Advertisement

އާޖެންޓީނާ ޓީމު ކުށްވެރިންނަށް ހެދުން ބަލައެއް ނުގަންނަން: ސްކަލޯނީ

6 ސެޕްޓެންބަރު 2021 - 10:21 0

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މެޗެއްގެ ތެރެެއިން އެ ޓީމުގެ ކެޕްޓަން މެސީ ގައިގައި ބައްދާލައިގެން.


އާޖެންޓީނާ ޓީމު ކުށްވެރިންނަށް ހެދުން ބަލައެއް ނުގަންނަން: ސްކަލޯނީ

6 ސެޕްޓެންބަރު 2021 - 10:21 0

ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 6) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗު ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އަރައި އަމަލުކުރި ގޮތުން ދޭހަވީ އާޖެންޓީނާ ކުޅުންތެރިންނަކީ ކުށްވެރިން ގޮތަށް ކަމަށާއި އެކަން ބަލައިނުގަންނަ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ބުނެ އެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.

މި މެޗަށް އާޖެންޓީނާ އިން ނެރުނު ފުރަތަމަ އެގާރައިގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ހިމެނެ އެވެ. އަދި ބެންޗުގައި އެސްޓަން ވިލާ އަށް ކުޅޭ އެމީ ބުއެންޑީއާ ވެސް ހުއްޓެވެ. މި ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ނިންމީ އެ ކުޅުންތެރިން ތިބީ ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ، ފުލުހުންނާ އެކު ދަނޑަށް އެރީ އެ ކުޅުންތެރިން ދަނޑުން ބޭލުމަށެވެ.

ބްރެޒިލާއި އާޖެންޓީނާގެ މެޗު ކުރިއަށް ނުގެންދެވިގެން އެންމެ ފަހުން ހުއްޓާލިކަން އިއުލާނުކޮށް މިހާރު އެ މެޗާ ބެހޭ ކަންކަން ނިންމާނީ ފީފާ ޑިސިޕްލިނަރީ ކޮމިޓީން ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އާޖެންޓީނާގެ ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސްކަލޯނީ ބުނީ މެޗު ކުޅެން ބްރެޒިލް ކުޅުންތެރިން ވެސް ބޭނުންވެގެން އެ ވާހަަކަ ދައްކަނިކޮށް ވަރަށް ހުތުރު ގޮތަކަށް މެޗު ހުއްޓާލަން ޖެހުން ބަލައިނުގަނެވޭ ކަމަށެވެ.

"ހަގީގަތަކީ މެޗު ކުރިއަށް ނުގެންދިޔައީ އަހަރެމެން ކުށްވެރިންނަށް ހަދާފައި. އެކަން ބަލައެއް ނުގަންނަން. އާޖެންޓީނާގެ ރައްޔިތުންނަށް އަހަރެން ބުނެލަން ބޭނުންވަނީ އަހަރެން މި ޓީމު (އާޖެންޓީނާ ޓީމު) ޑިފެންޑް ކުރާނަން،" ސްކަލޯނީ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ކުރިން އާޖެންޓީނާގެ އެ ހަތަރު ކުޅުންތެރިންނަށް ނުކުޅެވޭނެކަމަށް ބްރެޒިލްގެ ސިއްހީ އޮފިޝަލުން އެންގިކަމަށް އެ ބުނާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށެވެ.

ބްރެޒިލް އޮފިޝަލުން އާޖެންޓީނާގެ އެ ހަތަރު ކުުޅުންތެރިންގެ މައްޗަށް ކުރާ ތުހުމަތަކީ މައުލޫމާތު އޮޅުވާލިކަމުގެ ތުހުމަތެވެ. އެ ފަދަ ގޮތަކަށް ބްރެޒިލަށް އެތެރެވާ މީހުން ގައުމުން ޑީޕޯޓްކޮށްލާ ގޮތަށް އުސޫލު ހަދާފައިވާއިރު، އާޖެންޓީނާގެ އެ ކުޅުންތެރިންނާ މެދު ބްރެޒިލްގެ ފުލުހުން އަމަލުކުރަން އުޅުނީ އެ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ އާޖެންޓީނާ ފުޓްބޯޅަ ޓީމުން ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލަށް ފުރިހަމަ އަށް އިހުތިރާމްކުރި ކަމަށާއި ފީފާ އިން މީގެ ގޮތެއް ނިންމާއިރު، ބަލަން ޖެހޭނެ ކަންކަން ވީ އެންމެ ފުރިހަމަ އަށް ތަހުގީގުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.