Advertisement

ހުވާކުރުން؛ ސީރިއަސްކަމެއް

10 ސެޕްޓެންބަރު 2021 - 08:27 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ހުވާކުރުން؛ ސީރިއަސްކަމެއް

10 ސެޕްޓެންބަރު 2021 - 08:27 0

ހުވައެއް ކުރަނީ ތިމާގެ ބަސް ހަމަ ހަގީގަތުގައިވެސް ތެދުކަން ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ. އަހަރެމެންނަކީ މުސްލިމުންކަމަށް ވީހިނދު، ﷲ ގެ ނަންފުޅު ގަނެފައި ދޮގު ނުހަދާނެކަން ނުވަތަ ހަދަން ނުކެރޭނެކަމަށް އަހަރެމެންނަށް ގަބޫލުކުރެވެ އެވެ. އެހެންވީމާ އަހަރެމެން މުސްލިމުން ދެކެނީ ހުވާކޮށްފައި ވަކި ކަމެއް އޮތީ ވަކި ގޮތަކަށްކަމުގައި މީހަކު ބުނާ ބުނުމަކީ ހަމަ ހަގީގަތުގައި ވެސް އޭނާ ﷲ އަށް ބިރުވެތިވެގެން ހުރެ ބުނާ ބުނުމެއް ކަމަށެވެ. އެމީހަކު އެހެން އެ ބުނަނީ ﷲ ގެ ނަންފުޅު ގަނެފައި ދޮގެއް ހަދައިގެން އޭނާއަށް ކޯފާއެއް އައިސްދާނެކަމަށް އޭނާ ގަބޫލުކޮށްގެން ހުރެ ކަމަށްވާތީ، އެބަސް ތެދެއްގެ ގޮތުގައި ކަށަވަރުކުރެވޭ ގޮތަށެވެ. އަހަރެމެން އެކަކު އަނެކަކާމެދު ކިތަންމެ އިހުމާލުވެ ފަރުވާކުޑަކޮށް ހެދިޔަސް މާތް ރަސްކަލާނގެ ނަންފުޅާމެދު އެފަދައިން އަމަލު ނުކުރާނެކަމަށް އަހަރެމެން މުސްލިމުން އެކަކު އަނެކެއްގެ ހައްގުގައި ވަރަށް ވަރުގަދައަށް ގަބޫލުކުރެ އެވެ.

މިހަގީގަތް އިސްލާމްދީން ދެނެގަނެފައިވެ އެވެ. އަދި އިސްލާމްދީން ދެކެނީ ހުވާކުރުމަކީ ސީރިއަސްކަމެއްގެ ގޮތުގަ އެވެ. އަލްމާއިދާ ސޫރަތުގެ 89 ވަނަ އާޔަތަށް ވިސްނާފިކުރު ހިންގަވާށެވެ. ހުވާކުރުމާބެހޭ ގޮތުން އައިސްފައިވާ އެވަހީ ބަސްފުޅު ނިންމަވާލައްފައިވަނީ، "...އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ!..." މިގޮތަށް އަންގަވަމުންނެވެ. ނަމާދުގެ މުހިންމުކަން އަހަރެމެންނަށް އެނގެ އެވެ. އަދި ނަމާދެއް ދޫކޮށްލުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގެ އެވެ. މާތް ﷲ ނަމާދާ ބެހޭ ގޮތުން ވެސް އެންގެވީ ނަމާދަށް ރައްކާތެރިވާށެވެ. ރައްކާތެރިވުމުގެ އަމުރުފުޅު އައިސްފައި އޮތުމުން ހުވާގެ ލަފުޒުގެ ސީރިއަސްކަން ވަރަށް ބޮޑަށް ދޭހަކުރެވެ އެވެ.

ހުވާއަކީ އެޔާމެދު އިތުބާރު އޮތް ވަސީލަތަކަށްވާހިނދު، ހުވާ އެއީ ބައެއް ފަހަރަށް ކޯޓުތަކުގެ ކުރިމަތީގައި ފަނޑިޔާރުންގެ އަރިހުގައި ކަންކަން ސާބިތުކުރުމުގައި ބޭނުން ހިފޭ ވަސީލަތެއްގެ ގޮތުގައިވެސް ހަމަޖެހިފައިވެ އެވެ. އަދި ހެކިންގެ ހެކިބަސް ފަދަ ސާބިތުކުރުމުގެ އެހެން ވަސީލަތްތައް ވަރުގަދަކުރުމުގެ ގޮތުން ހުވާ ބޭނުންކުރެވެ އެވެ. އެހެންކަމާއެކު ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުންވެސް ހުވާ ބޭނުންކުރުމުގައި ރައްކާތެރިވެ ހުށިޔާރުވެ ސީރިއަސްވުމަށް ދީން އަންގަވަ އެވެ.

ބުހާރީގައި ރިވާވެގެންވެ އެވެ. އައުރާބީއަކު އައިސް މާތް ނަބިއްޔާއަށް ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިތޯ އެވެ. ހަދީސް ކުރެއްވި އެވެ. ﷲ އަޅުކަންކުރުމުގައި އެހެން އެއްޗެއް ބައިވެރިކުރުމެވެ. ދެންނެވި އެވެ. ދެން ކޮންކަމެއް ހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. މައިންބަފައިންނަށް ނުބައިކޮށް ހިތުމެވެ. ދެންނެވި އެވެ. ދެން ކޮން ކަމެއް ހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. ދޮގުހުވާކުރުމެވެ. ދެންނެވި އެވެ. އެއީ ކޮންކަހަލަ ހުވައެއް ހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. އެއީ އެހުވައެއްގެ ޒަރީއާއިން ދޮގު ހަދައިގެން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުމަށް ކުރެވޭ ހުވަ އެވެ.

އެހެން ރިވާޔަތެއްގައި ވެ އެވެ. ހުވަޔެއް ކޮށްގެން މުސްލިމެއްގެ ހައްގު ނިގުޅައިގެންފި މީހާއަށް މާތް ﷲ ނަރަކަ ވާޖިބުކުރައްވައި، ސުވަރުގެ ހަރާންކުރައްވަ އެވެ. މީހަކު ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ކިތަންމެ ކުޑަ އެއްޗެއް ވިޔަސްހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. އިރާކު ދަނޑިކޮޅެއް ކަމަށްވިޔަސްވެހެވެ.

މިގޮތަށް ހަދީސް ބަސްފުޅުގައި އޮތުމުން ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދޮގު ހުވަޔެއް ވިޔަސް އެއީ ގަބޫލުކުރެވޭ އެއްޗެއް ކަމަށެވެ. އެކަން ކުރާ މީހަކަށް އަޒާބު ލިބުންކަމަށްވިޔަސް ވައީދުގެ ބަސްފުޅުތައް ހުރިކަމަށް ވިޔަސް އެމީހާގެ ބަސް ދުނިޔެމަތީގައި ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން އަލްގަލަމް ސޫރަތުގެ 10 ވަނަ އާޔަތަށް ބެލުމުން އެނގެ އެވެ.

އެއާޔަތުގައި އަންގަވަ އެވެ.

"އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައި ނުގަންނަވާށެވެ!"

މިއާޔަތުގެ އަލީގައި އިލްމުވެރިން ވިދާޅުވަނީ ތެދުބުނުމުގައި ވެސް ގިނަގިނައިން ހުވާކޮށް ހެދުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށެވެ. އަދި ހުވާ ގެ ވަސީލަތް ނާޖާއިޒު ގޮތުގައި ބޭނުންކުރާ މީހުންގެ ބަސް ގަބޫލުކުރުމަކީ ވެސް އޮތްކަމެއް ނޫންކަމަށެވެ.

އަމިއްލަ މަސްލަހަތުތައް ނެގެހެއްޓުމަށާއި ސަމާސާ ކަންކަމުގައި ނުވަތަ މުޖުތަމައުގައި ފިތުނައުފެދޭ ކަންކަމުގައި ﷲ ގެ ނަންގަނެ ބަސްބުނުމުގައި ފަރުވާލެއް ނުބެހެއްޓުން ގުރުއާނުގައި ސިފަކުރެވިފައިވަނީ ހުވާ ވިއްކައިގެން ވިޔަފާރިކުރުމުގެ މުއާމަލާތެއްގެ ގޮތުގަ އެވެ. އާލްއިމްރާން ސޫރަތުގެ 77 ވަނަ އާޔަތުގައި އަންގަވަނީ އެފަދަ މީހުންނަށް ގިޔާމަތް ދުވަހުން މާތް ﷲ ބަސްވަހީނުކުރައްވާނެ ކަމަށާއި އެފަދަ މީހުންނަށް ބައްލަވާ ވޮޑިނުގަންނަވާނެ ކަމަށެވެ. އަދި ފާފައިންވެސް އެމީހުން ތާހިރު ނުކުރައްވާނެ ކަމަށެވެ. އަދި އެމީހުންނަށް ވޭންދެނިވި އަޒާބު ދެއްވާނެ ކަމަށެވެ.

އަލްމުޖާދަލާ ސޫރަތުގެ 13 ވަނަ އާޔަތާއި 18 ވަނަ އާޔަތުގެ ނިޔަލަށް ވިސްނާ ފިކުރުކޮށް ތަދައްބުރުކުރުން ކޮންމެހެން މުހިންމެވެ. ހިތްޕުޅަށް ގެނެސް އިރުކޮޅަކު ހިފަހައްޓަވާލައްވާށެވެ. ﷲ އެބަޔެއްގެ މައްޗަށް ކޯފާލައްވާފައިވާ ބަޔަކު އެކުވެރި ރަހުމަތްތެރިން ކަމުގައި ހެދިމީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯ އެވެ؟ އެއީ ތިޔަބައިމީހުންގެ ތެރެއިންވާ ބައެއް ނޫނެވެ. އަދި އެއުރެންގެ ތެރެއިންވެސް ހިމެނޭ ބައެއް ނޫނެވެ. އަދި އެއުރެން ދެނެދެނެތިބެ، ދޮގުގެ މައްޗަށް ހުވާކުރެއެވެ. ﷲ އެއުރެންނަށްޓަކައި ގަދަވެގެންވާ އަޒާބެއް ތައްޔާރުކުރެއްވި އެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާ އެވެ. އެމީހުންގެ ހުވާތަކަކީ އައްޑަނަތަކެއްކަމުގައި އެއުރެން ހެދޫ އެވެ. ފަހެ، އެއުރެން ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކުރޫ އެވެ. ފަހެ، އެއުރެންނަށް އިހާނަތްތެރިކަންދެނިވި އަޒާބު ހުއްޓެވެ. އެއުރެންގެ މުދަލެއްވެސް، އަދި އެއުރެންގެ ދަރިންނެއްވެސް ﷲ ގެ ހަޒުރަތުން އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދޭނެ އެވެ. އެމީހުންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެ އެވެ. ﷲ އެއުރެން އެންމެން މަހުޝަރަށް ފޮނުއްވާ ދުވަހު، އެއުރެން ތިޔަބައިމީހުންގެ ގާތުގައި (މިއަދު) ހުވާކޮށްއުޅޭ ފަދައިން އެކަލާނގެ ހަޒުރަތުގައިވެސް އެއުރެން ހުވާކުރާނެ އެވެ. އަދި (ފައިދާކުރާނޭ) އެއްޗެއްގެ މަތީގައި އެއުރެންވާކަމަށް އެއުރެން ހީކުރެ އެވެ. ދަންނާށެވެ! ހަމަކަށަވަރުން އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.

އީމާންވެ ހުރިކަން އަހަރުމެން ދަންނަ މުސްލިމަކު، ހުވާކޮށް ބަހެއް ބުނެފިނަމަ، އަދި އެ ބަހާ އިދިކީލި، ސާބިތު ހެކިތަކެއް ފެންނާން ނެތްނަމަ، ﷲގެ ނަންފުޅު ގަނެ އޭނާ ބުނި ބަހަށް އިތުބާރުކުރުން ހެޔޮކަން ބޮޑެވެ. އޭނާ އެކުރި ހުވައަކީ ﷲގެ ނަމުގައި ކުރި ދޮގު ހުވައެއް ނަމަ.... ﷲ އީ މޮޅަށް އިންސާފު ކުރައްވާ ރަސްކަލާނގެ އެވެ!