Advertisement

ގޯލްކީޕަރުންނާ މެދު މި ފަހަރު ވެސް އަސްލަމް ހުރީ އަޒުމު ވަރުގަދަކޮށް

14 ސެޕްޓެންބަރު 2021 - 14:32 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެެރެއިން އަސްލަމް.-- ފޮޓޯ: އަދަދު


ގޯލްކީޕަރުންނާ މެދު މި ފަހަރު ވެސް އަސްލަމް ހުރީ އަޒުމު ވަރުގަދަކޮށް

14 ސެޕްޓެންބަރު 2021 - 14:32 0

ރާއްޖޭގެ ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލިިއިރު، އެވްރެޖް އުމުރަކީ 24 އަހަރެވެ. އެހާ ޒުވާން ޓީމެއްގެ ގޯލު ބަލަހައްޓަން ހުންނަ ކީޕަރެއް ރަނގަޅު ލެވަލަކަށް ތަމްރީން ކުރުމުގެ ޒިންމާ ބޮލުގައި އެޅިފައި އޮންނަނީ ޓީމުގެ ގޯލްކީޕަރު ކޯޗަށެވެ. އެ ޒިންމާއާ ހަވާލުވެ ހުރި ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއްރަހީމް، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިން ބުނި އެއް ވާހަކަ އަކީ "ގޯލްކީޕަރުން މި ފަހަރު ތަފާތު ދައްކާނެ" ކަމަށެވެ.

ކަން ދިމާވީ ވެސް ހަމަ އެ ގޮތަަށެވެ. އަސްލަމް ދިން އިތުބާރާއި އިރުޝާދުތަކުގެ ބޭނުންހިފައި ފައިސަލް ދެއްކި އާދަޔާހިލާފު މޮޅު ކުޅުމުގެ ސަބަބުން ރާއްޖެ އަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ލިބުނެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ ޓްރޮފީ ލިބުނީ ފައިސަލް އަށެވެ. ފައިސަލް ވަނީ އެ ކާމިޔާބީގެ ކްރެޑިޓް އަސްލަމަށް ހައްގުވާނެ ކަމަށް ބުނެފަ އެވެ.

މާލޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ކީޕަރު ފައިސަލް ބޯޅަ ހިފަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާްއިރު، އަސްލަމް މި ވަގުތު އަންނަނީ ގައުމީ ޓީމުގެ ގަތަރު ޓްރެއިނިން ކޭމްޕްގައި ތިބި ތިން ކީޕަރުން ޓްރެއިން ކުރަމުންނެވެ.

ޓްރެއިނިން ކޭމްޕްގައި ހަތަރު ކީޕަރުން ބައިވެރިކުރާ ގޮތަށް އެންމެ ފުރަތަމަ އޮތް ނަމަވެސް އެންމެ ފަހު ވަގުތު މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން)ގެ އަނިޔާ ރަނގަޅުނުވާތީ އޭނާ މާލޭގައި މަޑުކުރީ އެވެ.

ޓްރެއިނިން ކޭމްޕްގައި ފަރިތަކުރަމުން އަންނަނީ ފައިސަލްގެ އިތުރުން ކްލަބް ވެލެންސިއާގެ ގޯލުގައި މިދިޔަ ސީޒަނުގައި މޮޅަށް ކުޅުނު މުހައްމަދު ޝަފީއު (ޗެކް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގައި ހުރެ ތަފާތު ދެއްކި ނާޖިހު އަލީ (ނާޖީ) އެވެ.

"މިހާރު މި ކޭމްޕްގައި އައިސްތިބި ތިން ގޯލްކީޕަރުން. އެ މީހުންގެ ހަމަ 100 ޕަސެންޓް ދެމުން އެ ދަނީ. ވަރަށް ޔަގީންކަން އެބައޮތް އެ މީހުންނާ މެދު،" ގައުމީ ޓީމުގެ ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ރޭ ދިން އިންޓަވިއުއެއްގައި އަސްލަމް ބުންޏެވެ.

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ފައިސަލްގެ އިތުރުން ދެން ހިމެނުނު ކީޕަރުންނަކީ ހުސެން އާއި ހަސަން ތޮލާލް (ޓޮޕްލަކް) އެވެ. އެ ފަހަރު މުބާރާތާ ކުރިމަތިލިއިރު، ގަވާއިދުން ކްލަބް ލެވަލްގައި ކުޅެފައި އައި ކީޕަރަކީ ފައިސަލް އެވެ. އެކަަމަކު، މި ފަހަރު ހާލަތު ތަފާތެވެ. ޗެކް އާއި ނާޖީ ވެސް ވަނީ ލީގުގައި ފުދޭ ވަރަކަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. މިއީ އަސްލަމަށް އޮތް ހިތްހަމަ ޖެހުމެކެވެ.

"ގޯލްކީޕަރު ކޯޗަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން އެެއީ ލީގުގައި ކުޅެމުން އައި ކީޕަރުންތަކެއް ޓްރެއިން ކުރަން ލިބުމަކީ. އަޅުގަނޑު ދަންނަވާނީ ގައުމީ ޓީމަށް ވަރަށް ރަނގަޅަަށޭ ވެފައި މި އޮތީ ގޯލްކީޕިން ސައިޑުން ބަލާއިރު، ކުރިން އަހަރުތަކާ އަޅާކިޔާއިރު،" އެފްއޭއެމްގެ ގޯލްކީޕާސް އެކެޑަމީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި އަސްލަމް ބުންޏެވެ.

ކީޕަރު އިމްރާން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


އަސްލަމާ އެކު ގައުމީ ޓީމުގެ ގޯލްކީޕަރުން ތަމްރީން ކުރަން ދެން ހުރީ ގައުމީ ޓީމުގެ ގޯލު 17 އަހަރު ވަންދެން ބަލަހައްޓައި 109 މެޗު ރާއްޖެ އަށް ކުޅެދިން ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އިމްރާނާއި އަސްލަމްގެ ފަރާތުން ގޯލްކީޕަރުންނަށް ރަނގަޅު ތަމްރީންތަކެއް އަންނަނީ ލިބެމުންނެވެ. އަދި އިމްރާންގެ ތަޖުރިބާ އިން ކީޕަރުން ގިނަ ކަންތައްތަކެއް ދަސްކުރާނެ އެވެ.

މި ހުރިހާ ކަމަކަށް ބަލައި އަންނަ މަހު ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލާއިރު، އަސްލަމް ހުރީ ކުރިން ފަހަރަށް ވުރެން އަޒުމް ވަރުގަދަ ކޮށެވެ.

"އަޅުގަނޑު ބުނާނީ މި ފަހަރުގެ ގޯލްކީޕަރުންގެ ކޮމިޓްމަންޓް މާ ބޮޑަށް ވެސް ރަނގަޅޭ. ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ކުރިން ފަހަރު ފައިސަލް އެ ހޯދި ފަދަ ކާމިޔާބަކަށް މި ފަހަރު ވެސް އުއްމީދުކުރާށޭ. އަޅުގަނޑުގެ ހަމަ 100 ޕަސެންޓް ޔަގީން ކަމެއް އެބައޮތް އެ ވަރުގެ ބޮޑު ކާމިޔާބެއް މި ފަހަރު ވެސް ފައިސަލް ހޯދާނެ ކަމުގެ،" އަސްލަމް ބުންޏެވެ.

ދިވެހި ގައުމީ ޓީމުން ހޯދި ގިނަ ކާމިޔާބީތަކުގައި ގޯލްކީޕަރުންގެ ހިއްސާ ބޮޑެވެ. ކުރިއަށް އޮތް ސާފް ޗެމްޕިިއަންޝިޕް ކާމިޔާބުކޮށް ރާއްޖޭން ތިން ވަނަ ފަހަރަށް ސަރަހައްދުގެ ތަށި އުފުލާލާނަމަ އެ ކާމިޔާބީގައި ވެސް ކީޕަރުގެ ދައުރު ބޮޑުވާނެކަން ޔަގީނެވެ.