއި، އެތަކެތީގެ އިސްތިއުމާލު ކުޅައުން މަނާކުޅައުމުގެ ގާނޫނު" ވުޖޫދަށް އައީ އެކަން ކުރާން ވިސްނާ ކަމުގެ ހިލަމެއްވެސް ރައްޔިތުންނަށް ނުވެ ހަމަ ކުއްލިއަކަށެވެ. އެ ރުޅިވެރިކަމުގައި ތިއްބައި، ވައްކަންކުރާ މީހުންގެ އަތްކެނޑުމާއި، މަރަށް މަރު ހިފުމަށް ހެދި ގާނޫނަކީ އެއްވެސް ހަމައަކުން ރައްޔިތުންނަށް ބަލައިގަނެވުނު ގާނޫނުތަކަކަށް ނުވި އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އުފެދުނުތާ 7 މަހާއި 10 ދުވަހުގެ ތެރޭގައި ފުރަތަމަ ޖުމްހޫރިއްޔާ އުވި ދިއުމެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުވިދިއުމާއެކު އެންމެ އަވަހަށް ކުރެވުނުކަމަކީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުރުހުންވި ގާނޫނުތައްވެސް އުވާލުމެވެ. ވައްކަންކުރާ މީހުންގެ އަތް ކެނޑުމުގެ ގާނޫނުވެސް އުވިދިޔައީ އެ ބަދަލުގެ ތެރެއިންނެވެ.

ޖުމްހޫރީ ވެރިކަން ބަދަލުވެގެން ދިޔަ ދުވަހު އާންމު މައިޒާންތަކަށް އެއްވި، ނުރުހުންވެފައިތިބި ރައްޔިތުން، ޖަލާލުއްދީން ފަނޑިޔާރު މަނިކުފާނާ ދެކޮޅަށް ވަރަށް ނުރައްކާތެރި ހަމަލާއެއް ރާވައި ތަންފީޒުކުރަން މަސައްކަތް ކުރެއްވި ވާހަކަ އަކީވެސް މަޝްހޫރު ވާހަކައެކެވެ. ރާވާފައި އޮތީ ފަނޑިޔާރު މަނިކުފާނުގެ އަތްޕުޅު ކެނޑުމަށެވެ. އެކަމުގައި އިސްކޮށް ހުންނެވިކަމަށްވަނީ އޭރުގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އެކަމަށް ބޭނުންވާ ހަތިޔާރާއެކު އެއްވެފައިތިބި މީހުން ޖަލާލުއްދީންގެ ގެކޮޅާ ދިމާކުރި އެވެ. އެހެނަސް އެދުވަސް ވެގެންދިޔައީ އެމަނިކުފާނު މާލޭގައި ވަޑައިގެން ނެތް ދުވަހަކަށެވެ. އެ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި، ހަމަ އެއްވެސް ސަބަބެއްނެތި، ކުއްލިއަކަށް ހިތްޕުޅަށް ގެނެވުނު ހިޔާލެއްގެ މައްޗަށް އެމަނިކުފާނު ވަޑައިގެން ހުންނެވީ ތުލުސްދޫ ނުވަތަ ހުރާގައި ކަމަށް ވެއެވެ. ނަސީބު ހުރީތީ އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ އެވެ.

ގާނޫނު ފާސްކުރަން ރައީސް އަމީން ބޭނުންފުޅުވިތަ؟

ވައްކަންކުރާ މީހުންގެ އަތްކެނޑުމަކީ، ވިލާތު މަންހަޖުގެ ޒަމާނީ ރައީސެއްގެ ވެރިކަމުގައި ކުރައްވަފާނެ ކަންކަމުގެ ލިސްޓަށް ގެންނަން ފަސޭހަ ކަމެއް ނޫނެވެ. އެމަނިކުފާނު އެކަން ކުރެއްވީ ކީއްވެތޯއާމެދު އެއްވެސް ޒަމާނެއްގައި މާ ފުޅާ ބަހުސެއް ކުރެވިފައި އޮތްކަމަށް ފެންނާކަށް ނެތެވެ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ ލޯބީގެ ތެރެއިން ސިޔާސީ ތާއީދެއް ހޯއްދެވުމަށްޓަކައި ކުރެއްވި ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެނަސް އެކަމުން އިތުރުވީ ތާއީދުގެ ބަދަލުގައި ނުރުހުމެވެ. އެކަން އަމީން ދީދީއަށްވެސް ވިސްނިވަޑައިގަތެވެ.

އެ ގާނޫނު ފާސްކުޅައީ "ތިޔަ ގާނޫނު ފާސްކޮށްފިއްޔާ ރާއްޖޭގައި ގިނައިން ތިބޭނީ އަތްބުރި މީހުންނޭ" އަމީންދީދީ ވިދާޅުވަމުން ގެންދަވަނިކޮށް ކަމަށް އޭރުގެ ބައެއް މީހުންނާ ހަވާލާދީ ލިޔުންތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް އެއީވެސް މުޅީން ރަނގަޅު ވާހަކައެއް ނޫންކަން ދެ ކަމަކުން ދޭހަ ކުރެވެ އެވެ. ފުރަތަމަ ކަމަކީ ރައްޔިތުންގެ ގެއާއި ސެނެޓުގެ އަގުލަބިއްޔަތު އޭރު އޮތް ގޮތެވެ. ރައީސް އެހާ ބޮޑަށް ބޭނުންފުޅުނުވާ ގާނޫނެއް ފަސްވެގެން އައުން އެއީ އޭރުގެ ގޮތުން ބަލާއިރު ވެދާނޭ ޒާތުގެ ކަމެއް ނޫނެވެ. ރައްޔިތުންގެ ގެއިންނާއި ސެނެޓުން ފާސްކުރަމުން ގެންދިޔަ ގާނޫނުތަކުގެ ލިސްޓަށާއި އެ ގާނޫނުތައް ފާސްކުރަމުން ގެންދިޔަ ގޮތަށް ނަޒަރު ހިންގާލީމާ އެކަން ސާބިތުވާނެ އެވެ.

ދެވަނައަށް، އަމީންދީދީގެ ތަގުރީރުތަކާއި ލިޔުއްވުންތަކަށް ބަލާއިރު، ވައްކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަކީ އެމަނިކުފާނުގެ އެތައް ތަގުރީރަކާއި މަޒުމޫނުތަކެއްގެ މައިގަނޑު ނުކުތާއެކެވެ. ހާއްސަކޮށް ބޮޑެތި ވައްކަންތަކެވެ. އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އޮތް ހައްލަކީ އަތްކެނޑުން ކަމަށް ދައުލަތުގެ އެކި ފަންތީގެ ވެރިންނާ ކަމުވޮށިގެންވާ މީހުން މެދުވެރިކޮށް ވަކާލާތު ކުރެވިފައި ވެއެވެ. އަދި ވައްކަންކުރާ މީހުންގެ އަތްކެނޑުމުގެ ގާނޫނެއް ފާސްވުމުގެ ކުރިން ރާއްޖޭގައި އޮތީ މަރަށް މަރު ހިފާފަ އެވެ. "އިސްލާމް ދީނުގެ ދީލަތި ހުކުމަކީ މަރަށް މަރެވެ". މި ސުރުހީގެ ދަށުން ލިޔެފައި އޮތް މަޒުމޫނު ޝާއިއުކޮށްފައި އޮތީ ސަރުކާރުގެ ހަބަރުގަ އެވެ. އެ ނޫހުގެ މުހައްރިރަކީ ރައީސް އަމީން އެވެ. މި ދެންނެވުނު ކަންކަމުން ކުރެވޭ ދޭހައަކީ ވައްކަންކުރާ މީހުންގެ އަތް ކެނޑުމަކީ ރައީސް އަމީން ބޭނުންފުޅުނުވަނީސް ފާސްވެގެން ތަންފީޒުކުރަން ޖެހިވަޑައިގެންނެވި ގާނޫނެއް ނޫން ކަމެވެ. އެގޮތަށް ދެކޭނޭ ޖާގައެއް ވެސް ނެތެވެ.

ވައްކަން ކުރާ މީހުންގެ އަތް ކެނޑުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން ވައްކަން ކުރުމުގެ މައްސަލައަށް އެ ޒަމާނަށް ބަލާއިރު ހައްލެއް ލިބިގެންދާނޭ ކަމާމެދު ޝައްކެއްވެސް ނެތެވެ. މިހެން މި ދެންނެވީ ދައުލަތާއި ވެރީންނާއި ގާނޫނާމެދު އޭރު ރައްޔިތުންގެ ހިތުގައި އޮތްކަމަށް ތާރީހު ހެކިދޭ އިހުތިރާމާއި ބިރަށްވެސް ރިއާޔަތްކުރުމާއެކު އެވެ. އެހެންނަމަވެސް ދަނޑިވަޅެއް ލިބުނު އިރަށް ދިވެހިރާއްޖެ އަވަސްވެގަތީ އެ ގާނޫނު އުވާލުމަށެވެ. އެކަން އެހެންވުމަށް މެދުވެރިވި ސަބަބުތައް ގިނަ އެވެ. ވައްކަންކުރާ މީހުންގެ އަތްކެނޑުމަކީ "އަނިޔާވެރި އަމަލެއް" ގެ ގޮތުގައި ސިފަކުރެވުމަކީ އެއް ސަބަބެވެ. އެއާއެކު އަތްކެނޑުން ފަދަ އަދަބެއް ތަންފީޒުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެވިފައި ނެތީސް އެކަމަށް ފަށައިގަތުމުން ނުކުތް ނަތީޖާއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.